ދެ ޓްވީޓަކާ ގުޅިގެން މަހުލޫފު އަނެއްކާވެސް ފުލުހަށް
ދެ ޓްވީޓަކާ ގުޅިގެން މަހުލޫފު އަނެއްކާވެސް ފުލުހަށް

ކުރެއްވި ދެ ޓްވީޓަކާ ގުޅިގެން މާދަމާ ފުލުހަށް ހާޒިރުވުމަށް، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފަށް އަނެއްކާ ވެސް އަންގައިފި އެވެ.

މިދިޔަ ޑިސެމްބަރު ތިން ވަނަ ދުވަހު ކުރި ޓްވީޓަކާ ގުޅިގެން މަހުލޫފު ވަނީ މިއަދު 3:00 ގައި ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފަ އެވެ. އެ މައްސަލަައިގައި ބަޔާން ނެގުމަށްފަހު، އަނެއްކާ ވެސް މާދަމާ ދެ ފަހަރެއްގެ މަތިން އެ އިދާރާއަށް ހާޒިރުވުމަށް ފުލުހުން ފޮނުވި ޗިޓުގައިވެ އެވެ.

އެ ޗިޓުގައި ވާ ގޮތުން މިދިޔަ މަހުގެ 20 ވަނަ ދުވަހު މަހުލޫފު ކުރި ޓްވީޓަކާ ގުޅިގެން ހާޒިރުވާން އަންގާފައިވަނީ ހަވީރު 5:00 އަށެވެ. އަދި ޑިސެމްބަރު 3 ގައި ކުރި ޓްވީޓާ ގުޅިގެން 2:30 ގައި ބަޔާން ނެގުމަށް ހާޒިރުވާން އަންގާފައިވެ އެވެ.

އެ ޗިޓުތަކާ އެކު މަހުލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ ފުލުހަށް ހާޒިރުކުރުވަނީ މާދަމާގެ މުޒާހަރާއަށް އޭނާ ދިއުން ހުއްޓުވުމަށް ކަމަށެެވެ.

ފުލުހުންގެ ވާޖިބަށް ހުރަސްއެޅިކަމުގެ ކުށް ސާބިތުވެ މަހުލޫފް ވަނީ އަހަރަކަށް ވުރެ ގިނަ ދުވަހު ޖަލުގައި ހޭދަކުރައްވައިފަ އެވެ. އޭނާ މިނިވަންވީ މިދިޔަ އަހަރުގެ ޖޫން 8 ގަ އެވެ.