ޓްރަމްޕް ގުޅުން ބޭއްވި އަންހެން މީހާ އަށް 130،000 ޑޮލަރު ވަކީލް ދިން
ޓްރަމްޕް ގުޅުން ބޭއްވި އަންހެން މީހާ އަށް 130،000 ޑޮލަރު ވަކީލް ދިން

ވޮޝިންޓަން (ފެބްރުއަރީ 14) - އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކުރިން ރައީސް ޑޮނަލްޑް ޓްރަމްޕް ގުޅުން ބޭއްވި ކަސްބީ އަންހެނަކަށް 130،000 ޑޮލަރު ދިން ކަމަށް ޓްރަމްޕުގެ ޕާސަނަލް ވަކީލް ނިއު ޔޯކް ޓައިމްސް އަށް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް ގުޅުން ބޭއްވި އަންހެން މީހާ އަށް 130،000 ޑޮލަރު ވަކީލް ދިން
ޓްރަމްޕް ގުޅުން ބޭއްވި އަންހެން މީހާ އަށް 130،000 ޑޮލަރު ވަކީލް ދިން

ޓްރަމްޕުގެ ވަކީލެއްގެ ގޮތުން ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރެއްވި މައިކަލް ކޯއެން ވިދާޅުވީ ޕޯން ފިލްމުތަކުގެ ބަތަލާ ސްޓެފާނީ ކްލިފޯޑަށް ދިނީ އޭނާގެ އަމިއްލަ ފައިސާ ކަމަށެވެ. އަދި އެ ފައިސާ ޓްރަމްޕް އަތްޕުޅުން ނުވަތަ ކްލިފޯޑް އަތުން އަނބުރާ ހޯދާފައި ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ކްލިފޯޑަށް އެ ފައިސާ ދިނީ ކީއްވެ ކަމާއި އަދި އެކަން ޓްރަމްޕަށް އެނގިވަޑައިގަންނަވާނެކަން ނުވަތަ ނޫން ކަން ކޯއެން ވިދާޅެއް ނުވެ އެވެ.

އެކަމަކު ބެލެވޭ ގޮތުން ކޯއެން އެ ފައިސާ ދީފައި ވަނީ ޓްރަމްޕާ އެކު އޮތް ގުޅުންތައް ސިއްރު ކުރާމަތިން ކަމަށް ވެ އެވެ. އަދި އެ ފައިސާ ދީފައި ވަނީ 2016 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރިންނެވެ.

ޓަޗް މެގަޒިން އަށް 2011 ވަނަ އަހަރު ކްލިފޯޑް، 38، ދީފައިވާ އިންޓަވިއުގެ ބައިތައް މިދިޔަ މަހު ވަނީ އާއްމުވެފަ އެވެ. އެ އިންޓަވިއުގައި ކްލިފޯޑް ނުވަތަ އޭނާގެ މަޝްހޫރު ސްޓޭޖް ނަމުން ނަމަ ސްޓޯމީ ޑެނިއަލްސް ވަނީ 2006 ވަނަ އަހަރު ޓްރަމްޕާ އެކު އުފެދުނު ގުޅުންތައް އަހަރުތަކަކަށް ދެމިގެން ދިޔަ ކަމަށް ބުނެފަ އެވެ.

ވޯލް ސްޓްރީޓް ޖާނަލް އިން ބުނި ގޮތުގައި ވެސް ޓްރަމްޕާ އެކު އޮތް ގުޅުންތައް ބޭޒާރު ނުކުރާ މަތިން ކްލިފޯޑަށް ފައިސާ ދިނުމުގައި އެންމެ އިސްކޮށް އުޅުނީ ޓްރަމްޕުގެ ޒަމާންވީ ވަކީލް މައިކަލް ކޯއެން އެވެ.

ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ވަރަށް ގިނަ އަންހެނުން ވަނީ އުމުރުން 71 އަހަރުގެ ޓްރަމްޕާ ދެކޮޅަށް ޖިންސީ ގޯނާގެ އެތައް ޝަކުވާއެއް ފެންމަތިކޮށްފަ އެވެ.