15 ފެބުރުއަރީ 2018 - 11:42

ކުވޭތު (ފެބްރުއަރީ 15) - އިސްލާމިކް ސްޓޭޓް (އައިއެސް) އާ ދެކޮޅަށް ވޭތުވެދިޔަ ތިން އަހަރު ކުރި ހަނގުރާމައިގެ ސަބަބުން ވީރާނާވެފައިވާ އިރާގު އަލުން އާރާސްތު ކުރުމަށް 30 ބިލިއަން ޑޮލަރު ދިނުމަށް އެހީދޭ ފަރާތްތަކުން އެއްބަސްވެއްޖެ އެވެ.
ކުވޭތުގައި ބޭއްވި ބައިނަލްއަގުވާމީ ޑޮނާ ކޮންފަރެންސްގައި ސަރުކާރުތަކުންނާއި ގްލޯބަލް ފަންޑްތަކާއި ޖަމާއަތްތައް އަދި އިންވެސްޓަރުން ދޭން އެއްބަސްވި އެހީގައި އެންމެ ބޮޑު ހިއްސާއެއްވެފައި ވަނީ އިނގިރޭސި ވިލާތާއި ތުރުކީ އަދި ކުވޭތުންނެވެ. އިނގިރޭސި ވިލާތުން ވަނީ 10 އަހަރު ވަންދެން އަހަރަކު އެއް ބިލިއަން ޑޮލަރުގެ އެކްސްޕޯޓް ކްރެޑިޓް އިރާގަށް ދޭނެ ކަމަށް ބުނެފަ އެވެ. ތުރުކީގެ ޚާރިޖީ ވަޒީރު މެލްވުތު ކަވުސޮގްލޫ ވަނީ އިރާގަށް ފަސް ބިލިއަން ޑޮލަރުގެ ލޯނާއި އިންވެސްޓްމަންޓް ދޭނެ ކަމަށް ވިދާޅުވެފަ އެވެ. ކުވޭތުން ވެސް ވަނީ އިރާގަށް ފަސް ބިލިއަން ޑޮލަރުގެ ލޯނާއި އިންވެސްޓްމަންޓް އަދި އެކްސްޕޯޓް ފައިނޭންސް ދޭނެ ކަމަށް ބުނެފަ އެވެ.
އިރާގުން ބުނެފައި ވަނީ ގައުމު އަލުން ކޮޅަށް ޖެހުމަށް 90 ބިލިއަން ޑޮލަރު ބޭނުންވާނެ ކަމަށެވެ. މީގެ ތެރޭން 22 ބިލިއަން ޑޮލަރު ވަގުތުން ބޭނުންވާ ކަމަށް ވެސް ބުނެފައިވެ އެވެ. އިރާގު ހަނގުރާމައިގައި ވަނީ ގެތަކާއި ސްކޫލްތައް އަދި ހޮސްޕިޓަލްތަކާއި އިގްތިސާދީ އިންފްރާސްޓްރަކްޗާތައް ހަލާކުކޮށްލައިފަ އެވެ.
"އިރާގުން އުއްމީދުކުރީ މިއަށް ވުރެ ގިނައިން އެހީ ލިބޭނެ ކަމަށް. އެކަމަކު މިއީ ވެސް މާޔޫސްވާ ވަރުގެ އަދަދެއް ނޫން،" ބައްދަލުވުން ނިންމާލުމުގެ ގޮތުން ދެއްކި ވާހަކައިގައި އިރާގުގެ ޚާރިޖީ ވަޒީރު އިބްރާހިމް އަލް ޖާފަރީ ވިދާޅުވި އެވެ.
ކުވޭތުގެ ޚާރިޖީ ވަޒީރު ޝެއިޚް ސަބާހު އަލް ޚާލިދު އަލް ސަބާހު ވިދާޅުވީ އިރާގަށް އެހީވުމަށް 76 ގައުމަކުން އެއްބަސްވެފައިވާ ކަމަށެވެ.