17 ފެބުރުއަރީ 2018 - 07:35

ޑާކް ރެއިން އެންޓަޓައިންމަންޓްގެ ފިލްމް "ވަކިން ލޯބިން" އަންނަ މަހު 5 ގައި އޮލިމްޕަހުގައި ޕްރިމިއާ ކުރުމަށް ފަހު، އެ ހަފުތާ ތެރޭގައި ރާއްޖޭގެ ބޮޑު ދެ އަތޮޅެއްގައި ފިލްމްގެ ލީޑް ތަރިންނާ އެކު ފިލްމް ޕްރިމިއާ ކުރަން ނިންމައިފި އެވެ.
އެ ޕްރިމިއާތަކުގައި ފިލްމްގެ ލީޑް ދެ ތަރިން ކަމަށްވާ ޖުމައްޔިލް ނިމާލް (ޖުމަލް) އާއި ބަތަލާ މަރިޔަމް (މަޖުދާ) ގެ އިތުރުން ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) ބައިވެރި ވާނެ އެވެ.
ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ ހދ. ކުޅުދުއްފުށީގައި ފިލްމް ފުރަތަމަ ޕްރިމިއާކުރަން ނިންމީ މާލެއާ އެއް ތާރީހެއްގައި ކަމަށެވެ.
"އެކަމަކު އަހަރެމެން މިހާރު ނިންމައިފިން އެ ރަށުގައި ފިލްމް ހައެއްގައި ޕްރިމިއާ ކުރަން. އެގޮތަށް ނިންމީ މާލޭގެ ޕްރިމިއާ އަށް ފަހު މަޖޫ އާއި ޖުމަލްގެ އިތުރުން ޗިއްޕެ އަށް ވެސް ބައިވެރިވެވޭ ގޮތަށް ޕްރިމިއާ ކުރިއަށް ގެންދަން،" އޭނާ ބުންޏެވެ. "އޭރުން ފިލްމް ބަލަން އަންނަ މީހުންނަށް ހާއްސަ ކަމަކަށް ވެގެން ދާނެ. އަދި ތަރިންނާ އެކު ސެލްފީ ވެސް ނަގައިލެވޭނެ."
ކުޅުދުއްފުށީގެ އިތުރުން އައްޑޫގެ ދެ ރަށެއްގައި "ވަކިން ލޯބިން" ގެ ތަރިންނާ އެކު، ފިލްމް ޕްރިމިއާ ކުރާނެ އެވެ. އެއީ މަރަދު އާއި މީދޫގަ އެވެ. މީދޫގައި އެއް ޝޯ ދައްކަން ހަމަޖެހިފައިވާ އިރު، މަރަދޫގައި ތިން ޝޯ ދައްކާނެ އެވެ. އެއީ އަންނަ މަހުގެ 8-10 އަށެވެ. މި ޝޯތަކުގެ ޓިކެޓް މިހާރު އަންނަނީ ވިއްކަމުންނެވެ.
މީދޫގައި ކުރިން ޝޯ ދައްކަން އޮތީ 8 ގައި ކަމަށް ވިޔަސް ތަރިންނާ އެކު ޕްރިމިއާ ކުރާތީ، އެ ރަށުގައި ފިލްމް ދައްކާނީ އަންނަ މަހުގެ 9 ގަ އެވެ. މަރަދޫގައި ޕްރިމިއާ އޮންނާނީ 8 ގަ އެވެ.
"މިގޮތަށް ހަމަޖެއްސީމަ މަރަދޫގައި ޕްރިމިއާ ބޭއްވުމަށް ފަހު، ނުވަ ވަނަ ދުވަހުގެ ރޭ މީދޫ ޝޯގައި ތަރިންނަށް ބައިވެރިވެވޭނެ،" މޮގާ ބުންޏެވެ.
ތަރިންނާއި ޑައިރެކްޓަރާ އެކު އައްޑު އާއި ކުޅުދުއްފުށީގައި "ވަކިން ލޯބިން" ޕްރިމިއާ ކުރަން ނިންމާފައިވާތީ، މިކަން ވެގެން ދާނީ މިދިޔަ އަހަރު އެޅުވި އަބްދުލް ފައްތާހްގެ "ހައްދު" އަށް ފަހު ތަރިންނާ އެކު އަތޮޅުތަކުގައި ޕްރިމިއާ ކުރާ ފުރަތަމަ ފިލްމަށެވެ. އެ ފިލްމް ކުޅުދުއްފުއްޓާއި އައްޑޫގައި އެޅުވީ ތަރިންނާއި ޑައިރެކްޓަރާއި ލަވަކިޔުންތެރިން ބައިވެރިކޮށްގެންނެވެ.
އައްޑު އާއި ކުޅުދުއްދުށީގެ އިތުރުން "ވަކިން ލޯބިން" ޅ. އަތޮޅުގެ ބައެއް ރަށްރަށާއި ފުވައްމުލަކުގައި ވެސް އަޅުވަން މިހާރު ވަނީ ހަމަޖެހިފަ އެވެ. މި ފިލްމްގެ ލަވައެއް ވަނީ ފުވައްމުލަކުގައި ޝޫޓް ވެސް ކޮށްފަ އެވެ.
"ކުރިއަށް ހުރި އަތޮޅުތަކާއި ރަށްތައް ވެސް އަހަރެމެން ގެންދާނަން އިއުލާން ކުރަމުން،" މޮގާ ބުންޏެވެ. "ވީހާ ވެސް ގިނަ ރަށްރަށުގައި ފިލްމް ދައްކަން މަސައްކަތް ކުރާނަން."
"ވަކިން ލޯބިން" އަކީ މޮގާގެ އަންހެނުން އައިޝަތު ފުއާދު ތައުފީގްގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ ފެމިލީ ޑްރާމާއެކެވެ. ފިލްމުން މަޖޫ އާއި ޖުމަލްއާ އެކު ވަރަށް މުހިއްމު ރޯލަކުން ނުޒުހަތު ޝުއައިބް (ނުޒޫ) ވެސް ފެނިގެން ދާނެ އެވެ.