17 ފެބުރުއަރީ 2018 - 07:44

ނުހިކިގެން ނުވަތަ ފަލަވެގެން އެކަމާ ކަންބޮޑުވެގެން އުޅޭއިރު ފުރަތަމަ ކަމަކަށް ކެއުމުގެ އަބަދުތަކާ ދޭތެރޭ ވިސްނާލުން ރަނގަޅެވެ. ކެއުމުގެ އަދަބުތަކުގެ ތެރޭގައި ލަސްލަހުން މަޑުމައިތިރިކަމާ އެކު ކެއުން ހިމެނެ އެވެ. އަދި ކާއެއްޗެހި ރަނގަޅަށް ހަފައިގެން ކާން ޖެހެ އެވެ.

މިކަމަށް ބާރުދޭ ދިރާސާއެއްގެ ވާހަކަ ވެސް މިހާރު ވަނީީ ދެކެވެން ފަށައިފަ އެވެ. އެ ދިރާސާގައި ބުނަނީ ބަރުދަން ލުއިކުރެވޭނެ އެއް ގޮތަކީ ލަސްލަހުން ކެއުން ކަމަށެވެ. އެކަމަކު މިއީ ވަރަށް ކެތްތެރިކަން ވެސް ހުރެގެން ނޫނީ ކުރެވޭނެ ކަމެއް ނޫނެވެ. ގިނަ މީހުންނަކީ އުޅެން ޖެހޭލެއް ބުރަކަމުން އެ ވަގުތަކު އަތުގައި ޖެހުނު ކޮންމެ އެއްޗެއް އަވަސް އަވަހަށް، މާ ބޮޑު ފަރުވާތެރި ކަމެއް ނެތި ކައިލާ ބަޔެކެވެ. ނަތީޖާއަކީ ފަލަވުމެވެ.
ޖަޕާންގެ ކިޔޫޝޫ ޔުނިވަސިޓީން ހަ އަހަރުގެ މުއްދަތަށް، 60،000 މީހުން ބޭނުންކޮށްގެން ހެދި ދިރާސާގެ އެންމެ ފަހުގެ ނަތީޖާތަކުން ދައްކަނީ ކެއުމުގެ އަދަބުތަކުގެ ތެރެއިން ލަސްލަހުން ކެއުމަކީ ބަރުދަން ލުއިކޮށްދޭން ވަރަށް ބާރު އަޅާ ކަމެއް ކަމަށެވެ. މީގެ ސަބަބުން ހަކުރުބަލި ފަދަ ބަލިތަކުން ވެސް މީހާ ރައްކާތެރިކޮށްދޭން ބާރު އަޅާ ކަމަށް ކަމަށް ދިރާސާ އިން ހާމަވެފައިވެ އެވެ.
ދިރާސާ ކުރިއަށް ގެންދިޔަ މުއްދަތުގެ ތެރޭގައި ބައިވެރިންގެ ކެއުމުގެ އާދަތައް މޮނިޓަކޮށްގެން ދެއްކި ނަތީޖާތަކަށް ބަލާ އިރު، އަވަސް އަރުވާލައިގެން ކެއުމުގެ އާދަތައް ގެންގުޅުނު މީހުންނާ ހިލާފަށް، ލަސްލަހުން ކެއި މީހުންގެ ބަރުދަނަށް އެދެވޭ ހެޔޮ ބަދަލެއް އައިސްފައިވެ އެވެ.
މި ދިރާސާއާ ބެހޭ ގޮތުން ލަންޑަންގެ އިމްޕީރިއަލް ކޮލެޖްގެ ރިސާޗަރު ސައިމަން ކޯކް ވެސް ވިދާޅުވީ "ލަސްލަހުން ކާ ނަމަ، ފަލަވުމުގެ ފުރުސަތު ކުޑަ ކަމަށާއި "އަވަސް އަރުވާލައިގެން ކާ ނަމަ ފަލަވުމުގެ ބިރު" ބޮޑު" ކަމަށެވެ.
"އަވަސް އަރުވާލައިގެން ކާ ނަމަ، އޭގެ މާނައަކީ އެ މީހަކު އެ ކަނީ ކާން ޖެހޭ ވަރަށް ވުރެ ގިނައިންނޭ. ނަތީޖާއަކަށް ވާނީ ބަރުދަން އިތުރުވެ، މީހާ ފަލަވުން،" އޭނާ ވިދާޅުވި އެވެ.
އެހެންވެ ތިމާގެ އުމުރާއި ހަށިގަނޑުގެ ބަރުދަން ހުންނަން ޖެހޭ އަސްލު މިންވަރަށް ދެމެހެއްޓޭނީ ވެސް ކެއުމަށް ދެވޭ ފަރުވާތެރި ކަމަކުންނެވެ.