ދޮގާއި ހަގީގަތާ ޚިލާފު ވާހަކަތައް ފެތުރުމާ ދުރުހެލިވޭ
ދޮގާއި ހަގީގަތާ ޚިލާފު ވާހަކަތައް ފެތުރުމާ ދުރުހެލިވޭ

އަސްލެއް ނެތް ދޮގު ވާހަކަތައް މުޖުތަމައުގައި ފެތުރުމަކީ ހެޔޮލަފާ މުޖުތަމައުތަކުގައި ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އެހެން ނަމަވެސް ބައެއް މީހުންގެ ފަރާތުން މިކަން ފެނިގެން ދެއެވެ. އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތައް ނުވަތަ އޮޅުވާލައިގެން ހަގީގަތާ ޚިލާފު ވާހަކަތައް މީސްތަކުންގެ މެދުގައި ފެތުރުމަކީ ބައެއް މީހުންގެ އާދައެކެވެ.

ބައެއް ހާލަތްތަކުގައި މިކަން މިގޮތަށް ކުރަނީ އެ ވާހަކައަކާ ގުޅުންހުރި ފަރާތާ މެދު އޮންނަ ނަފްރަތެއްގެ ސަބަބުން އެކަމުގެ ރުޅީގަ އެވެ. ނުވަތަ އެމީހުންގެ އަގު ވައްޓާލުމަށެވެ. އަނެއްބައި ފަހަރު އަނެކަކަށް ނޭނގޭ އެއްޗެއް ތިމާއަށް އެނގޭ ކަމަށް ހީކޮށް ހަގީގަތް ނުބަލައި، އެވާހަކަ އެންމެ ކުރިން ދައްކާ މީހަކަށް ވުމަށް އޮންނަ ޝައުގުވެރި ކަމެއްގެ ސަބަބުންނެވެ.

އަދި ބައެއް ފަހަރު ނަފްސަށް ލިބިފައިވާ ކޮންމެވެސް މަޙްރޫމް ކަމަކުން ހިތަށް ތަސައްލީއެއް ގެނައުމަށެވެ. ކޮންމެ ސަބަބަކާ ހުރެ މިކަން ކުރި ނަމަވެސް މައްސަލައަކަށް ވަނީ ހަގީގަތެއް ނެތް ދޮގު ވާހަކަތަކަށް ވާތީ އެވެ. ނުވަތަ ގަސްދުގައި އޮޅުވާލައިގެން ދައްކާ ވާހަކަތަކަކަށް ވާތީ އެވެ. މިއީ އިސްލާމް ދީން މަނާ ކުރާ ކަމެކެވެ.

ދޮގު ހެދުމަކީ ކަނޑައެޅިގެން ވަރަށް ސަރީހަ ގޮތުގައި އިސްލާމް ދީން މަނާކުރާ ކަމެކެވެ. އައް ނަޙްލު ސޫރަތުގެ 105 ވަނަ އާޔަތުން އަންގަވަނީ ދޮގުހަދާ މީހަކީ މާތްﷲ ބާވާލެއްވި އާޔަތްތަކަށް އީމާން ނުވާ މީހެއް ކަމަށެވެ. އަދި އަލްއަޙްޒާބު ސޫރަތުގެ 58 ވަނަ އާޔަތުން ސާފުކޮށް ބަޔާންކޮށްދެއްވަނީ މުއުމިނުންނަށް އެމީހުން ނުކުރާ ކަމަކުން ދޭ ގެއްލުން (އެބަހީ ނުކުރާ ކަމެއްގެ ވާހަކަދެއްކުން) އެއީ ކަނޑައެޅިގެން ހެދޭ ދޮގު ބުހުތާނެއް ކަމަށެވެ. އަދި އެއީ ބަޔާން ވެގެންވާ ބޮޑު ފާފައެއް ކަމަށެވެ. އަދި އަލްއަޙްޒާބު ސޫރަތުގެ 61 ވަނަ އާޔަތުން ދޭހަވާ ގޮތުގައި ކަންކަމުގެ ހަގީގަތާ ޚިލާފަށް ވާހަކަ ދައްކާ މީހުންނަކީ ލަޢުނަތް ލިބިގެންވާ ބައެކެވެ.

