ކްލިނިކުގެ ބިލް ނުދެއްކުމުން ކުޑަ ކުއްޖާ ކިޑްނެޕް ކޮށްފި
ކްލިނިކުގެ ބިލް ނުދެއްކުމުން ކުޑަ ކުއްޖާ ކިޑްނެޕް ކޮށްފި

ލިބްރެވެލީ (ފެބްރުއަރީ 14) - ސެންޓްރަލް އެފްރިކާގެ ގައުމެއް ކަމަށްވާ ގޭބޮންގެ ޕްރައިވެޓް ކްލިނިކަކަށް ދައްކަން ޖެހޭ ފައިސާ ނުދެއްކުމުން ކުޑަ ކުއްޖަކު ކިޑްނެޕްކޮށްފި އެވެ.

ދުވަސް ނުފުރާ ވިހޭ ބޭބީ އެންޖަލް އަށް އިންކިއުބޭޓަރުގައި ފަރުވާ ދިނުމަށް ވަނީ 35 ދުވަހު ކްލިނިކުގައި ބާއްވައިފަ އެވެ. ގޭބޮންގެ ވެރިރަށް ލިބްރެވެލީގެ އުތުރުގައިވާ ކްލިނިކުގެ ބިލްތަކަށް ވަނީ ދެ މިލިއަން ސީއެފްއޭ ފްރޭންކް (3،630 ޑޮލަރު ) އަރައިފަ އެވެ. އެކަމަކު މި ބިލްތަކަށް ފައިސާ ނުދެއްކުމުން ކުޑަ ކުއްޖާ ވަނީ ކްލިނިކުން ފަސް މަސް ދުވަސް ވަންދެން ހިފަހައްޓައިފަ އެވެ.

އެންމެ ފަހުން އެ ކުއްޖާ ދޫކޮށްލީ ބޭބީ އެންޖަލްގެ އާއިލާ އިން ކެމްޕޭނެއް ހިންގައިގެން ފައިސާ ހޯދައިގެން ބިލްތައް ދައްކައިގެންނެވެ. މި ކެމްޕޭނަށް އެހީވި ފަރާތްތަކުގެ ތެރޭގައި ގޭބޮންގެ ރައީސް އަލީ ބޮންގޯ ވެސް ހިމެނިވަޑައިގަންނަވަ އެވެ.

މި މައްސަލައާ ގުޅިގެން ކްލިނިކުގެ ޑިރެކްޓަރު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. ނަމަވެސް އެއް ދުވަސް ފަހުން އޭނާ ވަނީ ދޫކޮށްލައިފަ އެވެ.

ކުއްޖާގެ މަންމަ ސޯނިއާ އޮކޯމް ބުނީ ފަސް މަހަށް ފަހު ވެސް ކުއްޖާ ލިބުނީމާ އުފާ ކަމަށާއި ނަމަވެސް ދެރައީ ފަސް މަސް ވަންދެން އެ ކުއްޖާ އަށް ގާތުން ނުދެވުމުން ކަމަށެވެ. އަދި ފަސް މަސް ތެރޭ ކުއްޖާ އަށް އެއްވެސް ވެކްސިނެއް ދީފައި ނުވާ ކަމަށް ވެސް އޮކޯމް ބުންޏެވެ.