އިންތިޚާބަށް ކުރިމަތިލި ސިފައިންގެ ޖެނެރަލްގެ މައްސަލަ ބަލަނީ
އިންތިޚާބަށް ކުރިމަތިލި ސިފައިންގެ ޖެނެރަލްގެ މައްސަލަ ބަލަނީ

ގާހިރާ (ފެބްރުއަރީ 14) - މިސްރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަން އިއުލާންކުރި ސިފައިންގެ ކުރީގެ ޗީފް އޮފް ސްޓާފް، ޖެނެރަލް ސާމީ އަނާން އާއި އޭނާގެ ކެމްޕޭން މެނޭޖަރު އަދި ކުރީގެ އޮޑިޓާ ޖެނެރަލް ހިޝާމް ޖެނީނާގެ މައްސަލަ ތަހުގީގު ކުރާނެ ކަމަށް ސިފައިން ބުނެފި އެވެ.

ސުޕްރީމް ކޮމިޓީ އޮފް ދި އާމްޑް ފޯސަސް އިން ބުނީ ޖެނެރަލް އަނާންގެ މައްސަލަ ބަލަނީ އޭނާގެ އަތުގައި ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ސިއްރުތަކެއް ހުރުމުން ކަމަށެވެ. ބައެއް ފަރާތްތަކުން ބުނި ގޮތުގައި ޖެނެރަލް ސާމީގެ އަތުގައި ހުރީ ވެރިކަމުގައި މިހާރު ތިބި ބައެއް ފަރާތްތަކާ ދެކޮޅަށް ދައުވާ ކުރެވިދާނެ ފަދަ ލިޔުންތަކެކެވެ. ކުރީގެ އޮޑިޓާ ޖެނެރަލް ޖެނީނާ ވިދާޅުވީ ދައުވާ ކުރަން އުޅޭ ނަމަ އެ މައުލޫމާތު ލީކުކޮށްލާނެ ކަމުގެ އިންޒާރު ސާމީ ވަނީ ދެއްވައިފައި ކަމަށެވެ.

ސިފައިންގެ ތަރުޖަމާން ތަމީރު ރިފާއީ ވިދާޅުވީ ސަރުކާރުގެ ލިޔުންތަކެއް ބޭނުންކޮށްގެން ބިރު ދެއްކުމަކީ ދައުލަތާ ދެކޮޅަށް ހިންގަން އުޅޭ ޖަރީމާއެއް ކަމަށެވެ.

"ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ގާއިމް ކުރުމަކީ ގާނޫނު އަސާސީން ގެރެންޓީ ދީފައިވާ ހައްގަކަށް ވާތީ އެކަން ކުރުމުގައި ސިފައިން ދެމި ތިބޭނެ،" އޭނާ ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަން އިއުލާން ކުރުމާ އެކު އަނާން ހައްޔަރު ކުރުމުން އޭނާގެ ރިޔާސީ ކެމްޕޭން ވަނީ ހުއްޓާލައިފަ އެވެ.

އަންނަ މަހު ބާއްވާ މިސްރުގެ ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުލް ފައްތާހު ސީސީއާ ދެކޮޅަށް ނުކުންނާޏެ ވާދަވެރި ކެންޑިޑޭޓެއް މިހާރު ނެތެވެ. އިންތިޚާބަށް އެންމެ ފަހު ވަގުތު ކުރިމަތިލާފައި ވަނީ ވެސް ސީސީ އަށް ތާއީދުކުރާ ފަރާތެކެވެ.