18 ފެބުރުއަރީ 2018 - 06:29

އިންޑިއާގެ ނިއު ދިއްލީގައި ހުންނަ އެޕޯލޯ ހޮސްޕިޓަލުން އާސިފް ޚާން ހުކުރު ދުވަހު ނިކުމެގެން އަންނަތަން ފެނުމުން މީހުންނަށް ލިބުނީ ވަރަށް ބޮޑު ހައިރާން ކަމެކެވެ. އެއީ އުމުރުން 22 އަހަރުގެ މި ޒުވާނާގެ ފުރާނަ ސަލާމަތް ވެދާނެ ކަމަށް އެކަކަށް ވެސް އުންމީދު ނުކުރެވުނީމަ އެވެ.

އާސިފް ހޮސްޕިޓަލުން ދޫކޮށްލުމުގެ 12 ދުވަސް ކުރިން ޖެހުނު ވަރުގަދަ ހާޓް އެޓޭކެއްގައި ހިތް ހުއްޓިފައި ގަޑިއެއްހާއިރު އޮތެވެ. އެ ހޭދަވި ވަގުތުގައި އެންމެ ފަހަރަކު ވެސް ހިތުގެ ވިންދެއް ޖަހައިނުލަ އެވެ.
އަލީގަޅްގައި އިންޖިނިއަރެއްގެ ވަޒީފާ އަދާކުރާ އާސިފް ސަލާމަތްވުން ގިނަ ބަޔަކު ސިފަ ކުރަނީ "މެޑިކަލް މިރަކްލް' އެއްގެ ގޮތުގަ އެވެ.
އާސިފް ހޮސްޕިޓަލަށް ދިޔައީ ވަރަށް ގަދަޔަށް މޭގައި ރިއްސާތީ އެވެ. އޭނާއަށް ހާޓް އެޓޭކް ޖެހުނީ ހޮސްޕިޓަލުގައި ޑޮކްޓަރުން އޭނާ ބަލަމުން ދަނިކޮށެވެ. ހާޓް އެޓޭކް ޖެހުމާއެކު ޓްރައުމާ ސްޕެޝަލިސްޓުން ސީޕީއާރު ދީ، އޭނާގެ ހިތަށް ލޭ ފޮނުވައިދިނުން ހުއްޓުނަ ނުދީ ބެހެއްޓި އެވެ. އަދި ޑިފެބްރިލޭޓާ ބޭނުންކޮށްގެން ހިތަށް ޝޮކް ދެމުން ދިޔަ އެވެ.
އާސިފްގެ ހުއްޓިފައިވާ ހިތް އަލުން މަސައްކަތް ކުރަން ފެށީ ގަޑިއެއްގެ އިރު މަސައްކަތް ކުރި ފަހުންނެވެ. ނަމަވެސް ލޭ ހޮޅީގައި ލޭ ކޮޅެއް ގަނޑުވެފައި އިން ތަން ބަަލަން އެންޖިއޮގްރާމް ހަދަން ކެތު ލެބަށް ގެންދިޔަ ތަނާ އަނެއްކާވެސް އޭނާގެ ހިތް ހުއްޓުނެވެ. ނަމަވެސް އެ ވަގުތު ޑޮކްޓަރުންނަށް ކުރެވޭނެ އެހެން ކަމެއް ނެތުމުން އެންޖިއޮގްރާމް ހަދާފައި ލޭ ކޮޅު ގަނޑުވެފައި އިންތަން ހޯދައި އެ ލޭކޮޅު ދުއްވާލި އެވެ. އަދި އެ ލޭހޮޅިއަށް ސްޓެންޓެއް ލެއްވި އެވެ. މި ހުރިހާ ވަގުތެއްގައި ވެސް އޭނާއަށް ސީޕީއާރު ދެމުން ގެންދިޔަ އެވެ.
މި ފަރުވާ އަށް ފަހު މަޑުމަޑުން އާސިފް ރަނގަޅުވަމުން އައިސް މިދިޔަ ހުކުރު ދުވަހު އޭނާ ދޫކޮށްލި އެވެ.