17 ފެބުރުއަރީ 2018 - 12:52

ޒިއުރިކް، ސްވިޒަލެންޑް (ފެބްރުއަރީ 17) - ނެދަލެންޑްސްގެ ރޮޓެޑަމްގައި މިހާރު ކުރިއަށްދާ މުބާރާތުގެ ސެމީން ފުރުސަތު ހޯދައި ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއް ވަނަ އަށް ރެކޯޑަކާ އެކު ރޮޖާ ފެޑެރާ އަލުން ޖެހިލައިފި އެވެ.
ފެޑެރާ ސެމީން ފުރުސަތު ހޯދީ ކުއާޓާގައި ރޮބިން ހޭސެ ބަލިކުރުމަށް ފަހު އެވެ. ރަފައެލް ނަޑާލް ފަހަތަށް ޖައްސާލުމަށް ފަހު އުމުރުން 36 ފެޑެރާ ރޭންކިން އެއް ވަނަ އަށް އެރިއިރު، އޭނާ އަކީ ޓެނިސް ތާރީހުގައި ރޭންކިން އެއް ވަނަ އަށް އެރި އެންމެ ދުވަސްވީ ކުޅުންތެރިޔާ އެވެ. ކުރިން ރޭންކިން އެއް ވަނަ އަށް އެރި އެންމެ ދުވަސްވީ ކުޅުންތެރިޔަކީ 2003 ވަނަ އަހަރު އެއް ވަނައިގައި އޮތް އަންދްރޭ އަގާސީ އެވެ.
"ރޭންކިން އެއް ވަނަ އަށް އެރުމަކީ ވެސް ކޮންމެ ކުޅިވަރެއްގައި ވެސް އެންމެ މަތީ ކާމިޔާބީ. މި ހިސާބަށް އަލުން މި އާދެވުނީ ވަރަށް އާދަޔާހިލާފު ތަޖުރިބާތަކަކާ އެކު އަހަންނަށް މިހާރު 36 އަހަރު. ގާތްގަނޑަކަށް 37 އަހަރޭ ވެސް ބުނެވިދާނެ،" ފެޑެރާ ބުންޏެވެ.
ޓެނިސް އަންހެންގެ ރޭންކިން އެއް ވަނައިގައި އޮތް އެންމެ ދުވަސްވީ ކުޅުންތެރިޔަކީ 35 އަހަރުގައި ސެރީނާ ވިލިއަމްސް އެވެ. ސެރީނާ އަށް އެއް ވަނަ ގެއްލުނީ މިދިޔަ އަހަރު މެއި މަހު އެވެ.
ރޮޓެޑަމް މުބާރާތުގެ ސެމީ ފައިނަލުގައި މިރޭ ފެޑެރާ ވާދަކުރާނީ އިޓަލީގެ އަންޑްރެއަސް ސެޕީއާ ދެކޮޅަށެވެ. މިިދިޔަ މަހު އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކޮށް ފެޑެރާ ވަނީ 20 ގްރޭންޑް ސްލޭމް ތަށި ހަމަކޮށްފަ އެވެ. ފެޑެރާ ވަނީ ރޮޓެޑަމް މުބާރާތް ދެ ފަހަރު ކާމިޔާބު ކޮށްފަ އެވެ.