މުސްލިމުންގެ ލެޔާއި އަބުރާއި މުދަލަކީ ޙުރުމަތްތެރިވެގެންވާ އެއްޗެތި ކަން ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ޙައްޖަތުލް ވަދާޢުގެ ޚުޠުބާ ގައި ވަނީ ބަޔާން ކުރައްވާފަ އެވެ. އަދި އަބޫދާއޫދު ރިވާ ކުރައްވާފައިވާ ޙަދީޘެއްގެ މާނައިގައި ވެއެވެ. "ރިބާކަން އެންމެ ގަދަވެގެންވާ ރިބާ އަކީ ހައްގަކާ ނުލައި މުސްލިމެއްގެ އަބުރަށް އަރައިގަތުމެވެ."

އަދި އައްޠަބަރާނީ ރިވާ ކުރައްވާފައިވާ ޙަދީޘަކުން ދޭހަވާ ގޮތުގައި އެކަމަކުން ބަރީއަ ވެގެންވާ ހާލު، މުސްލިމަކަށް ދުނިޔެމަތީގައި ގެއްލުމެއް ފޯރާފަދަ ބަހެއް މީސްތަކުންގެ ތެރޭ ފަތުރައިފި މީހަކަށް ނަރަކައިގެ ގަދަ ޢަޛާބަށް ހުށަހެޅުމަކީ ﷲ އަށް ލިބިވޮޑިގެންވާ ހައްގެކެވެ. އަދިވެސް ކީރިތިރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ޙަދީޘް ކުރައްވާފައި ވެއެވެ. “މުސްލިމަކަށް އަނެއް މުސްލިމެއްގެ ހިތަށް ބިރުވެރިކަން ވެއްދުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ.” (އިމާމް މުސްލިމް) ޝައްކެއް ނެތް ގޮތުގައި މުސްލިމަކާ ބެހޭ ގޮތުން ދޮގު ވާހަކަތައް ފެތުރުމަކީ އެމުސްލިމެއްގެ ހިތަށް ބިރުވެރިކަން ވަންނާނެ ކަމެކެވެ.

މި ބަޔާން ކުރެވުނު އާޔަތްތަކާއި ޙަދީޘްތަކުން އެނގިގެން އެ ދަނީ ދޮގު ހެދުމުގެ ހުރި ނުބައި ކަމެވެ. ދޮގުހެދުން މިހާ ނުބައި ކަމެއް ކަމުގައި ވާއިރު މިފަދަ ވާހަކަތައް ނޭނގި ނަމަވެސް މީހުންގެ ތެރޭގައި ފެތުރުމަކީވެސް އިސްލާމް ދީން ވަރަށް ބޮޑަށް މަނާ ކުރާ ކަމެކެވެ. މިގޮތުން ދޮގު ޚަބަރެއް ފަތުރާ މީހާ ކީރިތި ޤުރުއާނުގައި ސިފަ ކުރައްވަނީ ފާސިޤެއްގެ ގޮތުގައެވެ.

އަލްޙުޖުރާތު ސޫރަތުގެ 6 ވަނަ އާޔަތުގައި މާތް ﷲ އަންގަވަނީ ފާސިޤަކު ޚަބަރަކައިގެން އަތުވެއްޖެ ނަމަ އެކަމުގެ ތެދުދޮގު ބެލުމަށެވެ. އެކަމުގެ ސަބަބު ބަޔާން ކުރައްވަމުން އެ އާޔަތުގައި ފާހަގަ ކުރައްވާފައި ވަނީ އެގޮތަށް ތެދުދޮގު ނުބަލައިފި ނަމަ އޭގެ މައްޗަށް ބިނާކޮށް ފަހުން ދެރަވާން ޖެހޭ ފަދަ ނިންމުންތަކެއް ނިންމިދާނެތީ ކަމަށެވެ. އަދި އެފަދަ ވާހަކައެއް އާންމުވެ އެންމެންގެ ތެރޭ ފެތުރިއްޖެ ނަމަ ފިތުނަފަސާދަ ފެތުރިގެންދާނެތީ ކަމަށެވެ.

