18 ފެބުރުއަރީ 2018 - 08:07

ބަޔަކު އެއާ އެއްގޮތަށް އަމަލު ނުކުރިއެއް ކަމަކު، ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމަކީ ވަކި ހަމަތަކެއްގެ މަތިން ތަރުތީބުވެފައި އޮތް އެއްޗެކެވެ. ގާނޫނުގެ ވެރިކަމުގެ މައްޗަށް ބިނާވެފައިވާ އެ ނިޒާމުގައި ހިމެނޭ ދައުލަތުގެ އެއްވެސް ބާރަކަށް، ގާނޫނުއަސާސީ އާއި ގާނޫނުތަކާ ޚިލާފަށް އެސްފިޔައެއް ޖަހައިލުމުގެ ބާރު ވެސް ލިބިގެންނެއް ނުވެ އެވެ.

މިހެން މިކަން އޮތް އިރު، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ބާރު ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާ އަށް ދީފައި އޮންނަނީ ވެސް ވަކި ހުދޫދެއްގެ ތެރޭގައި އަދި ގާނޫނީ އިމުގެ ތެރެއިން އެކަން ކުރާށެވެ. އެކަން އިއުލާން ކުރެވޭނީ ވެސް ގާނޫނުއަސާސީގެ 253 ވަނަ މާއްދާގައި ބުނާ ފަސް ހާލަތުން ކުރެ ހާލަތެއް މެދުވެރިވުމުންނެވެ.

އެ ހާލަތްތަކަކީ؛ (1) ގުދުރަތީ ކާރިސާއެއް ކުރިމަތިވުން، (2) ނުރައްކާތެރި ބަލިމަޑުކަމެއް ކުރިމަތިވުން، (3) ހަނގުރާމައެއް ހިނގުން، (4) ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ފަދަ ކަމެއް ކުރިމަތިވުން، (5) ބޭރުގެ ހަމަލާއެއް ކުރިމަތިވެދާނެ ކަމުގެ ބިރު ހީވުން، މިއެވެ.

އެންމެ ފުރަތަމަ ޖަވާބު ހޯދަން ޖެހޭ ސުވާލަކީ، މި ފަސް ހާލަތުން ކުރެ ހާލަތެއް ރާއްޖެ އަށް މެދުވެރިވެއްޖެ ހެއްޔެވެ؟

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން ނެރުއްވި ގަރާރުގައި ހަމަ ގައިމު ވެސް، އެ ފަސް ހާލަތުން ކުރެ ހާލަތެއް މެދުވެރިވި ކަމަށް ބުނެފައެއް ނެތެވެ. އެ ހާލަތްތަކާ ކިރިޔާ ވެސް ކައިރި ކުރާ ކަމަށް ފެންނަ ދެ އިބާރާތެއް އެ ގަރާރުގައި އެބަ އޮތެވެ.

އެއީ އެ ގަރާރުގެ ހަތަރު ވަނަ ސޮފްހާގެ ފުރަތަމަ ޕެރެގްރާފާއި ތިން ވަނަ ޕެރެގްރާފެވެ. އޭގެ ތެރެއިން ފުރަތަމައީ؛ "ދިވެހި ދައުލަތުގެ އެކިއެކި މުއައްސަސާތަކަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ދިވެހި ދައުލަތުގެ މިނިވަންކަމަށާއި ސިޔާދަތަށް ގެއްލުންވާ ހިސާބަކަށް ކަންކަން ގޮސްފައިވާ ކަމަށް ގަބޫލުކުރެވޭތީ" މިފަދައިން އޮތް އިބާރާތެވެ.
ދެވަނައީ؛ "... ދިވެހި ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކަލެއް ފޯރައިފާނެ ކަމަށް ގަބޫލުކުރަން ޖެހޭ ފެންވަރަށް ކަންކަން ގޮސްފައިވުމުން..." މި ފަދައިން އޮތް އިބާރާތެވެ.
