ފްލޮރިޑާ ހަމަލާގައި ފުޓުބޯޅަ ކޯޗު މަރުވީ ދަރިވަރުން ދިފާއުގައި ހުއްޓާ
ފްލޮރިޑާ ހަމަލާގައި ފުޓުބޯޅަ ކޯޗު މަރުވީ ދަރިވަރުން ދިފާއުގައި ހުއްޓާ

ފްލޮރިޑާ (ފެބްރުއަރީ 16) - އެމެރިކާގެ ފްލޮރިޑާގެ ސްޓޯންމޭން ޑަގްލަސް ހައި ސްކޫލުގައި ދިން ބަޑީގެ ހަމަލާގައި 17 މީހުން މަރުވި ހާދިސާ އަށް ފަހު އެ ސްކޫލްގެ ފުޓުބޯޅަ ކޯޗު އާރޮން ފެއިސް އަށް އެތައް ބަޔަކު ދަނީ ތައުރީފް ކުރަމުންނެވެ. އެއް ބަޔަކު ބުނާ ގޮތުގައި އެއީ ބަތަލެކެވެ.

އުމުރުން 37 އަހަރުގެ ފެއިސް އަކީ އެ ސްކޫލްގެ ސެކިއުރިޓީ ގާޑެއް ވެސް މެ އެވެ. ސްކޫލްގައި ބަޑި ޖަހަން ފެށުމުން އޭނާ ވަނީ ހަމަލާ އަމާޒުވި ކުދިންގެ އިންސާނީ އައްޑަނައަކަށްވެފަ އެވެ. ކުދިންގެ ކުރި މައްޗަށް އަރާ އޭނާ ވަނީ ވަޒަންތަކުގެ އަމާޒަކަށް އަމިއްލަ ހަށިގަނޑު ދިއްކޮށްފަ އެވެ. ފުޓުބޯޅަ ކްލަބުން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ފެއިސްގެ ހަނދާން އަބަދަށްޓަކައި އާކުރާނެ ކަމަށެވެ.

"ބަޑި ޖަހަން ފެށުމާ އެކު ފެއިސް ވަނީ ދެ ކުއްޖަކު އޭނާގެ ފުރަގަހަށް ލުމަށް ފަހު ހިމާޔަތްދީފައި. އޭރު ވަޒަންތައް ފެއިސްގެ ގަޔަށް އަރަމުން ދިޔަ،" އެ މަންޒަރު ފެނުނު ދަރިވަރެއް ކަމަށްވާ ޖޫލިއަން ޑެކޮސްޓެ ބުންނެވެ.

ފެއިސްގެ ދައްތަ ޖޮހަންނާ މަހަފޭ ބުނީ ދަރިވަރުންގެ ދިފާއުގައި ފެއިސް ކޮންމެ ކަމެއް ވެސް ކޮށްފާނެ ކަމަށެވެ. އެހާ ވެސް އޭނާ ކުދިންގެ ލޯބިވާ ކަމަށް މަހަފޭ ބުންޏެވެ.

ފުޓުބޯޅަ ކޯޗެއްގެ ގޮތުގައި ސްޓޯންމޭން ޑަގްލަސް ސްކޫލްގައި ފެއިސް މަސައްކަތް ކުރާތާ ވަނީ 10 އަހަރުވެފަ އެވެ. އޭގެ ކުރިން އޭނާ ވަނީ އެ ސްކޫލްގައި ކިޔެވި އިރު ފުޓުބޯޅަ ޓީމަށް ކުޅެފަ އެވެ.

ފެއިސް މަރުވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.

ބަޑީގެ ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސްކޫލްގެ އެތުލެޓިކްސް ޑިރެކްޓާ ވެސް ހިމެނެ އެވެ.