ދޮގު ޚަބަރު ފަތުރާ މީހުން ޝައިޠާނުންގެ ގޮތުގައިވެސް ކީރިތި ޤުރުއާނުގައި ސިފަކުރައްވާފައި ވެއެވެ. މިގޮތުން ނުޢައިމު ބުނު މަސްޢޫދު އިސްލާމް ވުމުގެ ކުރިން މުސްލިމުންގެ ލަޝްކަރުގެ ތެރޭގައި ދޮގު ޚަބަރެއް ފެތުރުމަށް ގަސްދު ކުރި ހިނދު އެކަން ޤުރުއާނުގައި ސިފަ ކުރައްވާފައި ވަނީ އެއީ ޝައިޠާނާ އޭނާގެ އަޢުވާނުންނަށް ބިރު ދައްކަނީ ކަމުގައެވެ. (އާލްޢިމްރާން 175).

ދޮގު ޚަބަރުތައް ފެތުރުމަކީ އިސްލާމް ދީން ވަރަށް މަތީ ދަރަޖައަކަށް ނަހީ ކުރާ ކަމެއްކަން މި އިޝާރާތް ކުރެވުނު އާޔަތްތަކުން ވަރަށް ސާފުކޮށް އެބަ ހާމަވެއެވެ. އެހެންކަމަށް ވާނަމަ މިފަދަ ނުބައި ޢަމަލަކުން ސަލާމަތް ވާން މުސްލިމުން މަސައްކަތް ކުރަން ޖެހޭނެއެވެ. ސަލާމަތްވުމަށްޓަކައި ކުރަންޖެހޭނެ އެންމެ ފުރަތަމަ ކަމަކީ، މިކަމުގެ ހުރި ނުރައްކާތެރިކަން ދެނެގަތުމެވެ. އަދި އެ ނުރައްކާތެރިކަން ހިތުގައި އަބަދުވެސް ބިންވަޅުނެގިފައި އޮތުމެވެ.

އެހެނީ އިންސާނެއްގެ ސުލޫކު ބަދަލު ކުރުމަށް އެންމެ މުހިންމު އެއް ކަމަކީ އެ ބަދަލު ކުރަން ޖެހޭ ސުލޫކަކާ މެދު އެމީހަކު ގަބޫލު ކުރާ ގަބޫލު ކުރުމެވެ. ގޯސްކަމެއްކަން ތިމާއަށް ނޭނގޭ ނަމަ ނުވަތަ ގޯސްކަމެއް ކަމަށް ގަބޫލު ނުކުރާނަމަ އެކަމަކުން ދުރުހެލިވާން އެންމެ ކުޑަމިނުން މަސައްކަތެއްވެސް ނުކުރާނެ އެވެ.

ދެ ވަނަ ކަމަކީ ދޮގު ހެދުމުންނާއި ހަގީގަތާ ޚިލާފު ދޮގު ވާހަކަތައް އަޑު އެހުމުން ދުރުހެލި ވުމެވެ. ދޮގު ހެދުމަކީ މުނާފިގުންގެ އަލާމާތްތަކުގެ ތެރެއިން އަލާމަތެކެވެ. ހަމައެފަދައިން ދޮގު ވާހަކަތައް އަޑުއެހުމަކީ ވެސް މުސްލިމުންގެ ސިފައެއް ނޫނެވެ. އަލްމާއިދަތު ސޫރަތުގެ 51 ވަނަ އާޔަތުގައި ފާހަގަ ކުރައްވާފައިވާ ގޮތުގައި ދޮގު ވާހަކަތައް އަޑުއަހާ ބަޔެއްގެ ގޮތުގައި ޔަހޫދީން ހިމެނެ އެވެ.

