15 ފެބުރުއަރީ 2018 - 23:26

އިންޑިއާގެ ކަންބޮޑުވުންތަކެއް ހުރެދާނެ ކަމަށާއި އެކަމަކު އެ ގައުމަކީ ރާއްޖޭގެ އެންމެ ގާތް އެކުވެރިޔާ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއި އޭގެ ފަހުން ރާއްޖޭގައި ހިނގަމުންދާ ކަންކަމާ ގުޅިގެން އިންޑިއާ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ޕީޕީއެމްގެ ޒުވާނުން އިސް ނަގައިގެން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ރައީސް ޔާމީން ވިދާޅުވީ ދުނިޔެމަތީގެ ސުވަރުގެއެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ރާއްޖެއަކީ ހަނގުރާމައިގެ މައިދާނަކަށް ބަދަލުކުރަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ. މިހާރު ހިނގަމުންދާ ކަންކަމާ ގުޅިގެން އިންޑިއާ ސިފައިން ރާއްޖެ ގެންނަން ކުރީގެ ރައީސް ނަޝީދު ގޮވާލެއްވިކަން ފާހަގަ ކުރައްވައި، ރައީސް ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖެ އަންނަން ޖެހޭ ސަބަބެއް ނެތް ކަމަށާއި އެ ގައުމަކީ އެންމެ ރަހުމަތްތެރި ގައުމު ކަމަށެވެ.
"އެކަމަކު އިންޑިއަން އާމީއެއް ނާންނާނެ މިތަނަކަށް. އިންޑިއާގެ އަސްކަރިއްޔާ އަންނަންޖެހޭ އެއްވެސް ކަމެއް ނެތް. އިންޑިއާއަކީ އަހަރުމެންގެ އެންމެ ރަހުމަތްތެރި ގައުމު،" ރައީސް ޔާމީން ވިދާޅުވި އެވެ.
އެކަމަކު އިންޑިއާ އަށް ވެސް އުނދަގޫވާ ފަދަ ކަންތައްތަކެއް ހުރެދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ސަބަބެއްގެ ގޮތުގައި އެމަނިކުފާނު ވިދާޅުވީ ބޮޑެތި ގައުމުތަކާއި ބޮޑެތި ގައުމުތަކާ ދެމެދު އެއް ގަލަކަށް ނޭރި ހުންނަ މައްސަލަތަކެވެ. ރާއްޖެ އޮތީ އެންމެ މުހިންމު ސަރަހައްދެއްގައި ކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ އެކަމުގެ ފައިދާ ނަގައިގެން ރާއްޖެއަކީ ހަނގުރާމައިގެ މައިދާނަކަށް ބަދަލު ކުރަންވީ ނޫން ކަމަށާއި ހޯދަންވީ އިގްތިސާދީ ފައިދާ ކަމަށެވެ. ކުރީގެ ހުރިހާ ރައީސުންނަށް ވެސް އެ ފުރުސަތު ލިބުނުކަން ފާހަގަ ކުރައްވައި، އެމަނިކުފާނަށް ވެސް ފުރުސަތު ދެއްވުމަށް ރައީސް ގޮވާލެއްވި އެވެ.
"އެއްވެސް ބަދަލެއް ގެނެވޭތޯ ބަލަން އެބަޖެހޭ. އިންތިޒާރު ކޮށްލަން އެބަޖެހޭ. މިތަން ނުޖެހޭ ވޯ ޒޯނަކަށް ހަދާކަށް. މިހާރު މިވާ ގޮތަކީ އަހަރުމެންގެ ތެރެއިން އެއްބައި ލީޑަރުން މި ބުނަނީ މިތަން ހަދާށޭ ވޯ ޒޯނަކަށް،" ހަނގުރާމައިގެ މައިިދާނަކަށް ރާއްޖެ ބަދަލުކުރަން އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށް ސިފަކުރައްވަމުން، ރައީސް ޔާމީން ވިދާޅުވި އެވެ.
ޒުވާނުންނާ މުޚާތަބު ކުރައްވައި، ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ކަންކަން ނިންމުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރާ ބަޔަކީ ޒުވާނުން ކަމަށެވެ. ސިޔާސީ މަގްސަދުތައް ހާސިލް ކުރަން ޒުވާނުން ބޭނުން ކޮށްގެެން ކުރާ ކަންކަމަށް ޒުވާނުން ނޫނެކޭ ބުނަން ޖެހޭ ކަމަށާއި އެފަދަ ކަންކަމުގައި ބައިވެރިވުމުން އޭގެ ގެއްލުން ވެސް ލިބޭނީ ޒުވާނުންނަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެކަންކަން ކުރަނީ އިދިކޮޅު ފަރާތްތައް އަޑީގައި ތިބެގެން ކަމަށް ވެސް ވިދާޅުވި އެވެ.
"ތިނަދޫ ރައްޔިތުން ކަރަންޓު ނެތި ތިން ރޭ ތިން ދުވާ ވަންދެން ގޮތް ހުސްވެފައި ތިބި. ހަމަ ޑެލިބަރޭޓްލީ ގަސްދުގައި ރޯކޮށްލީމަ. މިއީ އަހަރުމެންގެ އިދިކޮޅު މީހުން ޒުވާނުންނަށް ފީޑްކޮށްގެން ކުރާ ކަންތައްތައް މި ހުންނަނީ. މި ގެއްލުން ނުވި ނަމަ، އެ ރެސްޓޯކުރަން ދިޔަ ފައިސާ ނުދިޔަ ނަމަ، އެއީ ކިތައް ކުދިންގެ ސްކޮލާޝިޕްގެ ފީ؟." ތިނަދޫ އިންޖީނުގެ ރޯކޮށްލި ހާދިސާއަށް އިޝާރާތް ކުރައްވައި، ރައީސް ވިދާޅުވި އެވެ.