15 ފެބުރުއަރީ 2018 - 14:00

މި ދުވަސްކޮޅު ސޯޝަލް މީޑިއާގައި އެންމެ ހޫނު އެއް ވާހަކައަކީ ފިރިހެން ކުއްޖަކާ ދިމާއަށް އެއް ލޯ މަރައިލި ގޮތަކުން، ބޮޑު މަޝްހޫރުކަމެއް ހޯދި އިންޑިއާގެ ޒުވާން އަންހެން ކުއްޖެއްގެ ވާހަކަ އެވެ. މަލަޔާޅަމް ފިލްމް އިންޑަސްޓްރީ އަށް ތައާރަފުވި ޕްރިޔާ ޕްރަކާޝްގެ ކުރިއަށް އޮތް ފިލްމް "އޮރޫ އަދާރް ލަވް" ގެ ލަވަ "މަނިކްޔާ މަލަރަޔާ ޕޫވީ" ގައި ޕްރިޔާ އެއް ލޯ މަރާލައި، މޫނަށް ގެންނަ އިޝާރާތުގައި އެތައް ބަޔަކު ޖެހިފައިވާ އިރު، މިއަށް މިހާރު އިތުރު "ޓްވިސްޓެއް" އަތުވެއްޖެ އެވެ.
އެ "ޓްވިސްޓް" މި ފަހަރު ދިވެހިންނާ ގުޅުނީ އެވެ.
އޭޑީކޭ ޖެނެރެލް ޓްރޭޑިން އިން މާކެޓްކުރާ ކިރު "މިލްކީ ގޯލްޑް" ގެ އިޝްތިހާރެއް ވެސް އިހަކަށް ދުވަހު ދިވެހިންގެ ތެރޭގައި ވަރަށް ބޮޑަށް މަގުބޫލުވެގެން ދިޔަ އެވެ. މި އިޝްތިހާރު މި މަހުގެ އެއް ވަނަ ދުވަހު ފޭސްބުކްގައި އާންމުކުރުމާ އެކު، އެތައް ހާސް ވިއުސްއެއް ލިބި، އެތައް ބަޔަކު ކޮމެންޓްކޮށް އަދި ވަރަށް ގިނަ ބަޔަކު ޝެއާ ވެސް ކޮށްފައިވެ އެވެ.
މި އިޝްތިހާރު ގިނަ ބަޔަކަށް ސަޅިވި އެއް ސަބަބަކީ ރާއްޖޭގެ ކުރީގެ މަޝްހޫރު އެކްޓަރު އިސްމާއީލް ވަޖީހްގެ އެންމެ އެއް ހިޓް ވީޑިއޯ ލަވަ "ހޯދަމަ ހޯދާ" ގެ ހަނދާންތައް އާކޮށްދޭތީ އެވެ.
އެކަމަކު އެއީ ވަޖީހާ އެކުގައެއް ނޫނެވެ. މިހާރު ކޮމެޑީ އެކްޓަރެއްގެ ގޮތުގައި މަޝްހޫރުވެގެން ގޮސްފައިވާ އިބްރާހީމް ޝާފިއު (ފުބޫ) ވަޖީހުގެ ކޮސްޓިއުމާއި ހަރަކާތްތައް އިޝްތިހާރުގައި ދައްކައިލި ގޮތް ހަމަ ސަޅިވީ އެވެ. ކުރިން ލަވަކިޔުންތެރިއެއްގެ ގޮތުގައި މަޝްހޫރުވި ފުބޫއަކީ ޑާކް ރެއިން އެންޓަޓައިންމަންޓުން 2016 ގައި ގެނެސް ދިން ފިލްމް "ވާށޭ މަށާއެކީ" ގައި ވަރަށް ފޮނި ބޮޑު ކެރެކްޓާއެއް ކުޅެގެން ބެލުންތެރިންގެ ހިތްތައް ފަތަހަކޮށްލި ޒުވާން އެކްޓަރެކެވެ.
ޕްރިޔާގެ ވާހަކަ އާއި ފުބޫގެ ވާހަކަ ގުޅެނީ މި ހިސާބުންނެވެ. އޭޑިއޭ ޖެނެރެލް ޓްރޭޑުން ކޮށްލި ކަމަކީ ޕްރިޔާގެ ލޮލުގެ އިޝާރާތަކީ ފުބޫއަށް ކޮށްލި އިޝާރާތަކަށް ހަދާލުމެވެ. "ޓްވިސްޓަކީ" މިއީ އެވެ. މި ވީޑިއޯކޮޅު ނިކަން ބަލައިލާށެވެ. މީގައި މިހާރު މި ކިޔައި ދެނީ ފުބޫ އާއި ޕްރިޔާގެ ލޯބީގެ ވާހަކަ އެވެ. އެކަމަކު ޕްރިޔާގެ "ލޯބި" ފުބޫ ގަބޫލު ނުކުރުމުން ޕްރިޔާގެ ހިތް ހަލާކުވެ އެވެ.
ފުބޫ އަށް އޭނާ ރީތި ނުވީ ކަމަށް ވެދާނެ އެވެ. އެހެންވެ ދެން ހަނދާނަށް އަންނަނީ "ވާށޭ މަށާއެކީ" ގައި އަންނަ ފުބޫގެ މި ޑައިލޮގްކޮޅެވެ. "ކަލޭ ހީކުރީ ތިއީ މާ ރީތި މީހެއް ކަމަށް" ހޭ ޕްރިޔާއާ ދިމާއަށް ފުބޫ ބުނާ ކަހަލަ އެވެ.
ކޮންމެއަކަސް އޭޑީކޭ ޖެނެރެލް ޓްރޭޑިންގެ މި "ޓްވިސްޓް" ވެސް ވަރަށް ގިނަ ބަޔަކަށް ކަމުގޮސްފި އެވެ. މި ވީޑިއޯ އަށް މިހާރު ވެސް ބައި ލައްކައަށް ވުރެ ގިނަ ވިއުސް ލިބިއްޖެ އެވެ.