15 ފެބުރުއަރީ 2018 - 12:11

ނިއު ރޭޑިއަންޓާއި ގައުމީ ޓީމުގެ މިޑްފީލްޑަރު ހަމްޒާ މުހައްމަދު (ހަމްޕު) ގެ ކަކުލަށް ލިބުނު އަނިޔާ ހީކުރިހާ ސީރިއަސް ނޫން ކަމަށް ޓެސްޓްތަކުން ދައްކައިފި އެވެ.
އެހެންކަމުން މި މަހު 25 ވަނަ ދުވަހު ސީޒަން ފަށާއިރުގެ ނިއުގެ ކޯޗު އޮސްކާ ބްރުޒޮން އަށް އޭނާގެ ބޭނުން ހިފޭނެ އެވެ.
ހަމްޕުގެ ކަނާތު ކަކުލަށް ޕްރެކްޓިހުގައި ލިބުނު އަނިޔާއަކާ ގުޅިގެން އެންމެ ފުރަތަމަ ޑޮކްޓަރަށް ދެއްކުމުން ލަފާކުރީ ކަކުލުގެ މެނިސްކަން އަށް ގެއްލުންވެފައިވާ ކަމަށެވެ. އެކަމަކު އެމްއާރްއައި ރިޕޯޓްތަކުން ދެއްކި ގޮތުގައި އެފަދަ ގެއްލުމެއް ނުވެ އެވެ. އެކަމަކު ހުޅުގެ އެތެރެ ހުރީ ދުޅަވެފަ އެވެ. އެހެންކަމުން ފިޒިއޮތެރަޕީ ހަދައިގެން އެ ހާނިއްކަ ފަސޭހަކުރެވޭނެ އެވެ.
"އަންނަ ހޮނިހިރު ދުވަހު ޕްރެކްޓިހުގައި ބައިވެރިވާން. ސީރިއަސް ގެއްލުމެއް ނުވޭ،" ހަމްޕު ބުންޏެވެ.
ބ. އޭދަފުށްޓަށް ނިސްބަތްވާ ހަމްޕު އަކީ ނިއުގެ ކޯޗު ސްޕެއިނުގެ އޮސްކާ ބްރުޒޮންގެ ޕްލޭނުގައި ހިމެނޭ މުހިއްމު ކުޅުންތެރިޔެކެވެ. އޭނާ ވަނީ ނިއު އިން މިދިޔަ ސީޒަނުގައި އުރީދޫ ދިވެހި ޕްރިމިއާ ލީގާއި އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކާމިޔާބުކުރިއިރު މޮޅު ކުޅުމެއް ދައްކައިފަ އެވެ.