މައުމޫނާ ދެކޮޅަށް ހުށަހަޅާފައިވާ މައްސައިގައި ކޯޓަށް ހާޒިރުވާން ޗިޓު ފޮނުވައިފި
މައުމޫނާ ދެކޮޅަށް ހުށަހަޅާފައިވާ މައްސައިގައި ކޯޓަށް ހާޒިރުވާން ޗިޓު ފޮނުވައިފި

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޕާޓީ ހިސޯރު ކުރައްވާފައިވާ ކަމަށް ބުނެ ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ގެންގޮސްފައިވާ ކަމަށް ބުނި ނަމަވެސް ކޯޓަށް ހާޒިރުވާން ޕީޕީއެމަށް ޗިޓު ފޮނުވައިފި އެވެ.

ދާންދޫ ދާއިރާގެ މެމްބަރު އަހުމަދު އަސްއަދާއި ނައިފަރު ދާއިރާގެ މެމްބަރު މުހައްމަދު ޝިޔާމް އަދި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވި މައްސަލަ މިދިޔަ ހަފުތާގައި ކޯޓުން ވަނީ ބަލައިގެންފަ އެވެ. އަދި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން އަންނަ އާދިއްތަ ދުވަހަށް ވަނީ ތާވަލްކޮށްފަ އެވެ.

އެކަމަކު މިއަދު "މިހާރު"އާ ވާހަކަ ދައްކަވަމުން މެމްބަރު ޝިޔާމް ވިދާޅުވީ އެ މައްސަލަ ނެގީ މައްސަލަ ހުށަހެޅި ބޭނުން މިހާރު ހާސިލްވެފައި ވާތީ އާއި މައްސަލަ ހުށަހެޅުމުގެ ބޭނުމެއް އޮތް ކަމަށް ނުފެންނާތީ ކަމަށެވެ.

ޕީޕީއެމުން ބުނީ މައްސަލަ ނެގި ކަމަށް ވިދާޅުވެ ޝިޔާމް ހެއްދެވީ ދޮގެއް ކަމަށެވެ.

ސިވިލް ކޯޓުގެ ޗިޓުގައި ބުނެފައިވަނީ އާދީއްތަ ދުވަހުގެ 1:30 އަށް އެ ކޯޓަށް ހާޒިރުވުމަށެވެ.

ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް މައުމޫނާ ދެމެދު އުފެދިފައިވާ ކޯޅުމާ އެކު ޕީޕީއެމްގެ ތެރޭގައި ވަނީ ދެ ބޭފުޅުންގެ ފެކްޝަން އުފެދިފަ އެވެ. މި ބައިބައިވުމުގެ ތެރޭން މައުމޫން ޕާޓީގެ ކޮމިޓީތަކުގެ މަސައްކަތްތައް ހުއްޓުވާލެއްވި އެވެ. އަދި ޕާޓީ ހިންގުން ވެސް ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲގެ އަތުން ވަނީ ނަންގަވާފަ އެވެ.

ޕީޕީއެމްގެ ތިން މެމްބަރަކު ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި އެދިވަޑައިގަތީ މައުމޫންގެ އެ ނިންމެވުންތައް ބާތިލް ކަމަށް ކަނޑައަޅައި ދިނުމަށެވެ. އެކަމަކު، ޕާޓީގެ ހިންގުން ހުއްޓުވާލައްވާފައި އޮތް އޮތުން ނިމުމަކަށް ގެންނަވައި ކޮމިޓީތައް ބޭއްވުމުގެ ހުއްދަ މައުމޫން ވަނީ އިއްޔެ ދެއްވާފަ އެވެ.