16 ފެބުރުއަރީ 2018 - 15:01

ކޮލަމްބޯ (ފެބްރުއަރީ 16) - ސްރީ ލަންކާގެ ކޯލިޝަން ސަރުކާރުގެ ތެރޭގައި މައްސަލަތައް ޖެހިފައިވީ ނަމަވެސް 2020 ވަނަ އަހަރު ޓާމް ހަމަވަންދެން ސަރުކާރު ދެމި އޮންނާނެ ކަމަށާއި އެކަމަކު ވަރަށް އަވަހަށް ކެބިނެޓަށް ބަދަލުތަކެއް ގެންނާނެ ކަމަށް ސަރުކާރުގެ ތަރުޖަމާން ރަޖީތާ ސެނަރަތުނަ ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ ސަރުކާރުގެ ކުރިމަގާ ގުޅޭ ގޮތުން ރައީސް މައިތުރިޕާލާ ސިރިސޭނާ އާއި ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި އެކަމާ ގުޅޭ ގޮތުން ރައީސް ސިރިސޭނާ މިއަދު ބަޔާނެއް ދެއްވާނެ ކަމަށް ވެސް ސެނަރަތުނަ ވިދާޅުވި އެވެ.
ސަރުކާރުގެ ތަރުޖަމާން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބުގައި ކޯލިޝަނަށް ލިބުނު ދަށް ނަތީޖާ އަކީ ކަންކަން ރަނގަޅު ކުރުމަށް ލިބުނު ރަތް ސިގްނަލެއް ކަމަށެވެ. އަދި މި ފެށޭ ހަފުތާގެ ތެރޭގައި ކެބިނެޓަށް ބަދަލުތަކެއް ގެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ލޯކަލް ކައުންސިލް އިންތިޚާބުން ކުރި ހޯދި ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ ވަނީ ކޯލިޝަން ސަރުކާރު ދެމި އޮތުމުގެ މާނައެއް ނެތް ކަމަށާއި ސަރުކާރު އިސްތިއުފާ ދިނުމަށް ގޮވާލައިފަ އެވެ.
ލޯކަލް ކައުންސިލް އިންތިޚާބުން ވެރިކަންކުރާ ކޯލިޝަނަށް ނާކާމިޔާބުވި އިރު ރައީސް ސިރިސޭނާ އާއި ބޮޑު ވަޒީރު ރަނިލްއާ ދެމެދު ވަނީ ވަރަށް ބޮޑަށް ޚިޔާލު ތަފާތުވުން އުފެދިފަ އެވެ. ސިރިސޭނާ އާއި ރަނިލް ކެމްޕޭން ކުރައްވާފައި ވަނީ އެ ބޭފުޅުންގެ ޕާޓީތަކަށް ވަކިވަކިންނެވެ.
ރައީސް ސިރިސޭނާ މިހާރު ވަނީ އިގްތިސާދީ ހުރިހާ ކަމެއް ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ އަތުން ނަންގަވައިފަ އެވެ. ސިރިސޭނާ ވިދާޅުވެފައި ވަނީ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ސަރުކާރަށް ވުރެ ރަނިލްގެ ޔޫއެންޕީގެ ކޮރަޕްޝަން ބޮޑު ކަމަށެވެ.