ރެފްރީ މެޑްރިޑަށް އެހީވި: ޕީއެސްޖީގެ ރައީސް
ރެފްރީ މެޑްރިޑަށް އެހީވި: ޕީއެސްޖީގެ ރައީސް

ޕެރިސް (ފެބްރުއަރީ 15) – ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ރޭ ޕީއެސްޖީ އަތުން 3-1 އިން ރެއާލް މެޑްރިޑް މޮޅުވި މެޗުގައި ރެފްރީގެ އެހީތެރިކަން މެޑްރިޑަށް ލިބުނު ކަމަށް ޕީއެސްޖީގެ ރައީސް ނަސީރު އަލް ޚެލާފީ ތުހުމަތުކުރައްވައިފި އެވެ.

"ނަތީޖާ އިންސާފުވެރިއެއް ނޫން. އަހަރެން ދެކޭ ގޮތުގައި ދެ ވަނަ ހާފުގައި އަހަރެމެންނަށް މާ ރަނގަޅަށް ކުޅުނިން. ލަނޑު ޖަހާނެ ފުރުސަތުތައް ވެސް ލިބުނު. އެކަމަކު ގޯސްތަކެއް ވެސް ހެދުނު،" އޭނާ ވިދާޅުވި ކަމަށް އޭއެސް އިން ރިޕޯޓްކޮށްފައިވެ އެވެ.

ޚެލާފީ ވިދާޅުވީ އެމްބާޕޭގެ ހަމަލައެއްގައި އޮފްސައިޑް ދިދަ ނަގާފައިވަނީ އޮފްސައިޑް ނޫން ހާލަތެއްގައި ކަމަށާއި ރެފްރީ އަށް ހެދުނު ގޯސްތަކުގެ ސަބަބުން ޕީއެސްޖީ އަށް ބޮޑު އަގެއް ދައްކަން ޖެހުނު ކަމަށެވެ.

"ރެފްރީ މެޑްރިޑަށް އެހީވި،" އޭނާ ވިދާޅުވި އެވެ.

ޚެލާފީ ވިދާޅުވީ ދެން ވިސްނަން ޖެހޭނީ ބާކީ އޮތް ލެގަށް ކަމަށާއި ދެން ކުޅެން ޖެހޭނީ އަމިއްލަ ސިޓީގައި، އަމިއްލަ ދަނޑުގައި، ސަޕޯޓަރުންނާ އެކު ކަމަށް ވުމުން ކޮލިފައިވާނެ ކަމަށެވެ.

"މި މެޗުން އަރައިގަނެ ކުއާޓާ ފައިނަލަށް ކޮލިފައިވާން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން. މެޑްރިޑަށް ވަރަށް އުނދަގޫވާނެ (އަނެއް މެޗު)،" ޚެލާފީ ވިދާޅުވި އެވެ.

ޕީއެސްޖީން ވަނީ މި ސީޒަނުގައި ދުނިޔޭގެ ރެކޯޑް އަގަކަށް ބާސެލޯނާ އިން ނޭމާ އަދި މި ވަގުތު ދުނިޔޭގައި ހުރި އެންމެ އުއްމީދީ ފޯވާޑް ކީލިއަން އެމްބާޕޭ ގެނެސްފަ އެވެ. މި ހުރިހާ ޓްރާންސްފާތަކެއްގެ ހަގީގީ ބޭނުމަކީ ޔޫރަޕުގެ ޗެމްޕިއަންކަން ހޯދުން ކަމަށް ބެލެވޭއިރު އެ މުބާރާތުން ފެއިލްވެއްޖެ ނަމަ އެއީ އެ ޓީމަށް ކުރިމަތިވާނެ ވަރަށް ބޮޑު މައްސަލައެކެވެ.