އިމްރާން ދޫކޮށްލުމަށް އދ.ގެ ވޯކިން ގުރޫޕުން ސަރުކާރަށް ގޮވާލައިފި
އިމްރާން ދޫކޮށްލުމަށް އދ.ގެ ވޯކިން ގުރޫޕުން ސަރުކާރަށް ގޮވާލައިފި

ޓެރަރިޒަމްގެ ކުށުގައި ޖަލުގައި 12 އަހަރުގެ ހުކުމެއް ތަންފީޒު ކުރަމުން އަންނަ، އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ވަގުތުން ދޫކޮށްލުމަށް، އދ.ގެ ވޯކިން ގުރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން މިއަދު ސަރުކާރަށް ގޮވާލައިފި އެވެ.

ޝައިހް އިމްރާން ޖަލުގައި ހުންނަވާތާ ތިން އަހަރު ވާން ގާތްވެފައިވާ އިރު، އޭނާގެ މައްސަލަ ވޯކިން ގުރޫޕަށް ހުށަހެޅީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކުން، 2016 ވަނަ އަހަރު އެވެ. އެ މައްސަލަ ހުށަހެޅުމާއެކު، އެ ގުރޫޕުގެ ބައެއް އޮފިޝަލުން ރާއްޖެ ވަޑައިގެން ސަރުކާރާއި ކަމާ ބެހޭ އެހެން އިދާރާތަކުގައި އެ މައްސަލައާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ.

މައްސަލަ ހުށަހެޅިތާ އެއް އަހަރު ފަހުން އެ ގުރޫޕުން ނިންމާފައިވަނީ ޝައިހް އިމްރާން ޖަލަށް ލާފައިވަނީ ނާއިންސާފުން ކަމަށާއި ވީހާ ވެސް އަވަހަކަށް އޭނާ ދޫކޮށްލުމަށެވެ.

މިކަމާ ގުޅޭގޮތުން ވޯކިން ގުރޫޕުން ނެރުނު ރިޕޯޓުގައި، ޝައިހް އިމްރާނާ ގުޅޭގޮތުން އެތަނުން އެއްކުރި ހުރިހާ މައުލޫމާތުތަކާއި އެ ގުރޫޕުން މައްސަލަ ނިންމި ގޮތް ހިމަނާފައި ވެ އެވެ.

އެ ރިޕޯޓުގައި ބުނީ ޝައިހް އިމްރާން ބަންދު ކުރިގޮތް އެ ތަނުން ވަރަށް ރަނގަޅަށް ދިރާސާކޮށްފައިވާ ކަމަށާއި ސަރުކާރުން އެކަން ކޮށްފައިވަނީ ބައިނަލްއަގްވާމީ ގާނޫނުތަކާއި އެއްބަސްވެފައިވާ މުއާހަދާތަކާ ވެސް ހިލާފަށް ކަމަށެވެ. އަދި މި މައްސަލަ، އިންސާނިއްޔަތާ ހިލާފުވުމާއި އަނިޔާވެރިވުން ފަދަ ކަންކަމާ ގުޅޭ އދ.ގެ ހާއްސަ މަންދޫބުންނާ ހިއްސާކޮށްފައިވާ ކަމަށް ވެސް ރިޕޯޓުގައި ބުނެފައި ވެ އެވެ.

ވޯކިން ގުރޫޕުގެ ރިޕޯޓުގައި ބުނީ ޝައިހް އިމްރާން ވީ އެންމެ އަވަހަށް ދޫކޮށްލައި، ގެއްލުމުގެ ބަދަލު އޭނާއަށް ދިނުމަށެވެ. އަދި އޭނާ ދޫކޮށްލި ދުވަހާއި ދިން ބަދަލާއި އިމްރާންގެ ހައްގުތަކަށް އަރައިގަނެފައިވާތީ އެކަމާ ގުޅޭގޮތުން ތަހުގީގެއް ހިންގިކަން، ހަ މަސް ދުވަހުގެ ތެރޭގައި އެ ގުރޫޕަށް އެންގުމަށް ވެސް ސަރުކާރަށް ގޮވާލާފައި ވެ އެވެ.

އަދި ވޯކިން ގުރޫޕުގެ މި ނިންމުމަށް އިހްތިރާމް ކުރުމަށް ވެސް އެ ގުރޫޕުން އާއްމު ކުރި ރިޕޯޓުގައި އެދިފައި ވެ އެވެ.

އިމްރާނަށް 12 އަހަރުގެ ހުކުމެއް އިއްވީ މެއި 1، 2015 ގައި އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި މުޒާހަރާގައި، ޓެރަރިޒަމަށް މަގުފަހިވާ ގޮތަށް ވާހަކަ ދެއްކެވި ކަން ސާބިތުވުމުންނެވެ.

މީގެ ކުރިން ވޯކިން ގްރޫޕުން ވަނީ ޓެރަރިޒަމްގެ ކުށުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު މައްޗަށް ކޮށްފައިވާ 13 އަހަރުގެ ޖަލު ހުކުމަކީ ބާތިލު ހުކުމެއް ކަމަށް ކަނޑައަޅާފަ އެވެ.