ދޮގުހެދުމާއި ދޮގު ވާހަކަތައް ފެތުރުމުން ދުރުހެލިވުމަށް ކުރަންޖެހޭނެ ތިން ވަނަ ކަމަކީ، އެކަމަކާ މެދު ޞައްޙަ ޢިލްމު ލިބިފައިނުވާ ކަންކަމަށް ތަބާ ނުވުމެވެ. އެހެނީ ﷲ އިންސާނުންނަށް ދެއްވާފައިވާ އެންމެހާ ހިއްސު ތަކަކީ އެއަށް މަސްއޫލުވާން ޖެހޭ ހިއްސުތަކެއް ކަމަށް ވާތީއެވެ. (އަލްއިސްރާއު 26) ހަތަރުވަނަ ކަމަކީ، ހީކުރުން ތަކަށް ތަބާ ނުވުމެވެ. ހީވާ ހީވުމެއްގެ މައްޗަށް ތަބާވުމަކީ ކާފިރުންގެ ސިފައެކެވެ. (އައްނަޖްމު 28) އަދި އެއީ އަނެކާއާ މެދު ނުރަނގަޅު ގޮތުގައި ބެލުމަށް މަގު ފަހިވާ ކަމެކެވެ. އެހެންވެ އިސްލާމް ދީނުގައި އެކަން ވަނީ މަނާ ކުރައްވާފަ އެވެ (އަލްޙުޖްރާތު 12).

ދޮގުހެދުމާއި ދޮގު ވާހަކަތައް ފެތުރުމުން ދުރުހެލިވުމަށް ކުރަންޖެހޭނެ ފަސް ވަނަ ކަމަކީ، އެފަދަ ވާހަކައެއް އިވިއްޖެ ނަމަ އޭގެ ތެދުދޮގު ބެލުމެވެ. މިކަމަށް ވަނީ ކީރިތި ޤުރުއާނުގައި އަމުރު ކުރައްވާފަ އެވެ. (އަލްޙުޖްރާތު 6). ހަވަނަ ކަމަކީ، ހަގީގަތާ ޚިލާފު ވާހަކަތައް ނުދައްކައި ހުރުމާއެކު، މީހުންނާ ދޭތެރޭ އަބަދުވެސް ހެޔޮކޮށް ނުވަތަ ރަނގަޅަށް ހީކުރުމެވެ. ކީރިތި ޤުރްއާނުން އެނގޭ ގޮތުގައި ބައެއް ހީއަކީ ފާފަ އެވެ. (އަލްޙުޖްރާތު 12).

މި ފާހަގަ ކުރި ކަންކަމަށް މުސްލިމުން ތަބާ ވާނަމަ ދޮގު ވާހަކަތައް މުޖުތަމައުގެ ތެރޭގައި ފެތުރުން ވަރަށް ބޮޑަށް ނެތިގެންދާނެ އެވެ. ނަމަވެސް އެއާ ޚިލާފަށް މިކަންކަމަށް މީސްތަކުންގެ ނަފްސުތައް ހޭނިފައި ނުވާނަމަ ދޮގު ވާހަކަތައް ފެތުރުމަކީ އާންމު ކަމެއް ކަމުގައި ވެގެން ގޮސްދާނެ އެވެ. އަދި އޭގެ ސަބަބުން ހީވެސް ނުކުރާފަދަ ބޮޑެތި މައްސަލަތައް މުޖުތަމަޢުގައި އުފެދިދާނެ އެވެ.

ވީމާ ހަގީގަތެއް ނެތް ދޮގުވާހަކަތައް ފަތުރައި މީސްތަކުންގެ އަބުރަށް އަރައިގަންނަ މީހުންނާ މެދު ޢަމަލީ ފިޔަވަޅުތަކެއް އެޅުންވެސް ވަރަށް މުހިންމެވެ. ސަބަބަކީ އެފަދަ ވާހަކަތަކުގެ ނަތީޖާއެއްގެ ގޮތުން މީސްތަކުންގެ ހިތްތަކަށް ބިރުވެރިކަން ވަދެ ތަނުގައި ހަމަނުޖެހުމާއި ފިތުނަވެރިކަން އުފެދޭނެތީ އެވެ.

މިކަންކަމަކީ ހަގީގަތުގައި މީހަކު ގަތުލުކޮށް މަރާލުމަށް ވުރެ ވެސް ނުރައްކާތެރި ކަންކަމެވެ. ވީމާ ދޮގުހެދުމާއި ދޮގުވާހަކަތައް ފެތުރުމުން ދުރުހެލިވާން ހަމަ ކޮންމެ މުސްލިމަކުވެސް މަސައްކަތް ކުރަން ޖެހޭނެ އެވެ. މުޅި މުޖުތަމައުގައި ހަމަޖެހުމާއި އަމަން އަމާން ކަން އޮންނާނީ އޭރުންނެވެ.