މިސްރުގެ ކުރީގެ ރިޔާސީ ކެންޑިޑޭޓް ހައްޔަރުކޮށްފި
މިސްރުގެ ކުރީގެ ރިޔާސީ ކެންޑިޑޭޓް ހައްޔަރުކޮށްފި

ގާހިރާ (ފެބްރުއަރީ 15) - މިސްރުގެ ކުރީގެ ރިޔާސީ ކެންޑިޑޭޓް އަދި އިދިކޮޅު އިސް މެންބަރެއްގެ ގޮތުގައި މިހާރު މަސައްކަތް ކުރާ އަބްދުލް މުނީމް އަބޫލް ފަތޫހު ފުލުހުން ހައްޔަރުކޮށްފި އެވެ.

ދެހާސް ބާރަ ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓް ހައްޔަރުކޮށްފައި ވަނީ އޭނާއާ މުސްލިމް ބުރަދަހުޑް ޖަމާއަތާ ގުޅުން އޮންނަ ކަމަށް ބުނެ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އަމުރަށް ވަނީ ފަތޫހުގެ ސްޓްރޯންގް އިޖިޕްޓް ޕާޓީގެ އިސް ހަ މެންބަރަކު ވެސް ހައްޔަރުކޮށްފަ އެވެ. ފަތޫހު ހައްޔަރުކޮށްފައި ވަނީ މިސްރުގެ ރައީސް އަބްދުލް ފައްތާހު ސީސީގެ އަގު ވައްޓާލަން އޭނާ މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ފަތޫހު ހައްޔަރު ކުރަން ވަކީލަކު ހުށަހަޅާފައި ވަނިކޮށެވެ.

މުސްލިމް ބުރަދަހުޑުގެ ކުރީގެ މެންބަރު އަދި ސްޓްރޯންގް އިޖިޕްޓް ޕާޓީގެ ލީޑަރު ފަތޫހު ވަނީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި 2012 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކޮށްފަ އެވެ.

ފަތޫހު ހައްޔަރުކޮށްފައި މިވަނީ މިސްރުގައި އިދިކޮޅު އިސް ފަރާތްތަކެއް ހައްޔަރު ކުރަމުންދާ ދުވަސްވަރެއްގަ އެވެ. އަންނަ މަހު އޮންނަ ރިޔާސީ އިންތިޚާބުގައި މިސްރުގެ ރައީސްއާ ވާދަކުރާނެކަން އިއުލާންކުރި ކެންޑިޑޭޓް އަދި ސިފައިްންގެ ކުރީގެ ވެރިޔާ ސާމީ އަނަސް އާއި އޭނާގެ ކެމްޕޭން މެނޭޖަރު އަދި ކުރީގެ އޮޑިޓާ ޖެނެރަލް މީގެ ދެ ދުވަސް ކުރިން ވަނީ ހައްޔަރުކޮށްފަ އެވެ.

މިސްރުގެ އިންތިޚާބުގައި ވާދަކުރަން ޝައުގުވެރިކަންް ފާޅުކުރި ކެންޑިޑޭޓުން ބަންދުކުރުމުން ސީސީއާ ދެކޮޅަށް ނުކުންނާނެ ވާދަވެރި ކެންޑިޑޭޓެއް މިހާރު ނެތެވެ. އިންތިޚާބަށް އެންމެ ފަހު ވަގުތު ކުރިމަތިލާފައި ވަނީ ވެސް ސީސީ އަށް ތާއީދުކުރާ ފަރާތެކެވެ.