ސަލްމާން ރެކޯޑް އަގަކަށް ފިލްމުތަކުގެ ރައިޓްސް ވިއްކާލައިފި
ސަލްމާން ރެކޯޑް އަގަކަށް ފިލްމުތަކުގެ ރައިޓްސް ވިއްކާލައިފި

ސަލްމާން ޚާން އޭނާގެ ފިލްމުތަކުގެ ސެޓެލައިޓް ރައިޓްސް ރެކޯޑް އަދަދަކަށް ވިއްކާލައިފި ކަމަށް ބައެއް ނޫސްތަކުން ބުނެފި އެވެ.

ތަންކޮޅެއް ކުރިން އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެކްޓަރު ރިތިކް ރޯޝަން ވަނީ އޭނަގެ ހަ ފިލްމެއްގެ ސެޓެލައިޓް ރައިޓްސް 550 ކްރޯޑު (5500 މިލިއަން ރުޕީޒް) އަށް ވިއްކާލުމުގެ އެގްރިމެންޓެއްގައި ސޮއިކޮށްފަ އެވެ. މިފިލްމުތަކުގެ ތެރޭގައި އޭނާ މިހާރު ކުޅެމުންދާ "ކާބިލް" ވެސް ހިމެނެ އެވެ.

ނަމަވެސް ރިތިކްގެ ރެކޯޑް މިހާރު ސަލްމާން މުގުރާލައިފި ކަމަށާއި އެއީ 1000 ކްރޯޑު (10000 މިލިއަން ރުޕީޒް)ގެ ޑީލްއެއް ކަމަށް ޑީއެންއޭ ނޫހުގައި ބުނެފައިވެ އެވެ. ބޮލީވުޑްގައި މިހާރު ރަސްކަންކުރާ ސަލްމާންގެ ކޮންމެ ފިލްމަކީ ބްލޮކްބަސްޓާއެއްކަން މާކުރިން ވެސް އޮންނަނީ ޔަގީންވެފަ އެވެ. އޭނާގެ އެންމެ ފަހުގެ ރިލީޒް "ސުލްތާން" އަކީ މީގެ އެއް މިސާލެވެ.

ސަލްމާން އެއްބަސްވުން ހެދީ ކޮން ޗެނަލަކާ އެކު ކަމެއް އަދި ނޭނގެ އެވެ. މި ޑީލްގައިވާ ގޮތުން ސަލްމާންގެ ދެން ނުކުންނަ 10 ފިލްމެއްގެ ސެޓެލައިޓް ރައިޓްސް އެ ޗެނަލަށް ލިބެ އެވެ. އަދި އެ ޗެނަލްގެ އެކިއެކި އިވެންޓްތަކުން ސަލްމާން ފެންނަން ޖެހެ އެވެ. މި ޑީލްގައި، ސަލްމާން ދެން އެންމެ އަވަހަށް ކުޅެން ހަމަޖެހިފައިވަނީ ޑައިރެކްޓަރު ކަބީރް ޚާންގެ "ޓިއުބްލައިޓް" އާއި ޑައިރެކްޓަރު ރާޖް ކުމާރު ސަންތޯޝީގެ ފިލްމު ވެސް ހިމެނެ އެވެ.

ފިލްމު އިންޑަސްޓްރީގެ ވިޔަފާރިތައް ދިރާސާކުރާ މީހުން މިކަމާ ބެހޭ ގޮތުން ބުނެފައި ވަނީ ސަލްމާންގެ "ބަޖްރަންގީ ބައިޖާން" އާއި "ޕްރޭމް ރަތަން ދަން ޕާޔޯ" ފަދަ ފަހުގެ ހުރިހާ ފިލްމެއް ބްލޮކްބަސްޓާއަށް ވެފައިވާތީ ޗެނަލްތަކުން އޭނާގެ ފިލްމުތަކުގެ ސެޓެލައިޓް ރައިޓްސް ގަންނަ އަގު ތިން ގުނަ ބޮޑުކުރަން ވެސް މައްސަލައެއް ނުޖައްސާނެ ކަމަށެވެ. އަދި އެ ޗެނަލްތަކުން އުފައްދާ ޝޯތަކުގައި ސަލްމާން ބައިވެރިކުރުމުން އެ ޝޯތަކުގެ ޓީއާރުޕީ އިންތިހާއަށް މަތިވާތީ ކޮންމެ އަގެއް ދީގެން ވެސް ސަލްމާން ގެންދިއުމަށް ޗެނަލްތަކުން މަސައްކަތް ކުރާނެކަން ޔަގީން ކަމަށް ބުނެފައިވެ އެވެ.

ކުރިން ސަލްމާން ކޮންޓްރެކްޓް ހަދާފައި އޮތީ ކަލާޒް ޗެނަލް އާއެވެ. ދާދިފަހުން އެ ކޮންޓްރެކްޓް އާކުރުމުގެ ވާހަކަތަކެއް ވެސް ދެކެވިފައިވެ އެވެ.

ބައެއް މީހުން ގަބޫލުކުރާ ގޮތުގައި "ސުލްތާން" އަށް ލިބެމުންދާ ކާމިޔާބީން، އެ ފިލްމުގެ ޕްރޮޑިއުސަރު ކަމަށްވާ ޔާޝްރާޖް ފިލްމް އާއި ސަލްމާން ގުޅިގެން އެ ފިލްމު ވިއްކާލާ އަގު ބޮޑުކުރަން ވެސް ވިސްނަފާނެ އެވެ. އެހެންކަމަށް ވެއްޖެ ނަމަ ސަލްމާންގެ އަގު އަދި މިއަށް ވުރެ ވެސް މަތިވެގެން ދާނެ އެވެ.