ނަމަވެސް މި ދެ އިބާރާތުގައި ވެސް، ގާނޫނުއަސާސީގެ 253 ވަނަ މާއްދާގައި ބުނެފައިވާ ފަސް ހާލަތުން ކުރެ ހާލަތެއް މެދުވެރި ކަމަށް މުތުލަތު ގޮތެއްގައި ސަރީހަ ނައްސަކުން ބަޔާން ކޮށްފައެއް ނެތެވެ. ދައުލަތުގެ މިނިވަންކަމަށާއި ސިޔާދަތަށް ގެއްލުންވާ ހިސާބަކަށް ކަންކަން ގޮސްފައިވާ ކަމަށް، ރައީސުލްޖުމްހޫރިއްޔާ އަށް ގަބޫލުކުރެވޭ ގަބޫލުކުރުމެއްގެ މައްޗަށް ބިނާކޮށް، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރާކަށް ގާނޫނުއަސާސީ ޖާގައެއް ނުދެ އެވެ.
ހަމަ އެފަދައިން، ގައުމީ ސަލާމަތަށް ނުރައްކަލެއް ފޯރައިފާނެ ކަމަށް، ރައީސުލްޖުމްހޫރިއްޔާ އަށް ގަބޫލުކުރަން ޖެހޭ ފެންވަރަށް ކަންކަން ގޮސްފައި ވުމަކީ ވެސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ގާނޫނުއަސާސީ ޖާގަދޭ ހާލަތެއް ނޫނެވެ.
ގާނޫނުއަސާސީ ބުނާ ގޮތުން، ގައުމީ ސަލާމަތަށް ނުރައްކަލެއް ފޯރައިފާނެ ކަމަށް ގަބޫލުކުރެވޭ ފަދަ މައުލޫމާތެއް ލިބިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނެއް ނުކުރެވޭނެ އެވެ. އެކަން އިއުލާން ކުރާ އިރު، ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ކަމެއް ވުޖޫދުވެފައި އޮތުން ގާނޫނުއަސާސީގެ 253 ވަނަ މާއްދާ ލާޒިމްކުރެ އެވެ.
ކަމެއް ގަބޫލުކުރެވިގެން ނުވަތަ ހީކުރެވިގެން، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ގާނޫނުއަސާސީ ޖާގަ ދެނީ ހަމަ އެންމެ ހާލަތެއްގަ އެވެ. އެއީ ބޭރުގެ ހަމަލާއެއް ކުރިމަތިވެދާނޭ ކަމުގެ ބިރު ހީވުމެވެ. ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވި ގަރާރުގައި، ރާއްޖެ އަށް ބޭރުގެ ހަމަލާއެއް ކުރިމަތިވެދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށް އެންމެ ފަހަރަކު ވެސް ބަޔާން ކުރައްވައިފައެއް ނުވެ އެވެ.
އެހެންކަމުން، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވީ ދުސްތޫރީ އިމުގެ ތެރެއިން އަދި ގާނޫނީ ހަމަތަކުގެ މަތިންތޯ ސުވާލު އުފެއްދުމުގެ ޖާގަ އެބަ އޮތެވެ.
ދެން އޮތް އަނެއް މައްސަލައަކީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުން ސަރުކާރަށް ލިބިދޭ ބާރުތަކާއި ރައްޔިތުންގެ ކިބައިން ނިގުޅައިގަނެވޭ ހައްގުތަކެވެ. އެންމެ ފުރަތަމަ ވެސް ހަނދާނުގައި ބަހައްޓަވަންވީ، ގާނޫނުއަސާސީންނާއި ގާނޫނުތަކުން ލިބިދީފައިނުވާ ބާރެއް ދައުލަތުގެ އެއްވެސް މަގާމެއްގައި ހުންނަ މީހަކަށް ވެސް އަދި އާންމު ފަރުދަކަށް ވެސް ލިބިގެން ނުވާ ކަމެވެ. ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް އެކަމެއް ނުކުރެވޭނެ އެވެ. ގާނޫނުގެ ހުކޫމަތޭ ކިޔަނީ އެއަށެވެ.
