14 ފެބުރުއަރީ 2018 - 16:09

ނިއު ޔޯކް (ފެބްރުއަރީ 14) - އެމެރިކާގެ ނިއު ޔޯކާއި ނިއު ޖާޒީގައި 2016 ވަނަ އަހަރު ޕްރެޝާ ކުކާ ބޮން ގޮއްވި މީހާ އުމުރަށް ޖަލަށްލާން ހުކުމް ކޮށްފި އެވެ.
މެންހަޓަންގައި އަހުމަދު ޚާން ރަހީމީ ބޮން ގޮއްވުމުން 30 މީހުން ވަނީ ޒަޚަމްވެފަ އެވެ. އަަފްޣާނިސްތާނަށް އުފަން އެމެރިކާ ރައްޔިތެއް ކަމަށްވާ އުމުރުން 30 އަހަރުގެ ރަހީމީ ހައްޔަރު ކުރީ ބޮމުގެ ހަމަލާ ދިންތާ ދެ ދުވަސް ފަހުން ފުލުހުންނާ ބަދަލު ކުރި ބަޑީގެ ހަމަލާތަކެއްގަ އެވެ. ޒަޚަމްތަކަށް ފަރުވާ ދިނުމަށް އޭނާ ހޮސްޕިޓަލުގައި އެތައް ދުވަހަކު ބާއްވަން ޖެހުނެވެ. "ޗެލްސީ ބޮމާ"ގެ ނަމުން މަޝްހޫރު ރަހީމީގެ މައްޗަށް ކުށް ސާބިތުވެފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ.
ޕްރޮސެކިއުޓަރުން ބުނީ ރަހީމީގެ ފަރާތުން ދެރަވުމުގެ އެއްވެސް ނިޝާނެއް ނުފެންނަ ކަމަށާއި އޭގެ ބަދަލުގައި އޭނާ މަސައްކަތް ކޮށްފައި ވަނީ ޖަލުގައި ތިބި މީހުން އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ތާއިދު ކުރޭތޯ ބެލުމަށް ކަމަށެވެ.
ނިއު ޔޯކް ގަވަރްނަރު އެންޑްރޫ ކޫމޯ ވިދާޅުވީ އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް ހަމަލާގައި އަނިޔާ ލިބުނު މީހުންގެ ވޭން ފިލައިގެން ނުދާނެ ކަމަށާއި އެކަމަކު އެ ހުކުމަކީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދާ މީހުންނަށް ހައްގު އަދަބު ލިބޭނެ ކަމުގެ މެސެޖެއް ކަމަށެވެ.