15 ފެބުރުއަރީ 2018 - 13:46

ސޯލް (ފެބްރުއަރީ 15) - ވިންޓަ އޮލިމްޕިކްސް އަށް ސޯލް އަށް ދަތުރުކުރި ނޯތު ކޮރެއާގެ ވަފުދަށް ޚަރަދުވި 2.86 ބިލިއަން ކޮރެއަން ވޮން (2.64 މިލިއަން ޑޮލަރު) ސައުތު ކޮރެއާ އިން ދޭން ނިންމައިފި އެވެ.
ސައުތު ކޮރެއާގައި ބޭއްވި ގޭމްސްގައި ބައިވެރިވުމަށް ނޯތު ކޮރެއާގެ 400 އަށް ވުރެ ގިނަ ސަޕޯޓަރުންނާއި ޕާފޯމަރުން ދަތުރުކުރި އެވެ. އެ މީހުންގެ ތިބުމާއި ކެއުން އަދި ދަތުރު ފަތުރަށް ޚަރަދުވި 2.6 މިލިއަން ޑޮލަރު ދެނީ ސައުތު ކޮރެއާގެ ޔުނިފިކޭޝަން މިނިސްޓްރީގެ ބަޖެޓުންނެވެ. ނޯތު ކޮރެއާ އިން ބައިވެރިވި 22 އެތުލީޓުންގެ ޚަރަދު ދެނީ އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީންނެވެ.
ޔުނިފިކޭޝަން މިނިސްޓަރު ޗޯ މިއޮން-ގިއޮން ވިދާޅުވީ ގޭމްސްގައި ނޯތު ކޮރެއާ އިން ބައިވެރިވުމަކީ ދެ ކޮރެއާގެ ގުޅުން ރަނގަޅު ކުރުމުގައި އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ނޯތު ކޮރެއާ އިން ގޭމްސްގައި ބައިވެރި ކުރުވީ އައިއޯސީގެ ގަވާއިދުތަކާއި ބައިނަލްއަގުވާމީ އުސޫލުތަކާއި ނޯތު ކޮރެއާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކާ ތައާރަޒް ނުވާ ގޮތުގެ މަތިން ކަމަށެވެ.
ނޯތު ކޮރެއާ ވަފުދަށް ސައުތު ކޮރެއާ އިން ލިބުނު މެހްމާންދާރީ އަށް ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން ވަނީ ތައުރީފް ކުރައްވައިފަ އެވެ. ނޯތު ކޮރެއާ އިން ފޮނުވި ވަފުދުގެ މެންބަރުންގެ ތެރޭގައި ކިމްގެ ކޮއްކޮ ކިމް ޔޯ ޖޮން ވެސް ހިމެނެ އެވެ.
ކިމް ޔޯ ޖޮން ވަނީ ސައުތު ކޮރެއާގެ ރައީސް މޫން ޖައެ-އިން ނޯތު ކޮރެއާ އަށް ވަޑައިތުމަށް ކިމްގެ ފަރާތުން ދައުވަތު އަރުވައިފަ އެވެ. އެ ދައުވަތު މޫން އަދި ގަބޫލެއް ނުކުރައްވަ އެވެ. އޭނާ ވިދާޅުވީ ނޯތު ކޮރެއާ އަށް ޒިޔާރަތް ކުރުމަށް ހާލަތު އަދި ރަނގަޅު ނޫން ކަމަށެވެ.