އެހެންކަމުން ކުއްލި ނުރައްކަލުގެ ހާލަތު ފުޅާކުރެވޭނެ އިމަކީ ކޮބައިކަން ގާނޫނުއަސާސީގެ 254 ވަނަ މާއްދާގައި ވަރަށް ސާފުކޮށް ބުނެފައި އެބަ އޮތެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ރައްޔިތުންގެ އެތައް ހައްގުތަކެއް ހިފަހައްޓައި ހަނިކޮށްފައިވަނީ ގާނޫނީ އިމުގެ ތެރެއިންތޯ ކޮންމެ މީހަކަށް ވެސް ސުވާލުކުރެވިދާނެ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގައި، ގާނޫނުއަސާސީގެ މާއްދާތަކުގެ ތެރެއިން ހިފެހެއްޓޭނީ ކޮން މާއްދާތަކެއް ކަން ކަނޑައެޅިގެން ބުނެދީފައިވެ އެވެ. އެއީ ގާނޫނުއަސާސީގެ ދެ ވަނަ ބާބުގައި ހިމެނޭ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ތެރެއިން ބައެއް ހައްގުތަކާއި މިނިވަންކަމެވެ.
އެއާ ޚިލާފަށް ގާނޫނުއަސާސީގެ ކޮންމެ މާއްދާއެއް ހިފެހެއްޓޭ ނަމަ، ގާނޫނުއަސާސީގައި ސާފު ބަހުން އެވާހަކަ ލިޔުނީހެވެ.
އެއްވެސް ހާލަތެއްގައި ނުހިފެހެއްޓޭނެ މާއްދާތަކެއް ވެސް ގާނޫނުއަސާސީގައި ކަނޑައަޅާފައިވެ އެވެ. އެއީ ހަމައެކަނި އެ މާއްދާތައް ނުހިފެހެއްޓުމުގެ މަގްސަދުގައެއް ނޫނެވެ. އެ މާއްދާތަކުން ކަށަވަރުކޮށްދޭ އެއްވެސް ހައްގަކަށް، ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް އުނިކަމެއް ނުލިބޭނެ ކަން ކަށަވަރު ކޮށްދިނުމުގެ ގޮތުންނެވެ.
"އެ މާއްދާތައް ނުހިފެހެއްޓޭނެ ކަމަށް ބުނެފައި އޮންނަނީ، ހަމައެކަނި އެ މާއްދާތައް ނުހިފަހައްޓާކަށް ނޫން. އެއީ އެ މާއްދާތަކުން ކަށަވަރުކޮށްދޭ ހައްގުތައް، ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ނިގުޅައިގަނެގެން ނުވާނެ ކަމަށް ކަނޑައެޅުމަށް،" ރާއްޖޭގެ ގާނޫނީ ވަކީލަކު ޚިޔާލު ފާޅުކުރި އެވެ.
"އެހެންވީމާ، މިސާލަކަށް މިފަހަރު އެ ހިފެހެއްޓީ، ޖިނާއީ އިޖުރާއާތުގެ ގާނޫނު. އެ ގާނޫނަށް އަމަލު ކުރުން ހުއްޓައިލި އިރު، އެ ގާނޫނުގެ އެއްވެސް މާއްދާއަކަށް އަމަލު ނުކުރުމުގެ ސަބަބުން، މި ދެންނެވި ހައްގު ހިފެހެއްޓޭ ކަމަށް ވަންޏާ ނޫނީ ހަނިކުރެވެންޏާ، ޖިނާއީ އިޖުރާއާތުގެ ގާނޫނުގެ އެ މާއްދާއެއް ނުހިފެހެއްޓޭނެ."
ނަމަވެސް މިހާރު އިއުލާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގައި ހިފަހައްޓާފައިވާ، ބައެއް ގާނޫނުތަކުގެ ސަބަބުން، ހަނިނުކުރެވޭނެ ކަމަށް ނުވަތަ ނުހިފެހެއްޓޭނެ ކަމަށް ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ކިތަންމެ ހައްގެއް ހިފެހެއްޓި ހަނިކުރެވިއްޖެ އެވެ. އެފަދަ ހައްގުތަކެއް ގެއްލިފައިވާ ގޮތުގެ ދެތިން މިސާލެއް މިތާނގައި ބަޔާންކޮށްލާނަމެވެ.
