"ނާގިން"އާ ވަކިވީ ބޮލީވުޑްގެ އަޖުމަ ބަލަން: މޯނީ ރޯއީ
"ނާގިން"އާ ވަކިވީ ބޮލީވުޑްގެ އަޖުމަ ބަލަން: މޯނީ ރޯއީ

ކަލާޒް ޗެނަލްގެ "ނާގިން"ގެ ދެ ސީރީޒްގައި ވެސް ބަތަލާގެ ރޯލު އަދާކުރީ މޯނީ ރޯއީ އެވެ. ނަމަވެސް ތިން ވަނަ ސީޒަންގައި މޯނީ ބައިވެރިއެއް ނުވެ އެވެ. އޭނާ މި ޝޯ ދޫކޮށްލީ ބޮލީވުޑް ފިލްމުތައް ކުޅުމުގެ ފުރުސަތުތައް ލިބެން ފެށުމާ ގުޅިގެންނެވެ.

އަކްޝޭ ކުމާރުގެ "ގޯލްޑް" އާއި ދަރްމާ ޕްރޮޑަކްޝަންސްގެ "ބްރަހްމަޝްތުރާ"ގައި މޯނީ ބައިވެރިވެ އެވެ.

މި ފިލްމުތަކުން މޯނީ ފެންނާނެތީ އޭނާގެ ފޭނުން އުފަލުން ތިއްބަސް "ނާގިން" ގައި އޭނާ ބައިވެރިނުވާތީ ދެރަވާ މީހުން ވެސް ބައިވަރެވެ.

މިޑް-ޑޭ އަށް ދިން އިންޓަވިއުއެއްގައި މޯނީ ބުނީ "ނާގިން" އާއި ޝޯގެ ޕްރޮޑިއުސަރު އަދި އޭނާގެ ގާތް އެކުވެރިޔާ އެކްތާ ކަޕޫރު ދޫކޮށްލުމަކީ އޭނާއަށް ނިންމަން ޖެހުނު ވަރަށް އުނދަގޫ ނިންމުމެއް ކަމަށެވެ. ނަމަވެސް މޯނީ ބުނި ގޮތުގައި ފިލްމު ކުޅުމުގެ ފުރުސަތުތައް ލިބޭތީ އެ ފުރުސަތުތަކުގެ ބޭނުން ކުރުމަށް އޭނާ ބޭނުންވީ އެވެ.

"ފިލްމު ކުޅުމުގެ ފުރުސަތުތަކަކީ އެހާ ފަސޭހައިން ލިބޭ އެއްޗެއް ނޫން. އެހެންވެ ލިބުނު ފުރުސަތުތައް ދޫކޮށްލަން ނުކެރުނީ. ނަމަވެސް ޓީވީއަކާ މުޅިން ވަތްކެއް ނުވަން. އަދި ޓީވީ ޝޯތަކުން ވެސް ފެންނާނެ،" މޯނީ ބުންޏެވެ.

މޯނީ މިވަގުތު ހުރީ "ބްރަހްމަޝްތުރާ"ގެ ޝޫޓިން އަށް ބަލްގޭރިޔާގަ އެވެ. މި ޝޫޓިންގައި ފިލްމުގައި ލީޑް ރޯލު ކުޅޭ އާލިއާ ބަޓް އާއި ރަންބީރު ކަޕޫރު ވެސް ބައިވެރިވެ އެވެ.

"ނާގިން"ގެ ފުރަތަމަ ދެ ސީޒަން ވަނީ ޓެލެވިޒަން ރޭޓިން ޕޮއިންޓްސް (ޓީއާރުޕީ)ގެ އެންމެ ކުރި ހޯދާފައި އެވެ. މިހާރު ތިން ވަނަ ސީޒަން ފަށަން ތައްޔާރުވެފައިވާއިރު މޯނީގެ ބަދަލުގައި މި ސީޒަންގައި ބަތަލާގެ ރޯލު އަދާކުރަނީ ސުރުބީ ޖޯތީ އެވެ. ސުރުބީއާ އެކު އަނީތާ ހަސަނަންދާނީ ވެސް މި ޝޯގައި ލީޑް ރޯލު ކުޅޭނެ އެވެ.