އެކްތާ ކަޕޫރު "ކަސޯޓީ ޒިންދަގީ ކޭ" އަލުން އުފައްދަނީ
އެކްތާ ކަޕޫރު "ކަސޯޓީ ޒިންދަގީ ކޭ" އަލުން އުފައްދަނީ

އެކްތާ ކަޕޫރުގެ ކްލެސިކް ލޯބީގެ ވާހަކަތަކުގެ ތެރެއިން ވެސް "ކަސޯޓީ ޒިންގީ ކޭ" އަކީ ގިނަ ބަޔަކަށް އެންމެ މަގްބޫލު ސިލްސިލާ އެވެ. މިހާރު މި ސިލްސިލާ އަލުން އުފައްދަން އެކްތާ ވަނީ ގަސްތުކޮށްފަ އެވެ. ޓެލެވިޒަން ޝޯއެއްގެ ގޮތުގައި މި ޝޯ އަލުން އުފައްދަނީ މުޅިން އާ ޝޯއެއް ގޮތަށެވެ.

އެކްތާގެ އިންސްޓަގްރާމް ޕޯސްޓެއްގައި، މި ޝޯ އަލުން އުފައްދާކަމުގެ ބައެއް އިޝާރާތްތައް ވަނީ ދީފަ އެވެ.

"އަހަރެންގެ ހަލާކުވެފައިވާ ހިތުގެ އެތިކޮޅެއް ލައިގެން އަހަރެން 2001 ގައި ލިޔުނު... 17 އަހަރަށް ފަހު އަހަރެން އަނެއްކާވެސް އަލުން ވުޖޫދު މިކުރަނީ އަމިއްލައަށް ތަޖުރިބާކުރި ވޭންތަކަކާއި ކުރެވިފައިވާ ތަޖުރިބާތަކަކާ އެކު. ނުވަ އަހަރު ވަންދެން ޓީވީން ދައްކާފައިވާ އަހަރެންގެ އެންމެ ކާމިޔާބު ލޯބީގެއެއް ވާހަކަ !!! އަނެއްކާވެސް އަހަރެންގެ ހަލާކުވެފައިވާ ހިތް ނަގައިގެން މި ވާހަކަ އާޓަށް ބަދަލު ކޮށްލަނީ،" އެކްތާގެ މެސެޖްގައި ބުނެފައިވެ އެވެ.

އެކްތާގެ މެސެޖުގައި އިތުރަށް ވާގޮތުން މިފަހަރުގެ ޝޯގައި ބައިވެރިވާ އެކްޓަރުންގެ ނަންތައް ވަރަށް އަވަހަށް އިއުލާން ކުރާނެ އެވެ. އަދި އެނައުންސްމަންޓަށް އިންތިޒާރު ކުރުމަށް އޭނާ އެދިފައިވެ އެވެ.

އެކްތާގެ މެސެޖުން މާ ބޮޑަށް ޔަގީން ނުވިޔަސް މިކަމާ ގުޅޭ މައުލޫމާތު ހުރި މީހުން ބުނަނީ "ކަސޯޓީ ޒިންދަގީ ކޭ" އަލުން އުފައްދަން އެކްތާ ނިންމާފައިވާ ކަމަށާއި ވަރަށް އަވަހަށް މި ޝޯ އަލުން ޓީވީ ސްކްރީނަށް އަންނާނެ ކަމަށެވެ.

މި ޝޯއަކީ އެކްތާގެ ބާލާޖީ ޓެލެފިލްމްސްގެ ވެސް އަދި ސްޓާ ޕްލަސްގެ ވެސް އެންމެ ކާމިޔާބު ޝޯތަކުގެ ތެރޭގައި ހިމެނޭ ޝޯ އެކެވެ.

ސްޓާ ޕްލަސް ބަލާ މީހުން މަދުވެ އެ ޗެނަލުން ދައްކާ ސިލްސިލާތަކުގެ ޓެލެވިޒަން ރޭޓިން ޕޮއިންޓްސް (ޓީއާރުޕީ) ދަށްވަމުން ދާތީ ޗެނަލްގެ އިސް މީހުން ވިސްނާތާ ދުވަސްކޮޅެއް ވެއްޖެ އެވެ. އެގޮތުން އަންނަ ޖޫން މަހު އެ ޗެނަލަށް ބޮޑު ބަދަލުތަކެއް ގެންނަން ވަނީ ނިންމާފަ އެވެ. އަދި ކުރިން ދައްކާފައިވާ މަޝްހޫރު ބައެއް ޝޯތައް އަލުން އުފައްދަން ވެސް ގަސްތުކުރެ އެވެ. އެގޮތުން އަލުން އުފައްދާ އަނެއް ޝޯ އަކީ "ކިޗްޅީ" އެވެ. މި ވަރާ މަޖާ ކޮމެޑީ ސިލްސިލާއެކެވެ.

"ކަސޯޓީ ޒިންދަގީ ކޭ" އަކީ 2001 ގައި ދައްކަން ފެށި ޝޯ އެކެވެ. ޝޯގައި ލީޑް ރޯލު ކުޅުނީ ޝްވޭތާ ތިވާރީ އާއި ސިޒާން ޚާނެވެ. ލޯބިން ފޯވެފައި ތިބި ޒުވާން ޖޯޑެއް ކަމަށްވާ ޕްރޭރްނާ އާއި އަނުރާގުގެ ރޯލު މި ދެ ތަރިން މި ސިލްސިލާގައި އަދާކުރި އެވެ.

މި ޝޯގައި އުރުވަޝީ ޑޯލަކިއާ ކުޅުނު ކޯމަލިކާގެ ރޯލަކީ ވެސް ވަރަށް މަޝްހޫރުވެގެން ދިޔަ ރޯލެކެވެ. އަދި ރޯނިތު ރޯއީ އަދާކުރި މިސްޓަ ބަޖާޖްގެ ރޯލު ވެސް އެހާމެ މަޝްހޫރެވެ.