ގާނޫނުއަސާސީގެ 255 ވަނަ މާއްދާގެ (ށ)ގެ 5 ގައި ބުނެފައިވާ ގޮތުގައި ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ގާނޫނުއަސާސީގެ ދެ ވަނަ ބާބުގެ 42 ވަނަ މާއްދާ އިން ކަށަވަރުކޮށްދީފައިވާ، އަދުލުވެރިކަމާއި ހާމަކަމާ އެކު ޝަރީއަތް ކުރުމުގެ ހައްގު ހަންޏެއް ވެސް ނުކުރެވޭނެ އެވެ. އަދި ނުވެސް ހިފެހެއްޓޭނެ އެވެ.
ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތުގައި ޖިނާއީ އިޖުރާއާތުގެ މުޅި ގާނޫނު އެކުގައި އެ އޮތީ ގަނޑުކޮށްފަ އެވެ. އެހެންކަމުން މި ހާލަތުގައި ޖިނާއީ އެއްވެސް މައްސަލައެއްގެ ޝަރީއަތެއް ނުހިންގޭނެ އެވެ.
ވީއިރު، ޖިނާއީ އިޖުރާއާތުގެ ގާނޫނަށް އަމަލުކުރުން ހުއްޓައިލުމުން، ގާނޫނުއަސާސީގެ 42 ވަނަ މާއްދާ އިން ކަށަވަރު ކޮށްދީފައިވާ ހައްގު ނުހިފެހެއްޓޭނެ ކަމަށް ގާނޫނުއަސާސީގެ 255 ވަނަ މާއްދާގައި ބުނާ ބުނުން ތަންފީޒު ކުރެވޭ ހެއްޔެވެ؟
ހަމަ އެފަދަ ދެ ވަނަ މިސާލެކެވެ؛ މިހާރު އިއުލާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގައި އެ އޮތީ ގާނޫނުއަސާސީގެ 56 ވަނަ މާއްދާ އިން ލިބިދޭ އިސްތިއުނާފް ކުރުމުގެ ހައްގު ވެސް އެކުގައި ހިފަހައްޓައިފަ އެވެ. މި މާއްދާ ހިފެހެއްޓުމުން، ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ނުހިފެހެއްޓޭނެ ކަމަށް ގާނޫނުއަސާސީގައި ބުނާ ބައެއް ހައްގުތައް ހިފެހެއްޓިގެންދެ އެވެ. އޭގެ ތެރެއިން ބައެއް ހައްގުތައް ތިރީގައި މިވަނީ އެވެ؛
އެ ގޮތުން 42 ވަނަ މާއްދާ އިން ކަށަވަރު ކޮށްދީފައިވާ އަދުލުވެރިކަމާއި ހާމަކަމާ އެކު ޝަރީއަތް ކުރުމުގެ ހައްގާއި، 51 ވަނަ މާއްދާގެ (ށ) އިން ކަށަވަރު ކޮށްދީފައިވާ، އެކަށީގެންވާ މުއްދަތެއްގައި އެމީހަކާ ދޭތެރޭ ޝަރީއަތް ކޮށް ނިންމުމު ހައްގާއި މި މާއްދާގެ (ކ) އިން ކަށަވަރު ކޮށްދޭ، ހެކީންނާ ސުވާލު ކުރުމުގެ ހައްގާއި، އެމީހަކު ބޭނުން ހެކީން ޝަރީއަތަށް ހާޒިރުކޮށްދޭން ކޯޓުގައި އެދުމުގެ ހައްގާއި އެ ހެކީންނާ ޝަރީއަތުގައި ސުވާލުކުރުމުގެ ހައްގާއި، މި މާއްދާގެ (އ) އިން ކަށަވަރު ކޮށްދޭ، ކުށުން ބަރީއަވެގެންވާ މީހެއް ކަމުގައި ބެލުމުގެ ހައްގާއި، 52 ވަނަ މާއްދާ އިން ކަށަވަރުކޮށްދީފައިވާ، ގާނޫނާ ޚިލާފަށް ހޯދާފައިވާ ހެއްކާއި މަޖުބޫރުކޮށްގެން ނަގާފައިވާ ބަޔާން، ޝަރީއަތުގައި ނަފީކުރުމުގެ ހައްގު ވެސް މިހާރު އެވަނީ ގެއްލިފަ އެވެ.
