"ފެމެލީ ޓައިމް ވިތު ކަޕިލް ޝަރުމާ" ވަރަށް މަޖާ ވާނެ
"ފެމެލީ ޓައިމް ވިތު ކަޕިލް ޝަރުމާ" ވަރަށް މަޖާ ވާނެ

އިންޑިއާގެ މަޝްހޫރު ކޮމޭޑިއަން ކަޕިލް ޝަރުމާ މުޅިން އާ ޝޯއަކާ އެކު ޓީވީ ސްކްރީންތަކަށް އެނބުރި އަންނަކަން ދާދިފަހުން އިއުލާން ކޮށްފި އެވެ. ސޮނީ ޓީވީން ދައްކަން ހަމަޖެހިފައިވާ މި ޝޯގެ ނަމަކީ "ފެމެލީ ޓައިމް ވިތު ކަޕިލް ޝަރުމާ" އެވެ.

ބެލުންތެރިން ހީނހީނ ބަނޑަށް ތަދުވާ ވަރުގެ ޖޯކުތަކުގެ އިތުރުން އޯޑިއަންސަށް ބައިވެރިވޭ ބައެއް ކަހަލަ ގޭމްތައް ވެސް މި ޝޯގެ ތެރޭގައި ކުޅޭނެ އެވެ. މި ޝޯގެ ފުރަތަމަ ޕްރޮމޯޝަން ބުދަ ދުވަހު ވަނީ ދައްކަން ފަށައިފަ އެވެ.

ކަޕިލް އެންމެ ފަހުން ހުށަހަޅައިދިން "ދަ ކަޕިލް ޝަރުމާ ޝޯ" ވެސް ދެއްކީ ސޮނީންނެވެ. އެ ޝޯ އަކީ ވަރަށް ކާމިޔާބު ޝޯއެއް ނަމަވެސް ކަޕިލް އާއި ޝޯގެ ބައެއް ބައިވެރިންނާ ޖެހުނު މައްސަލަތަކެއްގައި ޝޯ ހުއްޓާލަން ޖެހުނީ އެވެ. މިފަހަރުގެ ޝޯގައި ކުރީ ޝޯގެ ވަރަށް ގިނަ ބައިވެރިން ހިމެނޭނެ ކަމަށްވެ އެވެ. ނަމަވެސް ކަޕިލްއާ އެންމެ ބޮޑަށް މައްސަލަ ޖެހުނު ސުނިލް ގްރޯވަރު މިފަހަރުގެ ޝޯގައި ބައިވެރިއެއް ނުވާނެ އެވެ.

ކަޕިލް އެނބުރި އަންނަން މި ނިންމީ އޭނާ އެންމެ ފަހުން ޕްރޮޑިއުސްކޮށް އެކްޓްކުރި ފިލްމު "ފިރަންގީ" ފްލޮޕްވެ ވަރަށް ބޮޑު މާލީ ގެއްލުމެއް ވެސް އޭނާއަށް ކުރިމަތިވެފައި ވަނިކޮށެވެ.