14 ޖުލައި 2016 - 23:36

ރާއްޖެ އާއި ރާއްޖެއިން ބޭރުގައި މަތީ ތައުލީމް ހާސިލްކުރަން ލޯނު ލިބުނު ދަރިވަރުންނަށް އެކަމުގެ ލިޔުން މިރޭ ހަވާލުކޮށްފި އެވެ.
އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ 284 ދަރިވަރުންނަށް 115 މިލިއަން ރުފިޔާގެ ލޯނު ދޫކުރި ކަމުގެ ލިޔުން ދީފަ އެވެ. މިދިޔަ މާޗު މަހު ހުޅުވާލި މި ލޯނަށް 425 ދަރިވަރުން ކުރިމަތިލި އެވެ. އެއީ 625 ފުރުސަތަށެވެ.
އެމްބީބީއެސް ހަދަން 20 ފުރުސަތު، ޕައިލެޓް ޓްރެއިނިން އަށް 10 ފުރުސަތު، ޕޯސްޓްގްރެޖުއޭޓުން ރާއްޖޭން ބޭރުން ތައުލީމް ހާސިލްކުރަން ދެ ފުރުސަތު، ރާއްޖޭގައި މާސްޓާސް ހަދަން 10 ފުރުސަތު އަދި ރާއްޖޭން ބޭރުގައި މާސްޓާސް ހަދަން ލޯނު ލިބުނު ދަރިވަރުންނަށް މިރޭގެ ރަސްމިއްޔާތުގައި ވަނީ ލޯނު ހަވާލުކޮށްފަ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ މި ސަރުކާރުގެ މަތީ ތައުލީމުގެ ސިޔާސަތުގެ ބޮޑު ބައެއް ފުރިހަމަކޮށްފައިވާ ކަމަށެވެ. އެގޮތުން ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ އޭލެވެލް އިން ތިން މާއްދާ އިން ފާސްވާ ދަރިވަރުންނަށް މަތީ ތައުލީމުގެ ފުރުސަތު ޔަގީން ކޮށްދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރުން މަތީ ތައުލީމަށް މިހާތަނަށް 3000 ފުރުސަތު ހުޅުވާލާފައިވާ ކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަން ހިންގުމާ ހަވާލުވެހުންނެވި އެ މިނިސްޓްރީގެ ނައިބު އަޒްލީން އަހުމަދު ވިދާޅުވީ މަތީ ތައުލީމަށް ދަރިވަރުންނަށް ދޫކުރާ ލޯނުން އަމިއްލަ މަސައްކަތްތައް ވެސް ކުރާކަން ފާހަގަކުރެވޭ ކަމަށެވެ. ނަމަވެސް އެފަދަ ގޮތްތަކަށް ލޯނުގެ ބޭނުން ނުކޮށް ތައުލީމު ފުރިހަމަކުރަން ބޭނުންކުރަން އޭނާ ވަނީ ދަރިވަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
ކުރީގެ ސަރުކާރުތަކުން ވެސް މަތީ ތަައުލީމް ފޯރުކޮށްދިނުމަށް މިހާ ފުޅާ ދާއިރާއެއްގައި ލޯނުތައް ފަހިކޮށްދެމުން ނުދާ ކަމަށް އަޒްލީން ވިދާޅުވި އެވެ.