15 ޖުލައި 2016 - 10:03

ޒިއުރިކް، ސްވިޒަލެންޑް (ޖުލައި 15) - ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ، އެ ޖަމިއްޔާގެ ކޯޑް އޮފް އެތިކްސްއާ ހިލާފުވި ކަމުގެ ތުހުމަތު ކުރެވިފައިވާތީ މިއަދުގެ ވަގުތެއްގައި އޭނާއާ ފީފާގެ އެތިކްސް ކޮމިޓީން ސުވާލުކުރާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އެތިކްސް ކޮމިޓީގެ ތަހުގީގީ ޗެމްބަރުން އިންފަންޓީނޯއާ ސުވާލުކުރުމަށް ފަހު، ބިނާކުރުވަނިވި ކަންތައްތަކެއް ފެނިއްޖެ ނަމަ އެކަމުގެ ފުރިހަމަ ތަހުގީގެއް ހިންގާނެ އެވެ. އަދި އިންފަންޓީނޯގެ މައްޗަށް އެކަން ސާބިތުވެއްޖެ ނަމަ 90 ދުވަހާ ހަމަޔަށް ސަސްޕެންޑްކުރުމުގެ ފުރުސަތު އެބައޮތެވެ.
ޔުއެފާގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އިންފަންޓީނޯގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި ގާބިލްކަމަށް ބެލުމެއް ނެތި ފީފާގެ މަގާމްތަކަށް މެމްބަރުން އައްޔަންކުރުމާއި ބައެއް އަމިއްލަ ކަންކަން ފީފާގެ ބަޖެޓުން ކުރުން ހިމެނެ އެވެ.
ފީފާގެ ރައީސްގެ މަގާމުގައި އެންމެ ފަހުން ހުންނެވި ސެޕް ބްލެޓާގެ މައްޗަށް ވެސް ކޮރަޕްޝަނުގެ މައްސަލަތަކެއް ސާބިތުވެ އޭނާ ވަނީ ފުޓްބޯޅައިން ސަސްޕެންޑްކޮށްފަ އެވެ. ފީފާގެ ރައީސްގެ މަގާމަށް އިންފަންޓީނޯ އިންތިހާބުވެވަޑައިގަތީ ވެސް، ކޮރަޕްޝަނުގެ މައްސަލަތައް ބަލަން ފެށުމާ އެކު ބްލެޓާ އިސްތިއުފާ ދެއްވުމުން ބޭއްވި އިންތިހާބު ކާމިޔާބުކުރައްވައިގެންނެވެ. މީގެ އިތުރުން ޔޫރަޕުގެ ފަރާތުން ފީފާގެ ރައީސްގެ މަގާމަށް ކުރިމަތިލައްވަން ތައްޔާރުގައި ހުންނެވި މިޝޭލް ޕްލެޓިނީ ވެސް ވަނީ ކޮރަޕްޝަނުގެ މައްސަލަތަކާ ގުޅިގެން ސަސްޕެންޑްކޮށްފަ އެވެ. އިންފަންޓީނޯ އަކީ ޕްލެޓިނީގެ ބަދަލުގައި ޔޫރަޕުގެ ފަރާތުން ފީފާ އަށް ހުށަހެޅުއްވި ކެންޑިޑޭޓެވެ.