މަހުލޫފުގެ ޓްވީޓަކާ ގުޅިގެން ފުލުހަށް ހާޒިރުވާން އަންގައިފި
މަހުލޫފުގެ ޓްވީޓަކާ ގުޅިގެން ފުލުހަށް ހާޒިރުވާން އަންގައިފި

ކުރެއްވި ޓްވީޓަކާ ގުޅިގެން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު މާދަމާ ފުލުހަށް ހާޒިރުވާން އަންގައިފި އެވެ.

ފުލުހުން ފޮނުވި ޗިޓުގައި ބުނެފައި ވަނީ އޭނާ ހާޒިރު ކުރަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 3 ގައި ކުރެއްވި ޓްވީޓެއްގެ މައްސަލައަކާ ގުޅިގެން ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް އެންމެ ބޮޑަށް އަޑުއުފުއްލަވަމުން ގެންދަވާ މަހުލޫފް ވިދާޅުވީ ފުުލުހުން އެ ބުނާ ތާރީޚުގައި ވެސް ގިނަ ޓްވީޓުތަކެއް އޭނާ ކުރައްވާފައި ހުރުމުން، އެއީ ސީދާ ކޮން ޓްވީޓެއްގެ މައްސަލަކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

މަހްލޫފު މާދަމާ ފުލުސް އޮފީހަށް ވަޑައިގަންނަވަން ޖެހެނީ މެންދުރުފަހު 3:00 ގަ އެވެ.

ފުލުހުންގެ ޗިޓާ އެކު މަހުލޫފު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ފުލުހުންގެ އިދާރާއަށް ހާޒިރުވާނީ ވަރަށް ކެރިގެން ކަމަށެވެ. އަދި ހައްޔަރުކޮށް ޖަލަށް ލިޔަސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވި އެވެ.

ފުލުހުންގެ ވާޖިބަށް ހުރަސްއެޅިކަމުގެ ކުށް ސާބިތުވެ މަހުލޫފް ވަނީ އަހަރަކަށް ވުރެ ގިނަ ދުވަހު ޖަލުގައި ހޭދަކުރައްވައިފަ އެވެ. އޭނާ މިނިވަންވީ މިދިޔަ އަހަރުގެ ޖޫން 8 ގަ އެވެ.