14 ފެބުރުއަރީ 2018 - 14:42

ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލާގެ މިއަދުގެ އަޑުއެހުން ވެސް ކެންސަލްކޮށްފި އެވެ.
އޮޮގަސްޓް، 2014 ގައި، ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ދައުލަތުން ޓެރަރިޒަމްގެ ދައުވާ ކުރަނީ ހ. ހިލްޓަން، އާލިފް ރައުފާއި ގދ. ވާދޫ ކަރަންކާގޭ، މުހައްމަދު ނޫރައްދީނާއި ސ. ހުޅުދޫ އަތިރިއާގޭ، މުހައްމަދު ސުއައިދުގެ މައްޗަށެވެ. އޭގެ ތެރެއިން ސުއައިދު ރާއްޖޭގައި ނެތުމުން އޭނާގެ ބައި ކުރިއަކަށް ނުގެންދެ އެވެ.
އެ މައްސަލާގެ މިއަދު ބާއްވަން ހަމަޖެއްސި އަޑުއެހުމަކީ ހެކިބަސް ނެގުމަށް ތާވަލްކުރި އަޑުއެހުމެކެވެ. އެ އަޑުއެހުން ކެންސަލްކުރި ސަބަބެއް އަދި ސާފެއް ނުވެ އެވެ. އެ މައްސަލާގައި އިއްޔެ ތާވަލްކުރި އަޑުއެހުން ވެސް ވަނީ ކެންސަލްކޮށްފަ އެވެ.
އެ މައްސަލާގައި ދައުލަތުން ވަނީ ސިއްރު ހަތް ހެއްކެއް ހިމެނޭ ގޮތަށް 29 މީހަކު ހެކިންގެ ގޮތުގައި ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި ރިލްވާންގެ އާއިލާގެ މެމްބަރުން ވެސް ހިމެނެ އެވެ. އޭގެ ތެރެއިން ހަތަރު މީހެއްގެ ހެކިބަސް މިހާރު ވަނީ ނަގައިފަ އެވެ. ބާކީ ތިބި އެންމެންގެ ހެކިބަސް ވެސް ނަގާނެ އެވެ.
އެ މައްސަލާގައި ދައުވާލިބޭ ސުއައިދު ރާއްޖެއިން ބޭރުގައި މަރުވެފައި ކަމަށް އޭނާގެ އާއިލާއިން ކޯޓަށް އަންގާފައި ވިޔަސް، ދައުލަތުން ކޯޓުގައި ބުނެފައިވާ ގޮތުގައި ސުއައިދު މަރުވިކަން ކަށަވަރެއް ނުވެ އެވެ. އޭނާ ރާއްޖޭގައި ނެތުމުން އޭނާގެ ބައި ކޯޓުން މިހާރު ވަނީ އަނބުރާ ފޮނުވާލައިފަ އެވެ.
އެކަމަކު ސުއައިދު ރާއްޖެއިން ބޭރުގައި އުޅޭކަން އެނގިގެން އެކްސްޓްރެޑިޝަންގެ ގާނޫނުގެ ދަށުން އޭނާ ރާއްޖެ ގެންނަން ބޭނުންވެއްޖެ ނަމަ އޭނާގެ ބައި އަލުން ހުށަހެޅޭނެ ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ވަނީ ވިދާޅުވެފަ އެވެ.