މިފަދަ ކިތަންމެ މައްސަލަތަކެއް، މިހާރު އިއުލާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރުގައި ހިމެނިފައިވާ ކަމަށް ގާނޫނީ ދާއިރާގެ ގިނަ ބަޔަކު ގަބޫލުކުރެ އެވެ. ނަމަވެސް ދެރަކަމަކީ، އެއީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ޚިލާފަށް ހިފަހައްޓާފައިވާ ހައްގުތަކެކޭ ބުނެ ކޯޓަށް ދިޔުމުގެ ފުރުސަތު ވެސް ނެތް ކަމެވެ.
މީގެ އިތުރުން ދެން އޮތީ ކުއްލި ނުރައްކަލުގެ ހާލަތުގައި އަމަލުކުރަމުންދާ ގޮތްތަކެވެ. ގާނޫނުއަސާސީގެ 255 ވަނަ މާއްދާގެ (ށ)ގެ 16 ގައި ބުނާ ގޮތުން ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ގާނޫނުއަސާސީގެ 64 ވަނަ މާއްދާ ނުހިފެހެއްޓޭނެ އެވެ. އެއީ ޣައިރުގާނޫނީ އަމުރު ކޮށްގެން ނުވާނެ ކަމަށާއި އެފަދަ އަމުރުތަކަށް ތަބާވެގެން ނުވާނެ ކަމަށް ބުނާ މާއްދާ އެވެ.
މިހާ ސާފުކޮށް މިހެން ބުނެފައި އޮތް އިރު، ކުއްލި ނުރައްކަލުގެ ހާލަތުގައި، ގާނޫނުއަސާސީގެ 45 ވަނަ މާއްދާ އެއޮތީ ހިފަހައްޓައިފަ އެވެ. މި މާއްދާގައި ބުނެފައި އޮންނަނީ، މަޖިލީހުން ފާސްކޮށްފައިވާ ގާނޫނަކާ އެއްގޮތްވާ ގޮތުގެ މަތިން މެނުވީ އެއްވެސް މީހެއްގެ ގަޔަށް އަތްލައި، ހިފައި، ހައްޔަރުކޮށް، އަދި ބަންދުކޮށްގެން ނުވާނެ ކަމަށެވެ.
ސުވާލަކީ ކޯޓު އަމުރެއް ނެތި މީހުންގެ ފޯނު އަތުލައި، މީހުން ހައްޔަރުކޮށް، މީހުންގެ ގޮވެތިގެދޮރަށް ވަނުމުގެ ބާރާއި އިޚްތިޔާރު، ގާނޫނު ތަންފީޒު ކުރާ ފަރާތްތަކަށް ލިބެނީ ކޮން ހަމައަކުން ހެއްޔެވެ؟
އަނެއް ސުވާލަކީ، ކުއްލި ނުރައްކަލުގެ ހާލަތަށް އޭގެ ޒާތުގައި ލިބެން ޖެހޭ ޝަރުއިއްޔަތު (ލެޖިޓިމަސީ) ނުވަތަ ގާނޫނީ ހައިސިއްޔަތު ފުރިހަމަ އަށް ލިބިއްޖެ ހެއްޔެވެ؟ ގާނޫނުއަސާސީގެ 257 ވަނަ މާއްދާ އިން އެނގޭ ގޮތުގައި، ކުއްލި ނުރައްކަލުގެ ހާލަތަށް، އޭގެ ޒާތުގައި ލިބެން ޖެހޭ ޝަރުއިއްޔަތު ފުރިހަމަވެގެން ދާނީ ރައްޔިތުންގެ މަޖިލީހުން އެ ގަރާރު ފާސްކުރުމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ދައުރެއް ހިނގަމުންދާ ވަގުތެއްގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފި ނަމަ، 48 ގަޑިއިރުގެ ތެރޭގައި އެ މައްސަލަ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހެ އެވެ. އެ މާއްދާ އިން ސާފުކޮށް އެނގޭ ގޮތުގައި މަޖިލީހަށް އެ ގަރާރު ހުށަހަޅަން ޖެހެނީ މައުލޫމާތަށްޓަކައެއް ނޫނެވެ. މަޖިލީހުން ފާސްކުރުމަށް ނުވަތަ އެ ގަރާރު ބާތިލު ކުރުމަށެވެ.
