16 ފެބުރުއަރީ 2018 - 10:39

ލަންޑަން (ފެބްރުއަރީ 16) - ރޯމާގެ ބްރެޒިލް ގޯލްކީޕަރު އެލިސަން ބެކާ ގަތުމަށް ލިވަޕޫލުން މަޝްވަރާތައް ފަށައިފި ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ބްރެޒިލްގެ އިންޓަނާސިއަނަލް އިން 2016 ވަނަ އަހަރު ރޯމާއާ ގުޅުނު އުމުރުން 25 އަހަރުގެ ކީޕަރު އަންނަނީ މި ސީޒަނުގައި އިޓާލިއަން ލީގާއި ޗެމްޕިއަންސް ލީގުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭނާ އަކީ ބޯޅަތައް މަތަކުރުމުގެ އިތުރުން ބޯލް ސްކިލްސް ރަނގަޅު ކީޕަރެކެވެ. މި ސީޒަނުގައި މެޗެއްގައި އޭނާ ވަނީ ގޯލް ކިކަކުން، އެހެން ކުޅުންތެރިޔަކަށް ގޯލެއް ޖަހަން މަގުފަހިކޮށްދީފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ރޯމާ އިން އޭނާ އަށް ކަނޑައަޅާފައިވާ އަގަކީ 70 މިލިއަން ޔޫރޯ އެވެ. އެ އަގަށް އޭނާ ވިއްކާލައިފި ނަމަ އޭނާ ވެގެންދާނީ ދުނިޔޭގެ އެންމެ އަގުބޮޑު ކީޕަރަށެވެ.
ލިވަޕޫލުން ވަނީ ރޯމާގެ މިސްރު ފޯވާޑް މުހައްމަދު ސަލާހް 42 މިލިއަން ޔޫރޯ އަށް މި ސީޒަނުގައި ގަނެފަ އެވެ. އޭނާ ދައްކަމުން އަންނަ މޮޅު ކުޅުމަށް ބަލާއިރު، ރޯމާ އިން އޭނާ ވިއްކި އަގު މާބޮޑަށް ވެސް ކުޑަ ކަމަށް އެއް ބަޔަކު ދެކެ އެވެ. އެހެންވެ ރޯމާ އިން އެލިސަންގެ އަގު ކުޑަކުރުމުގައި ދުލެއް ދޭނެ ކަމަށް ނުބެލެވެ އެވެ.
ބްރެޒިލް ގައުމީ ޓީމަށް 22 މެޗު ކުޅެދީފައިވާ ކީޕަރުގެ އަގު ވޯލްޑް ކަޕަށް ފަހު މަތިވެދާނެ ކަމަށް ބެލެވޭތީ ވީހާ ވެސް އަވަހަކަށް އޭނާ ގަތުމަށް ލިވަޕޫލުން ބޭނުންވާ ކަމަށް ވެސް ވެ އެވެ.
ލިވަޕޫލުގެ ގޯލް މިހާރު ބަލަހައްޓާ ކީޕަރުންނަކީ ޖަރުމަނުގެ ލޮރިސް ކާރިއަސް އާއި ބެލްޖިއަމްގެ ސިމޮން މިގްނޮލޭ އެވެ.