ބަންދުގައި ހުންނަނީ އެކަށީގެންވާ ތަނެއްގައި ނޫންކަމަށް އުއްތަމަ ފަނޑިޔާރު މުއިއްޒަށް ދެންނެވި: ވަކީލުން
ބަންދުގައި ހުންނަނީ އެކަށީގެންވާ ތަނެއްގައި ނޫންކަމަށް އުއްތަމަ ފަނޑިޔާރު މުއިއްޒަށް ދެންނެވި: ވަކީލުން

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަވަނީ އިންސާނުން ބައިތިއްބަން އެކަށީގެންވާ ފަދަ ތަނެއްގައި ނޫން ކަމަށް، އެމަނިކުފާނާ އިއްޔެ ބައްދަލު ކުރެއްވި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒަށް އުއްތަމަ ފަނޑިޔާރު ދެންނެވި ކަމަށް އެމަނިކުފާނުގެ ވަކީލުން މިއަދު ބުނެފި އެވެ.

ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު އިއްޔެ ވަނީ ރައީސް އަބްދުﷲ ޔާމީންގެ މަންދޫބެއްގެ ގޮތުން، މިވަގުތު ހައްޔަރުގައި ތިއްބެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދާ ބައްދަލު ކުރައްވައިފަ އެވެ. އަދި އެ ބޭފުޅުންނާ މެދު ކަންތައް ހަމަޖައްސާފައި ވަނީ ރަނގަޅަށް ކަމަށް އެ ބޭފުޅުން ވިދާޅުވި ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އެ ބައްދަލުވުމާ ގުޅިގެން އުއްތަމަ ފަނޑިޔާރުގެ ވަކީލުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އުއްތަމަ ފަނޑިޔާރު ބަހައްޓާފައި ހުންނަނީ އިންސާނުން ބަހައްޓަން އެކަށީގެން ނުވާ ފަދަ ތަނެއްގައި ކަމަށް މުއިއްޒަށް ދެންނެވި ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވާ ކަމަށެވެ. އަދި އެމަނިކުފާނާ މެދު އަމަލުކުރަނީ ގަވާއިދުތަކާ އެއްގޮތަށް، ރަނގަޅަށް ކަމަށް އެއްވެސް ބޭފުޅެއްގެ ގާތު އުއްތަމަ ފަނޑިޔާރު ވިދާޅުވެފައި ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި އެމަނިކުފާނާ މެދު އަމަލުކުރާ ގޮތުގެ ތަފްސީލު ހިއުމަން ރައިޓްސް ކޮމިޝަނާ ވެސް އުއްތަމަ ފަނޑިޔާރު އިއްޔެ ހިއްސާކުރެއްވި ކަމަށް އެ ބަޔާނުގައިވެ އެވެ.

"އުއްތަމަ ފަނޑިޔާރު ދެކެވަޑައިގަންނަވާ ގޮތުގައި ރައީސް ޔާމީންގެ މިނިސްޓަރު އެމަނިކުފާނާ ބައްދަލު ކުރައްވާފައިވަނީ އެއްވެސް އިހްލާސްތެރި މަގްސަދެއް އޮވެގެން ނޫނެވެ." ވަކީލުންގެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ވަކީލުން ބުނެފައިވާ ގޮތުން ދުވާލަކު އެއްފަހަރު ގޮޅިން ބޭރަށް ނިކުތުމަށް ދެވޭ ފުރުސަތުގައި އުއްތަމަ ފަނޑިޔާރު ގޮޅިން ބޭރަށް ނިކުމެވަޑައިގަންނަވާ ނަމަ، އެމަނިކުފާނު ނެރެވޭނީ ފުރަގަހަށް ބިޑި އަޅުވައިގެން ކަމަށް ފުލުހުން އިއްޔެ ވަނީ އަންގައިފަ އެވެ. އަދި ވަކީލުންނާ ބައްދަލުވުމުގެ ފުރުސަތު ވެސް ކުއްލި ނުރައްކަލުގެ ހާލަތާ އެކު ހަނިކޮށްފައިވާތީ އެކަމުގެ ކަންބޮޑުވުން ވެސް އެ ބަޔާނުގައި ވަކީލުން ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން ވަކީލުންގެ ހައްގަކީ ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ނުހިފެހެއްޓޭނެ ހައްގެއް ކަން އެ ބަޔާނުގައި ވަކީލުން ފާހަގަ ކޮށްފައިވެ އެވެ.

އެ ބަޔާނުގައި ވަކީލުން އެދިފައިވަނީ އުއްތަމަ ފަނޑިޔާރާ އެއްވެސް ފަރާތަކުން ބައްދަލުކުރާ ނަމަ އެކަން ވަކީލުންނަށް އެންގުމަށާއި ވަކީލުންގެ ހާޒިރުގައި ނޫނީ އެފަދަ ބައްދަލުވުމެއް ކުރިއަށް ނުގެންދިއުމަށެވެ.