17 ފެބުރުއަރީ 2018 - 17:56

ރިޔާޒް (ފެބްރުއަރީ 17) - ސައުދީ އަރަބިއާގައި ފުރަތަމަ ފަހަރަށް ގައުމީ ފެންވަރުގެ ތާސް މުބާރާތެއް ބާއްވާނެކަން އިއުލާން ކުރުމާ އެކު ބައެއް މީހުން ޚިޔާލު ތަފާތުވެއްޖެ އެވެ.
ސައުދީގެ ޖެނެރަލް ސްޕޯޓްސް އޮތޯރިޓީގެ ޗެއާމަން ތުރުކީ އަލް ޝެއިޚް ވިދާޅުވީ އެޕްރީލް 4-8 އަށް ބާއްވާ މުބާރާތުގެ ގަދަ ހަތަރަކަށް އެއް މިލިއަން ރިޔާލް (270،000 ޑޮލަރު) ގެ އިނާމު ހުށަހަޅާފައިވާ ކަމަށެވެ. އެއް ވަނަ އަށް އަންނަ ފަރާތަކަށް ބައި މިލިއަން ރިޔާލް ދޭނެ އެވެ. މުބާރާތް ކުރިއަށް ދާނީ ކިންގް އަބްދުﷲ ޕެޓްރޯލިއަމް ސްޓަޑީޒް އެންޑް ރިސާޗް ސެންޓަރުގަ އެވެ. މުބާރާތް ސުޕަވައިޒް ކުރާނީ ސައުދީ އަރަބިއާގެ ފެޑެރޭޝަން ފޯ އިލެކްޓްރޯނިކް އެންްޑް އިންޓެލިޖެންސް ސްޕޯޓްސް އިންނެވެ.
ފްރާންސްގައި މަޝްހޫރު ތާހުގެ ގޭމެއް ކަމަށްވާ ބެލޯޓްއާ އެއްގޮތަށް ސައުދީގައި ކުޅޭ ބަލޫތު ގޭމާ މެދު ބައެއް މީހުން ވަނީ ޚިޔާލު ތަފާތުވެފަ އެވެ. އެއް ބަޔަކު ވަނީ ތާސް ކުޅުމަކީ އިސްލާމް ދީނުގައި ހުއްދަ ނޫން ކަމެއްގެ ގޮތުގައި ބެލެވޭ ކަމެއް ކަމަށާއި މިހާރު އެ ކަން ހަލާލް ކަމަކަށްވީތޯ ސުވާލު ކޮށްފަ އެވެ. އަނެއް ބަޔަކު ބުނީ ބޮޑު އިނާމަކާ އެކު ތާސް މުބާރާތެއް ބޭއްވުމަކީ މޮޔަ ކަމެއް ކަމަށާއި އެއީ ޖުވާ ކުޅުމާ އެއްފަދަ ކަމެއް ކަމަށެވެ.
"މިއީ މިއަދު އަހަރެމެންގެ ކަންތައް ހުރި ހިސާބަކީ. އިނާމަކާ ނުލައި ވެސް ދީނުގައި ހުއްދަ ނޫން ކުޅިވަރެއް މިހާރު މި ވަނީ އިނާމަކާ އެކު ހުއްދަކޮށްފައި،" ޓްވިޓާގައި އެކަކު ޚިޔާލު ފާޅުކޮށްފައިވެ އެވެ.
"މިހާރު ޖުވާ ކުޅުން ވެސް ހުއްދަވީ. ދެން މި އިންތިޒާރު ކުރަނީ ފުރަތަމަ ކެސިނޯ ހުޅުވާނެ ދުވަހަކަށް،" އެހެން މީހަކު ޓްވިޓާގައި ބުނެފައިވެ އެވެ.
ތާސް މުބާރާތަށް ބައެއް މީހުން މަރުހަބާ ވެސް ކިޔާފައިވެ އެވެ.
ވިޝަން 2030 ރިފޯމް ޕްލޭނުގެ ދަށުން ސައުދީގައި މިހާރު ދަނީ ކުރިން މަނާ އެތައް ކަމަކަށް ހުއްދަ ދެމުންނެވެ. ސައުދީ ވަލީ އަހުދުގެ މަގާމަށް މިދިޔަ އަހަރުގެ ޖޫން މަހު މުހައްމަދު ބިން ސަލްމާން ވަޑައިގެންނެވި ފަހުން ވަނީ އަންހެނުން ކުޅިބަލަން ސްޓޭޑިއަމްތަކަށް ދިއުމުގެ ހުއްދަ ދީފަ އެވެ. އަދި މި އަހަރުގެ ޖޫން މަހުން ފެށިގެން އަންހެނުންނަށް ކާރު ދުއްވުމުގެ ހުއްދަ ދޭން ވެސް ވަނީ ނިންމައިފަ އެވެ. މިއީ ކުރިން މަނާ ކަންތަކެވެ. އަދި 35 އަހަރަށް ފަހު ސައުދީގައި މިހާރު ވަނީ ސިނަމާ ހުއްދަ ކޮށްފަ އެވެ.