14 ފެބުރުއަރީ 2018 - 14:19

ޑެންމާކްގެ ޕްރިންސް ހެންރިކް އަވަހާރަވެއްޖެ ކަމަށް ޝާހީގަނޑުވަރުން ބުނެފި އެވެ.

ޝާހީ އާއިލާ އިން ނެރުނު ބަޔާނެއްގައި ބުނީ ޕްރިންސް ހެންރިކް، 83، އަވަހާރަވީ ދުވަސްތަކެއް ވަންދެން ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، ފްރެންޑެންސްބޯގް ގަނޑުވަރުގައި ފަރުވާ ދެއްވަމުން އަންނަނިކޮށް އިއްޔެ ވަގުތެއްގައި ކަމަށެވެ.
ޕްރިންސް އަވަހާރަވެފައި މި ވަނީ މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅު ނިއުމޯނިޔާ ޖެހިގެން ފަރުވާ ދެމުން އަންނަނިކޮށް ފުރަމޭގައި ޓިއުމަރެއް ވެސް އުފެދި އެކަމަށް ވެސް ފަރުވާ ދެނިކޮށެވެ. އޭގެ ކުރިން މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން ޕްރިންސް ގެންދެވީ ޑިމެންޝާ އަށް ވެސް ފަރުވާ ހޯއްދަވަމުންނެވެ.
ޝާހީ އާއިލާ އިން ބުނީ ޕްރިންސް ހެންރިކް އަވަހަވާރަވީ ހުކުރު ދުވަހުން ފެށިގެން ހާލުކޮޅު ވަރަށް ބޮޑަށް ގޯސްވުމަށް ފަހު ކަމަށެވެ. ނަމަވެސް އިތުރު ތަފުސީލެއް ހާމައެއް ނުކުރެ އެވެ.
ޕްރިންސްގެ ޖަނާޒާ ބާއްވާނެ އިރެއް ވެސް އަދި އިއުލާނެއް ނުކުރެ އެވެ.
ދެހާސް ސޯޅަ ވަނަ އަހަރުން ފެށިގެން ރަސްމީ ޒިންމާތަކުން އެކަހެރިވެވަޑައިގެން ހުންނެވި ޕްރިންސް ހެންރިކް އާއި ރާނީ 1967 ގައި ކުރެއްވި ކައިވެންޏަށް ލިބިވަޑައިގެންފައި ވަނީ ދެ ފިރިހެން ބޭފުޅުންނެވެ. އެއީ ޕްރިންސް ފްރެޑްރިކް، 49، އާއި ޕްރިންސް ޖޯޗިމް، 48، އެވެ.