އެހެންކަމުން މިހާތަނަށް ވެސް އެ ގަރާރަކީ އޭގެ ޝަރުއިއްޔަތު ފުރިހަމަވެފައިވާ ގަރާރެއް ނޫން ކަން އެނގެ އެވެ. ސަބަބަކީ އެ ގަރާރާ މެދު މަޖިލީހުން މިހާތަނަށް ވެސް ވަކި ގޮތެއް ނިންމާފައި ނުވާތީ އެވެ.
ގާނޫނުއަސާސީގެ 257 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރީ މަޖިލީހުގެ ދައުރެއް ހިނގަމުން ނުދާ ވަގުތެއްގައި ނަމަ، ބަންދު ދުވަސްތައް ވެސް ހިމަނައިގެން 14 ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލިސް އެއްކޮށް، އެ ގަރާރު މަޖިލީހުން ފާސްކުރުމަށް މަޖިލީހަށް ހުށަހަޅަންވާނެ އެވެ.
މަޖިލީހުގެ ގަވާއިދުގެ 16 ވަނަ މާއްދާގެ (ށ)ގައި ބުނެފައިވާ ގޮތުގައި މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު ކަމަށްވާތީ، އެ ހާލަތު އިއުލާންކުރި އިރު، ކިތަންމެ ރަނގަޅަކަށް ވެސް މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު އެއޮތީ ފެށިފަ އެވެ.
އެހެންކަމުން ކުއްލި ނުރައްކަލުގެ ހާލަތާ މެދު މަޖިލީހުން ގޮތެއް ނުނިންމައި އެކަން ދިގުދަންމަމުން އެދަނީ ގާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފަށެވެ. ގާނޫނުއަސާސީއާ ޚިލާފަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި ނަމަ، ކުއްލި ނުރައްކަލުގެ ހާލަތުގެ މައްޗަށް ބިނާކޮށް ކުރާ އެންމެހައި ކަންތައް ވެސް ވާނީ ގާނޫނާ ޚިލާފު އަމަލެއް ކަމަށް ގާނޫނީ ދާއިރާގެ އެތައް ބަޔަކު އެއްބަސްވެ އެވެ.
ދެން އޮތީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ނުބާއްވާ މައްސަލަ އެވެ. މަޖިލީހުގެ ޖަލްސާއެއް ނުބާއްވަން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ. ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ބުނެ މަޖިލިސް ބަންދުކޮށްގެން އުޅޭ އިރު، އެ ސަރަހައްދުގައި ހުރި ސަރުކާރުގެ ހުރިހާ އޮފީސްތައް ބަރާބަރަށް ކޮންމެ ދުވަހަކު ހިންގަ އެވެ. ނަމަވެސް 24 ގަޑިއިރު ސިފައިން ބަލަހައްޓަމުންދާ، މަޖިލީހުގެ ޖަލްސާތައް ބޭއްވޭ ވަރަށް އެ އިމާރާތުގެ ސަލާމަތީ ކަންތައް ސިފައިންނަށް ނުބެލެހެއްޓެނީ ހެއްޔެވެ؟ ނުވަތަ މަޖިލީހުގެ 85 މެމްބަރުންގެ ނުރައްކާތެރިކަން ހަމަ އެހާ ބޮޑީ ހެއްޔެވެ؟