އެކަނިވެރި މައިންނަށް ވުރެ އެކަނިވެރި ބަފައިންގެ އުމުރު ކުރު
އެކަނިވެރި މައިންނަށް ވުރެ އެކަނިވެރި ބަފައިންގެ އުމުރު ކުރު

އެކަނިވެރި މައިންނާ އަޅާބަލާއިރު އެކަނިވެރި ބަފައިންގެ އުމުރު ކުރުވުމުގެ ނުރައްކާ ދެ ގުނައަށް އިތުރު ކަމަށް ކެނެޑާގައި ކޮށްފައިވާ ދިރާސާއަކުން ހާމަވެއްޖެ އެވެ.

"އަހަރެމެން ކުރި ދިރާސާއިން ހާމަވެފައިވަނީ އެކަނިވެރި ބަފައިންގެ އުމުރު ކުރުވުމުގެ މައްސަލަ ވަރަށް ބޮޑުކަން. އެހެންވެ މިފަދަ މީހުންނަށް ޕަބްލިކް ހެލްތު ޕޮލިސީގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކެއް ހޯދަން ޖެހޭކަން،" ޓޮރޮންޓޯ ޔުނިވަސިޓީގެ ސައިންޓިސްޓް މާރިއާ ޗިއު ވިދާޅުވި އެވެ.

"ދަ ލާންސެޓް ޕަބްލިކް ހެލްތު" ގައި ޝާއިއުކޮށްފައިވާ މި ހޯދުމުގައި ބުނެފައިވަނީ މި ދިރާސާގެ ހޯދުންތައް އެންމެ ބޮޑަށް ގުޅޭނީ މުއްސަނދި ގައުމުތަކާ ކަމަށެވެ.

ޗިއު އާއި އޭނާގެ ބައިވެރިން މި ހޯދުމުގައި ކެނެޑާގެ އެކި ކަންކޮޅުތަކުގެ 40،500 މީހެއްގެ ހާލަތު 11 އަހަރު ވަންދެން ވަޒަންކުރި އެވެ. މީގެ ތެރޭގައި ހިމެނެނީ އެކަނިވެރި މައިންގެ 4،590 މީހަކާއި އެކަނިވެރި ބަފައިންގެ 871 މީހެކެވެ. މި ހޯދުމުގެ މަސައްކަތް ފެށިއިރު މި އެންމެންނަކީ ވެސް 40 ގެ އަހަރުތައް ގުނަމުންދާ މީހުންނެވެ. މޮނިޓާ ކުރަމުންދިޔަ މުއްދަތުގެ ތެރޭގައި މީގެ ތެރެއިން 700 ވަރަކަށް މީހުން ވަނީ މަރުވެފަ އެވެ.

މަރުވި 700 މީހުންގެ ތެރޭގައި ގިނައީ ފިރިހެނުންނެވެ. އެކަނިވެރި މައިންނާ ބަލާއިރު އެކަނިވެރި ބަފައިން ތިން ގުނަ އިތުރަށް މަރުވެފައިވާކަން ޗިއު އާއި އޭނާގެ ޓީމަށް ވަނީ ޔަގީން ކުރެވިފަ އެވެ.

މިކަން މިގޮތަށް ދިމާވާ ސަބަބުތަކުގެ ތެރޭގައި އެކަނިވެރި ބަފައިންގެ ތެރެއިން ގިނަ މީހުން، އެކަނިވެރި މައިންނަށް ވުރެ އުމުރުން ދުވަސްވެފައި ވުމާއި މި މީހުންނަށް ކެންސަރު ޖެހޭ ރޭޓް މަތިވުމާއި މި މީހުންނަށް މާ ފަސޭހައިން ހިތުގެ ބަލިތައް ޖެހުން ވެސް ހިމެނެ އެވެ.

ޗިއު ވިދާޅުވީ އެކަނިވެރި ބަފައިން މަރުވާ މިންވަރު މިހާ ބޮޑަށް އިތުރުވުމުގެ އަސްލަކީ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތާއި ސްޓްރެސް ކަމަށެވެ.

"އަހަރެމެންނަށް ފާހަގަ ކުރެވުނު ގޮތުގައި އެކަނިވެރި ބަފައިންގެ ދިރިއުޅުން ހުންނަނީ ސިއްހަތަށް ގެއްލުން ލިބޭ ފަދަ ގޮތަކަށް. ހަށިގަނޑަށް ފައިދާ ހުރި ކާނާ ނުކެއުމާއި ކަސްރަތު ކުރާލެއް މަދުވުން ނުވަތަ ބަނގުރާބުއިމުގެ އާދަ މި މީހުންގެ ކިބައިގައި ހުންނަކަން ފާހަގަކުރެވޭ،" ސައިންސްވެރިޔާ ވިދާޅުވި އެވެ.

އެކަނި ދަރިން ބަލާ ފިރިހެނުންގެ ތެރެއިން ގިނަ މީހުންނަކީ އަނބިމީހާއާ ވަކިވެފައި ނުވަތަ ވަރިކޮށްފައި ނުވަތަ އަނބި މަރުވެފައި ތިބި މީހުންނެވެ. އެއާ ޚިލާފަށް އެކަނިވެރި މައިންގެ ތެރެއިން ގިނަ މީހުންނަކީ ކައިވެނި ނުކޮށް ތިބި މީހުންނެވެ. ދެމަފިރިންގެ ގުޅުން ކެނޑުމުން އެ ކުރެވޭ ހިތި ތަޖުރިބާ އަކީ ވެސް ނަފްސާނީ ގޮތުން ބަލިކަށިކޮށްލާ ކަމެކެވެ.

"ނަތީޖާ ދައްކަނީ އެކަނިވެރި ބަފައިންނަކީ މާ ނާޒުކު ހާލަތެއްގައި ތިބޭ ގްރޫޕެއްކަން. މިފަދަ މީހުން ޕްރޮފެޝަނަލް މީހުންގެ އެހީތެރިކަން ވެސް ހޯދާލެއް މަދު،" ސައިންސްވެރިޔާ ވިދާޅުވި އެވެ.