މިއީ ބޮލީވުޑްގެ ކާމިޔާބު އަހަރަކަށް ވެދާނެ
މިއީ ބޮލީވުޑްގެ ކާމިޔާބު އަހަރަކަށް ވެދާނެ

މިއީ ބޮލީވުޑަށް ވަރަށް ކާމިޔާބު އަހަރަކަށް ވާނެކަމަށް ތަޖުރިބާކާރުން ބުނަން ފަށައިފި އެވެ. ފިލްމީ ވިޔަފާރީގެ ތަޖުރިބާކާރުން ބުނަނީ މި އަހަރަކީ ބޮލީވުޑްގެ ތާރީޚުގައި ވެސް ފާހަގަކޮށްލެވޭ ވަރުގެ ކާމިޔާބު އަހަރަކަށް ވާނެ ކަމަށެވެ. ފިލްމު އިންޑަސްޓްރީއަށް މި އަހަރަކީ އުޖާލާ އަހަރެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ވަރަށް ގިނަ ސަަބަބުތައް އެބަހުއްޓެވެ.

އޭގެ ތެރެއިން އެއް ސަބަބަކީ މި ފާއިތުވި ދޮޅުމަހެއްހާ ދުވަސް ނަމަވެސް މި ދުވަސްކޮޅު ތެރޭގައި ވެސް ނުކުތް ގިނަ ފިލްމުތަކަކަށް ބޮޑު ކާމިޔާބީއެއް ލިބިފައި ވުމެވެ.

މިއަހަރުގެ މިހާތަަަނަށް ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން "ޕަދްމާވަތު" އަށް ވަނީ 300 ކްރޯޑު (ތިން ބިލިއަން ރުޕީސް) އަށް ވުރެ ގިނައިން ލިބިފަ އެވެ. އަދި މިދިޔަ ހަފުތާގައި ނެރުނު "ޕެޑް މޭން" އަށް ވެސް ފުދޭ ވަރެއްގެ ރަނގަޅު ފައިދާއެއް އަންނަނީ ލިބެމުންނެވެ. މި ފިލްމަށް މުޅި ދުނިޔެއިން 100 ކްރޯޑުު (އެއް ބިލިއަން ރުޕީސް) އަށް ވުރެ ގިނައިން މިހާރު ވަނީ ލިބިފަ އެވެ.

ނީރަޖް ޕާންޑޭގެ "އައްޔާރޭ" އާ މެދު ވެސް ކުރެވެނީ ފޮނި އުންމީދުތަކެކެވެ. އަދި އަނުޝްކާ ޝަރުމާގެ "ޕަރީ" އަކީ ވަރަށް ކާމިޔާބު ފިލްމަކަށް ވާނެކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ޓްރޭޑް އެނަލިސްޓް އަތުލް މޯހަން ބުނި ގޮތުގައި މި އަހަރަކީ ވަރަށް ބަރާބަރު އަހަރަކަށް ވާނެކަމަށް އުންމީދު ކުރެވެ އެވެ. ކޮލިޓީ ރަނގަޅު ތަފާތު ވައްތަރުތަކުގެ ފިލްމުތައް މި އަހަރު ރިލީޒްވާން އެބަހުރި ކަމަށާއި މިދިޔަ އަހަރު ޖުމުލަކޮށް ލިބުނު ވަރުގެ 15 ޕަސެންޓް މިއަހަރުގެ އެންމެ 40 ދުވަސް ތެރޭ ލިބިފައިވާކަން އޭނާ ފާހަގަ ކުރި އެވެ.

ޓްރޭޑް އެނަލިސްޓް އަމޯދް މެެހެރާ ބުނި ގޮތުގައި ވަރަށް ޝައުގުވެރި އަދި އެހާމެ ތަފާތު މައުލޫތަކަކަށް އުފައްދާ ގިނަ ފިލްމުތަކެއް މިއަހަރު ރިލީޒްވާން އެބަހުއްޓެވެ. އަދި ސުޕަސްޓާރުންގެ ދަރަޖަ ދީފައިވާ ހުރިހާ އެކްޓަރުންގެ ފިލްމު ވެސް މިއަހަރުގެ ކުރިޔަށް އޮތް ދުވަސްތަކުގައި ރިލީޒްކުރާނެ އެވެ.

އަކްޝޭ ކުމާރު ވަނީ "ޕެޑް މޭން" އާއެކު ބޮކްސް އޮފީހުގައި އޭނާ އަކީ އެހެން މީހުންނަށް ދޫޫކުރާނެ އެކްޓަރެއް ނޫންކަން ސާބިތު ކޮށްދީފަ އެވެ. އަކްޝޭގެ "ގޯލްޑް" ވެސް މިއަހަރު ރިލިޒްކުރަން ވަނީ ހަމަޖެހިފަ އެވެ. ސަލްމާން ޚާންގެ ދެ ފިލްމު އެބައޮތެވެ. އެއީ "ރޭސް 3" އާއި "ބާރަތު" އެވެ.

އާމިރު ޚާންގެ "ތަގްްސް އޮފް ހިންދުސްތާން" ވެސް މިއަހަރު ރިލީޒްކުރާއިރު ޝާހްރުކް ޚާންގެ "ޒީރޯ" ވެސް ނެރެން ހަމަޖެހިފައިވަނީ މިއަހަރުގެ ފަހުކޮޅު އެވެ.

ރިތިކް ރޯޝަންގެ "ސުޕަ 30"، ވަރުން ދަވަންގެ "އޮކްޓޯބާ" އަދި ރަންވީރު ސިންގްގެ "83" އަކީ މިއަހަރުގެ އުންމީދީ ފިލްމުތަކެވެ.