މާދަމާގެ އެއްވުން ސުލްހަވެރިވާނެ ކަމަކަށް ނުބެލެވޭ، ފުރުސަތެއް ނުދެވޭނެ: ފުލުހުން
މާދަމާގެ އެއްވުން ސުލްހަވެރިވާނެ ކަމަކަށް ނުބެލެވޭ، ފުރުސަތެއް ނުދެވޭނެ: ފުލުހުން

އިދިކޮޅު ފަރާތްތަކުން މާދަމާ ބާއްވާ އެއްވުމަކީ ސުލްހަވެރި އެއްވުމެއް ކަމަށް ނުބެލެވޭ ކަމަށާއި އެހެންވެ އެއްވުމަށް ފުރުސަތު ނުދޭނެ ކަމަށް ފުލުހުން އަނެއްކާވެސް ބުނެފި އެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ތަރުޖަމާނު ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ އެ އެއްވުމުގައި ބައިވެރިވާން ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން ގޮވާލަމުންދާ ކަމަށާއި އެކަމުގައި އާންމުން ބައިވެރިކުރަން ވެސް ބައެއް ފަރާތްތަކުން މަސައްކަތް ކުރާ ކަން ފާހަގަ ކުރެވޭ ކަމަށެވެ. އެކަމަކު ފުލުހުންނަށް މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، އެ އެއްވުމަކީ ސުލްހަވެރި އެއްވުމެއް ކަމަށް ބެލެވެން ނެތް ކަމަށާއި އެހެންވެ އެކަމަށް ފުލުހުން ޖާގަނުދޭނެ ކަމަށް ޝިފާން ވިދާޅުވި އެވެ.

"މާދަމާގެ މި އެއްވުމަކީ ސުލްހަވެރި ހަރަކާތެއް ކަމަކަށް ނުވަތަ ސުލްހަވެރި އެއްވުމެއް ކަމަކަށް އަޅުގަނޑުމެންނަށް ބަލައިގަނެވޭނެ ޖާގަ ނެތް ކަމަށް ދަންނަވަން. އަދި މި އެއްވުމުގައި އެއްވެސް ފަރާތަކުން ބައިވެރިނުވުމަށް އަޅުގަނޑުމެން އިލްތިމާސް ކުރަން،" ޝިފާން ވިދާޅުވި އެވެ.

ޝިފާން އިތުރަށް ވިދާޅުވީ ގާނޫނާ ޚިލާފަށް، ހަމަނުޖެހުން ހިންގުމަށް ހިތްވަރު ދޭ ފަރާތްތަކާ މެދު ފުލުހުން ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކުން އެކަން ވަގުތުން ހުއްޓާލަން އޭނާ އިލްތިމާސް ކުރެއްވި އެވެ.

ޝިފާން ވިދާޅުވި ގޮތުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި އޮތަސް އެއްވެ އުޅުމުގެ ގާނޫނުގެ ދަށުން އެއްވެ އުޅުމުގެ ފުރުސަތުތައް ދެވެން އޮތް މިންވަރަކަށް ފުލުހުން އަންނަނީ ދެމުންނެވެ. އެގޮތުން ބައެއް އެއްވުންތަކަށް ފުލުހުން ދޫ ދެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު މާދަމާ އެއްވުމަށް ފުރުސަތު ދެވެން ނެތީ ފުލުހުންނަށް ލިބިފައި ހުރި މައުލޫމާތުތަކަށް ރިއާޔަތްކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުހުން މިހެން ބުނި ނަމަވެސް އިދިކޮޅު ފަރާތަތްކުން ބުނެފައި ވަނީ މާދަމާ ބޮޑު އެއްވުމެއް ބާއްވަން ނިންމާފައި ނުވާ ކަމަށެވެ.