ކަށްވަޅުގައި މަރުނުވެ 11 ދުވަހު އޮތް ކަމަށް ބުނެފި
ކަށްވަޅުގައި މަރުނުވެ 11 ދުވަހު އޮތް ކަމަށް ބުނެފި

ބްރެޒިލް އަންހެނަކު މަރުނުވަނީސް "ވަޅުލުމުން" މަރު ނުވެ 11 ދުވަސް ވަންދެން ކަށްވަޅުގައި އޮތް ކަމަށް އެ މީހާގެ އާއިލާއިން ބުނެފި އެވެ. އެ މީހާ ކަށްވަޅުން ނެގީ މުށިން ހަދާފައިވާ މަހާނަ ތަޅާލައިގެން، ސަންދޯއް ނަގައިގެންނެވެ.

އެ ސަންދޯއް ނެގީ މަހާނައިން މީހަކު ރޯ އަޑު އިވޭ ކަމަށް، އެ ހިސާބުގައި އުޅޭ މީހުން ބުނުމުން ކަމަށް ބްރެޒިލްގެ އޮންލައިން ނޫސް ޖީއައިއިން ބުނެފައިވެ އެވެ. ނަމަވެސް އެމީހާ ނެގިއިރު ފުރާނައެއް ނެތެވެ.

ސަންދޯކަށް ވަރަށް ބޮޑަށް ގެއްލުން ވެފައި ހުރުމުން، އޭގައި އޮތް އަންހެންމީހާ އެ ހަލާކުކުރަން ވަރަށް މަސައްކަތް ކޮށްފައިވާ ކަން ޔަގީންވާ ކަމަށް ސަންދޯއް ކޮނެގެން ނެގި މީހުން ބުންޏެވެ.

އުމުރުން 37 އަހަރުގެ މިހާ ކަށްވަޅުން ނެގި މީހުން ބުނި ގޮތުގައި އެ މީހާ ވަޅުލި އިރު މޫނާއި އަތުގައި ނެތް ޒަޚަމްތަކެއް، ސަންދޯކުން ނެގިއިރު ހުއްޓެވެ. އެއްބަޔަކު ބުނި ގޮތުގައި އެ މީހާ ނެގި އިރު ވެސް ހަށިގަނޑުގައި ހޫނުކަން ހުއްޓެވެ.

އެ މީހާގެ މަންމަ ބުނި ގޮތުގައި ސަންދޯކުން ނުކުންނަން ވެގެން ދަރިފުޅު ކޮށްފައިވާ މަސައްކަތުން ސަންދޯކުގެ ބައެއް މޮހޮރުތައް ވެސް ހުރީ ދޫވެފަ އެވެ. އަދި ސަންދޯކުގެ ބައެއް ތަންތަން ހަލާކުވެފައި ވާއިރު އޭގެ ތެރޭގައި ލޭ ވެސް ހުރި ކަމަށް ބުންޏެވެ.

މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނައިރު، ގަބުރުސްތާނު ކައިރީ އުޅޭ ބައެއް މީހުން ބުނެފައި ވަނީ އެ އަންހެން މީހާގެ މަހާނައިން ބަލި އަޑަކުން ރޯ އަޑު އިވުނު ކަމަށެވެ.