ޕޮލިސް ކޮމިޝަނާ ބިއުރޯގެ ހެޑަކަށް ޝިފާން
ޕޮލިސް ކޮމިޝަނާ ބިއުރޯގެ ހެޑަކަށް ޝިފާން

ޕޮލިސް ކޮމިޝަނަރު ބިއުރޯގެ ހެޑަކަށް، ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން އައްޔަންކުރައްވައިފި އެވެ.

ކުރިން އެ މަގާމުގައި ހުންނެވިީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފެވެ. ނަމަވެސް މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި އެ މަގާމުން މަންނާނު ވަނީ ވަކިކޮށްފަ އެވެ.

ފުލުހުންގެ ތަރުޖަމާނުކަން ވެސް ކުރައްވާ ޝިފާން ޕޮލިސް ކޮމިޝަނަރު ބިއުރޯގެ ހެޑަކަށް ހަމަޖެއްސި އިރު ސިޔާސީ ހަލަބޮލިކަމާ އެކު ފުލުހުންގެ އެންމެ އިސް މަގާމުތަކަށް މި ފަހުން ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން، ޕޮލިސް ކޮމިޝަނަރުގެ މަގާމުން އަހުމަދު އަރީފު އަދި ޑެޕިއުޓީ ކޮމިޝަނަރަކަށް ހުންނެވި އަހުމަދު ސައުދީ ވަނީ ވަކިކުރައްވައިފަ އެވެ.

ޗީފް ސުޕްރިޓެންޑެންޓުގެ މަގާމުގައި މިހާތަނަށް ހުންނެވި ހަމްދޫން ރަޝީދު ވަނީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް (އޭސީޕީ)ގެ މަގާމަށް މިދިޔަ އާދިއްތަ ދުވަހު ހަމަޖައްސައިފަ އެވެ.

ފުލުހުންގެ އިދާރާ ހިންގުން މިހާރު ހަވާލު ކުރައްވާފައި ވަނީ ޑެޕިއުޓީ ކޮމިޝަނަރު އަބްދުﷲ ނަވާޒްއާ އެވެ.