ޔޫއޭއީ މީހުން ރާއްޖެ އައުމުގައި ސަމާލުވުމަށް އަންގައިފި
ޔޫއޭއީ މީހުން ރާއްޖެ އައުމުގައި ސަމާލުވުމަށް އަންގައިފި

ރާއްޖޭގައި ހިނގަމުންދާ ސިޔާސީ ހަމަނުޖެހުންތަކާ ގުޅިގެން، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) މީހުން މި ދުވަސްވަރު ރާއްޖެ އައުމުގައި ސަމާލުވުމަށް އެ ގައުމުގެ ސަރުކާރުން އަންގައިފި އެވެ.

ވިޔަފާރީގެ ގޮތުން ރާއްޖެއާ ގާތް ގުޅުންތަކެއް އޮންނަ ޔޫއޭއީގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އެންޑް އިންޓާނަލް ކޯޕަރޭޝަން އިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ރާއްޖެ އަންނަ އެންމެން ވެސް ރައްކާތެރިކަމަށް ސަމާލުކަން ދީގެން އުޅުމަށް އަންގާ ކަމަށެވެ. އަދި ކުއްލި ހާލަތެއް ދިމާވެއްޖެނަމަ 24 ގަޑިއިރު ހިދުމަތް ލިބޭ ހޮޓްލައިން ނަންބަރެއް ވެސް ވަނީ އާންމު ކޮށްފަ އެވެ.

ރާއްޖެ އަށް ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޔޫއޭއީ ސަރުކާރުން ވަނީ، އެ ގައުމުގެ ރައްޔިތުން ރާއްޖެ އަށް އަންނަ އިރު "ތަވާޖުދީ"ގައި ރެޖިސްޓްރީ ވުމަށް ސަމާލުވުމަށް ވެސް އަންގާފަ އެވެ. އެއީ އެ ގައުމުގެ ފަތުރުވެރިން ބޭރު ގައުމުތަކަށް ޒިޔާރަތްކުރާއިރު އެ މީހެއްގެ ލޮކޭޝަން ސަރުކާރަށް ފެންނާނެހެން ގާއިމް ކުރެވިފައިވާ ހިދުމަތެކެވެ. މި ހިދުމަތް ބޭނުންކުރާ ފަރާތަކަށް ބޭރު ގައުމެއްގައި ކުއްލި ހާލަތެއް ދިމާވެއްޖެނަމަ، ފަސޭހަ ކަމާއި އެކު އެހީތެރިކަން ފޯރުކޮށްދެވޭ ކަމަށް އެ ގައުމުން ވަނީ ބުނެފަ އެވެ.

ރާއްޖެއާ ގާތް ގުޅުމެއް އޮންނަ އަދި އެންމެ ގިނަ ޓޫރިސްޓުން އަންނަ ޗައިނާ އިން ވެސް ވަނީ އެ ގައުމުގެ ފަތުރުވެރިން މި ވަގުތު ރާއްޖެ ނައުމަށް އެދިފަ އެވެ. އަދި ރާއްޖެ އަށް ޓޫރިސްޓުން އަންނަ މިންވަރު އެންމެ ބާރަށް އިތުރުވަމުން އަންނަ އަވައްޓެރި އިންޑިއާ އިން ވެސް ވަނީ ކޮންމެހެން ކުރަންޖެހޭ ދަތުރުތަކުގައި ނޫނީ ރާއްޖެ އަށް ޒިޔާރަތް ނުކުރުމަށް އެދި ޓްރެވަލް އެޑްވައިޒަރީ އެއް ނެރެފަ އެވެ. މީގެ އިތުރުން ސިންގަޕޫރާއި، ޔޫކޭ ފަދަ ގައުމުތަކުން ވެސް ވަނީ ޓްރެވަލް އެޑްވައިޒަރީ ނެރެފަ އެވެ.

ސިޔާސީ ހަމަނުޖެހުންތަކާއި އެކު ގައުމުތަކުން ޓްރެވަލް އެޑްވައިޒަރީތައް ނެރުމުން ޓޫރިސްޓް ބުކިންތައް ކެންސަލް ކުރުން އިތުރުވެ، މިލިއަން ޑޮލަރުގެ ގެއްލުންތައް ވަމުން އަންނަ ކަމަށް ބައެއް ވިޔަފަރިވެރިން ވަނީ ބުނެފަ އެވެ.

ގައުމުތަކުން ޓްރެވަަލް އެޑްވައިޒަރީ ނެރުނު ނަމަވެސް، ރާއްޖެ އަށް ޒިޔާރަތްކުރާ ޓޫރިސްޓުންނަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް މޯލްޑިވްސް (އާޓާ) އިން ވަނީ ބުނެފަ އެވެ. ސިޔާސީ ހަރަކާތްތައް ހިނގަމުން ދަނީ މާލޭގައި ކަމަށް ވާއިރު، ޓޫރިސްޓުން އެއާޕޯޓުން ސީދާ ރިސޯޓުތަކަށް ދާއިރު އެކަމުގެ އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ވެސް އާޓާ އިން ވަނީ ބުނެފަ އެވެ.