15 ފެބުރުއަރީ 2018 - 09:03

މެޑްރިޑް (ފެބްރުއަރީ 15) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ ފްރާންސުގެ ޕީއެސްޖީ އަތުން 3-1 އިން މޮޅުވެ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ކުއާޓާގެ ފުރުސަތު ބޮޑުކުރިއިރު، ރަށުން ބޭރުގައި ޕޯޓޯ އަތުން 5-0 އިން ހޯދި ރެކޯޑް މޮޅާ އެކު ލިވަޕޫލް މުބާރާތުގެ ކުއާޓާ ފައިނަލާ ގާތަށް ޖެހިލައިފި އެވެ.

ދެ ވަނަ ބުރުގެ ބޮޑު މެޗުގެ ގޮތުގައި ލޭބަލްވެފައި އޮތް މި މެޗުގައި ޕީއެސްޖީން ވަނީ މެޗުގެ 33 ވަނަ މިނިޓްގައި އެޑްރިއަން ރަބިއޯ ޖެހި ގޯލުން ލީޑު ނަގައިފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ރެއާލަށް އެއްވަރުކޮށްދިނީ ލިބުނު ޕެނަލްޓީ އަކުން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މި ލަނޑާ އެކު ރޮނާލްޑޯ ވަނީ މި މުބާރާތުގައި ރެއާލަށް 100 ލަނޑު ހަމަކޮށްފަ އެވެ. ރޮނާލްޑޯ ވަނީ ފާއިތުވި ހަތް ސީޒަނުގައި ޗެމްޕިއަންސް ލީގުގައި މަދުވެގެން 10 ގޯލު ޖަހައިފަ އެވެ.
މި މެޗުން ރެއާލް މޮޅުކޮށްދިނުމަށް އެންމެ ބޮޑު ދައުރެއް އަަދާކުރާ ދެ ވަނަ ހާފުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް އުއްމީދީ މިޑްފީލްޑަރު މާކޯ އަސެންސިއޯ އެވެ. ރެއާލަށް މި މެޗުގައި ފުރަތަމަ ފަހަރަށް ލީޑުނަގައިދިން ގޯލު ރޮނާލްޑޯ ކާމިޔާބުކުރީ އަސެންސިއޯ ދިން ބޯޅައަކުންނެވެ. އަދި މާސެލޯ އެ ޓީމުގެ ފަހު ލަނޑު ޖެހިއިރު، ފުރުސަތު ތަނަވަސްކޮށްދިނީ ވެސް އަސެންސިއޯ އެވެ.
ނުވަ އަހަރަށް ފަހު ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ރޭ ލިވަޕޫލުން ފުރަތަމަ ފަހަރަށް ކުޅުނުއިރު މި މެޗުގައި އެ ޓީމުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފަ އެވެެ. މި މެޗުގައި އެ ޓީމުގެ ސަޑިއޯ މާނޭ ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އަނެއް ގޯލުތަށް ޖެހީ މުހައްމަދު ސަލާހާއި ރޮބާޓޯ ފިރްމީނޯ އެވެ.
މި މެޗުގައި ސަލާހު ޖެހި ގޯލާ އެކު އޭނާ ވަނީ މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި 30 ގޯލު ހަމަކޮށްފަ އެވެ. އެންމެ ފަހުން ސީޒަނެއްގައި ލިވަޕޫލަށް 30 ލަނޑު ޖަހައިދިނީ މިހާރު ބާސެލޯނާގެ ފޯވާޑް ލުއިސް ސުއަރޭޒް އެވެ.
މިއީ ޗެމްޕިއަންސް ލީގުގެ ނޮކައުޓް މެޗެއްގައި އިނގިރޭސި ޓީމެއް ރަށުން ބޭރުގައި ހޯދި އެންމެ ބޮޑު މޮޅެވެ. އަދި މި ނަތީޖާއާ އެކު ލިވަޕޫލް ވަނީ ނޮކައުޓް ރައުންޑުގައި ރަށުން ބޭރުގައި އެންމެ ތަފާތު ބޮޑު މޮޅު ހޯދައިގެން ބަޔާން މިއުނިކާއި ރެއާލް މެޑްރިޑް ހަދާފައިވާ ރެކޯޑާ ހަމަކޮށްފަ އެވެ.
ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ބޮޑު މޮޅެއް ލިބުނު ނަމަވެސް އަދި ކުއާޓާގެ ޖާގަ ޔަގީން ނުކުރާނެ ކަމަށެވެ.
"ފުޓްބޯޅައިގައި އަހަރެން ވަރަށް ގިނަ ދުވަހު އުޅެފިން. މި ހިސާބުން މި ނިމުނީއެއް ނޫން. އަހަރެމެން އައީ ރަށުންބޭރުގައި މޮޅެއް ހޯދަން. ވަރަށް ފުރިހަމަ އަށް އެކަން ކުރެވިއްޖެ. ދެން އަދި އެބައޮތް އަހަރެމެން ސަޕޯޓަރުން ކުރިމަތީގައި މެޗެއް. އެ މެޗަށް ވެސް ނުކުންނާނީ މި އަޒުމުގައި 100 ޕަސެންޓް ދޭން،" ކްލޮޕް ބުންޏެވެ.
މިއީ ޗެމްޕިއަންސް ލީގުގެ މެޗެއްގައި ޕޯޓޯ އަމިއްލަ ދަނޑުގައި އެންމެ ތަފާތު ބޮޑުކޮށް ބަލިވި މެޗެވެ. އެ ޓީމުގެ ކޯޗު ސާޖިއޯ ކޮއެންސިކާއޯ ބުނީ މެޗުގެ ކުރީކޮޅުގައި އެ ޓީމަށް ލިބުނު ފުރުސަތުގެ ބޭނުން ހިފިނަމަ މެޗު ވަރަށް ބޮޑަށް ބަދަލުވާނެ ކަމަށާއި އެހެން ނަމަވެސް އެކަމުގެ ޝަކުވާ ކުރުމަށް ވުރެ ކުރިއަށް އޮތް މެޗަށް ތައްޔާރުވުން ނޫން ގޮތެއް ނެތް ކަމަށެވެ.