15 ފެބުރުއަރީ 2018 - 21:16

އެކި ކުށްތަކުގައި 33 އަހަރުގެ ޖަލު ހުކުމެއްގައި ހުރި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވެސް މިރޭ ދޫނިދޫ ޖަލަށް ބަދަލުކޮށްފި ކަމަށް އޭނާގެ ވަކީލް މޫސާ ސިރާޖު ވިދާޅުވެއްޖެ އެވެ.
ދޫނިދޫ ޖަލުގައި ހުންނަތާ ގިނަ ދުވަސްތަކެއް ފަހުން އަދީބު މާފުށީ ޖަލަށް ބަދަލުކުރީ ސިޔާސީ ބޭފުޅުންތަކެއް ވެސް ހިމެނޭ ގޮތަށް، ނުވަ ބޭފުޅަކު ޖަލުން މިނިވަންކުރުމަށް މި މަހުގެ 1 ވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހުގަ އެވެ. އަދީބު މިނިވަންކުރުމަށް ވެސް އެ އަމުރުގައިވެ އެވެ. ނަމަވެސް އަމުރު ނެރުނު ފަސް ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކު ހައްޔަރުކުރި ފަހުން އަނެއް ތިން ފަނޑިޔާރުން ވަނީ ގައިދީން މިނިވަންކުރުމުގެ ބައި ބާތިލްކޮށްފަ އެވެ.
ވަކީލް ސިރާޖު ވިދާޅުވީ އަދީބު ދޫނިދޫއަށް ބަދަލުކުރިކަން އާއިލާ އަށް އަދި ވަކީލުންނަށް ވެސް އަންގާފައި ނުވާ ކަމަށެވެ.
ދޫނިދޫ ޖަލަށް އަދީބު ބަދަލުކުރިއިރު، ރިޝްވަތު ދިނުމާއި ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެސް މިރޭ ވަނީ ދޫނިދޫ ޖަލަށް ބަދަލުކޮށްފަ އެވެ.
މި ބޭފުޅުން މާފުށިން ދޫނިދޫ އަށް ބަދަލުކުރި ސަބަބެއް ވަނީ އެނގޭ ގޮތް ނުވެފަ އެވެ.