15 ޖުލައި 2016 - 08:10

ލަންޑަން (ޖުލައި 14) - ޗެލްސީގެ ކޯޗުކަމާ ހަވާލުވުމުން އެއްވެސް ޕްރެޝަރެއް ނެތް ކަމަށާއި އެ ޓީމު ކުރިން އޮތް ހިސާބަށް ގެންގޮސް ކާމިޔާބު ހޯދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެ ޓީމުގެ އާ ކޯޗު އިޓަލީގެ އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.
މިދިޔަ ސީޒަނުގައި ޗެލްސީ އަށް ގިނަ މައްސަލަތަކެއް ދިމާވި އެވެ. ޓީމުގެ ކޯޗުކަމުން ހޯސޭ މޮރީނިއޯ ވަކިކުރިއިރު، ވަގުތީ ގޮތުން ހަވާލުވި ގޫސް ހިޑިންކްގެ އިރުޝާދުގެ ދަށުން އެ ޓީމު ލީގު ނިންމާލީ 10 ވަނައިގަ އެވެ.
"ކޮންމެ ކޯޗަކަށް ވެސް އަދި ކުޅުންތެރިއަކަށް ވެސް ޕްރެޝަރު އޮންނާނެ. ޗެލްސީ ކަހަލަ ވަރުގަދަ ކްލަބެއްގެ ކޯޗެއްގެ ގޮތުގައި ހުންނައިރު އެންމެ މުހިއްމު ކަމަކީ އިދިކޮޅަށް ނުކުންނަ ޓީމުތަކަށް ބަލިކޮށް ލީގު ހޯދުން. އެއީ މި ޓީމުގެ ފެންވަރަކީ،" ޗެލްސީއާ ހަވާލުވުމަށް ފަހު ފުރަތަމަ ފަހަރަށް މީޑިއާ އަށް ދިން އިންޓަވިއުގައި ކޮންޓޭ ބުންޏެވެ.
އޭނާ ބުނީ ފުރަތަމަ އަމާޒަކީ ޗެމްޕިއަންސް ލީގަށް އެނބުރި އައުން ކަމަށެވެ.
"މިއީ ވަރަށް އުނދަގޫ ލީގެއް. ހަތްވަރަކަށް ޓީމުން ލީގަށް ވާދަކުރޭ. ވާދަވެރިކަން އޮތުމަކީ އަހަރެންނަށް ލިބޭ ހިތްހަމަ ޖެހުމެއް. މިދިޔަ ސީޒަނުގައި ލީގުގެ 10 ވަނައިގައި ނިންމުމުން ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ފުރުސަތު ގެއްލުމުން އަލުން އެ މުބާރާތަށް އަންނަން ބޭނުން. ލީގަށް ވެސް ވާދަކުރާނަން،" ޔޫރޯ އަށް ފަހު އިޓަލީ ގައުމީ ޓީމު ކޯޗުކަމުން ވަކިވި ކޮންޓޭ ބުންޏެވެ.
ޔުވެންޓަސް އަދި އިޓަލީގައި ކޮންޓޭ ކުޅުވާފައިވަނީ އެއް ފޯމޭޝަނަކަށެވެ. އެއީ ތިން ޑިފެންޑަރުން ފަހަތަށް ލައިގެންނެވެ. އޭނާގެ ކޯޗުކަމުގައި ޗެލްސީ ވެސް ކުޅޭނީ އެ ފޯމޭޝަނަށްތޯ ނޫސްވެރިއަކު ސުވާލުކުރުމުން ކޮންޓޭ ބުނީ ވަކި ހާއްސަ ގޮތަކަށް ޓީމު ކުޅުވުމުގެ ވިސްނުމެއް ނެތް ކަމަށެވެ.
"އަހަރެންގެ ވަކި ފޯމޭޝަނެއް ނޯންނާނެ. އަހަރެން ކުޅުވާނީ ކުޅުންތެރިންގެ ހުނަރަށް ބެލުމަށް ފަހު ޓީމަށް އެންމެ ފައިދާކުރާނެ ފޯމޭޝަނަކަށް. ހެދުން ފަހާ މީހެއް ހެދުމެއް ފަހާނީ އެ ހެދުން ލާ މީހަކަށް ހެޔޮވަރުކޮށް. އެއް ހެދުމެއް އެންމެނަކަށް ނުލެވޭނެ،" ކޮންޓޭ ބުންޏެވެ.
ޔުވެންޓަސް އަށް އިޓާލިއަން ލީގު ކާމިޔާބުކޮށްދީފައިވާ ކޮންޓޭ ބުނީ އޭނާއާ ޗެލްސީގެ ކުރީގެ ކޯޗު މޮރީނިއޯއާ އެއްކަހަލަ ގޮތްތަކެއް ހުންނަ ކަމަށެވެ. އަދި އޭނާ ވަނީ ޓީމުގެ ކެޕްޓަނަކަށް ހުންނާނީ ޖޯން ޓެރީ ކަމަށް ވެސް ބުނެފަ އެވެ.