ފިނި ފެނުގައި ފަތާލުމުން ބައެއް ތަދުތައް ކެނޑޭ
ފިނި ފެނުގައި ފަތާލުމުން ބައެއް ތަދުތައް ކެނޑޭ

ސާޖަރީއަކަށް ފަހު ހުންނަ ތަދުތައް ފިލުވައިލަން ފިނި ފެނުގައި ފަތާލުމަކީ ރަނގަޅު ފަރުވާއެކެވެ. ތަދުކަނޑުވާ ބޭހަކަށް ވުރެ އަދި ފިޒިއޮތެރަޕީ އަށް ވުރެ ވެސް ފަތާލުމުން މާ ރަނގަޅަށް ތަދު ފިލާ ކަމަށް ޖާނަލް ބީއެމްޖީ ކޭސް ރިޕޯޓްސް އިން ވަނީ ހާމަކޮށްފަ އެވެ.

މި ރިޕޯޓުގައި މީގެ ބައެއް ކޭސްތަކަށް ބަލާފައިވެ އެވެ. އެގޮތުން 28 އަހަރުގެ މީހެއްގެ ހެދި އެންޑޮސްކޮޕިކް ތޮރޭސިކް ސިމްޕަތެކްޓަމީ ކިޔާ ސާޖަރީއަކަށް ފަހު އޭނާއަށް ތަދުކަނޑުވާ ބޭހުގެ ވަރަށް މަތީ ޑޯޒްތައް ދީގެންނާއި ފިޒިއޮތެރަޕީން ވެސް ތަދު ނުކެނޑުނު ކަމަށް ބަޔާންކޮށްފައިވެ އެވެ. މިއީ މޫނުން މާ ގަދަޔަށް ދާހިތްލާތީ މޭގެ ނާރެއް ކަނޑާލައިގެން ހަދާ ސާޖަރީއެކެވެ.

މި ސާޖަރީ އޭގެ ޒާތުގައި ކާމިޔާބު ނަމަވެސް ސާޖަރީ ހެދިތާ 10 ހަފުތާ ވީއިރުވެސް އެމީހާގެ ތަދަކަށް ބަދަލެއް ނައެވެ. އެމީހާ ބުނެފައިވަނީ ކަސްރަތުކުރުމުގެ ގޮތުން ކުރާ ހަރަކާތްތަކުން ތަދު މާ ބޮޑުވާ ކަމަށެވެ. އެހެންވެ އެމީހާއަށް އެފަދަ އެއްވެސް ކަމެއް ނުކުރެވެ އެވެ.

އަބަދުވެސް ގަދަ ރިހުން ހުންނާތީ މި މީހާއަށް އާދައިގެ ދިރިއުޅުމެއް އުޅެން ދަތިވެ މާޔޫސްކަން ލިބުނެވެ.

ސާޖަރީގެ ކުރިން މި މީހާއަކީ ފެތުމާއި ބައިސްކަލް ދުއްވުން އަދި ދުވުން ފަދަ ކަންތައްތައް ކުރާ މީހެކެވެ. އަދި ފެތުުމުގެ މުބާރާތްތަކުގައި ވެސް އޭނާ ވަނީ ބައިވެރި ވެފަ އެވެ. އެހެންވެ އަނެއްކާވެސް އޭނާ ފެތުމުގެ މުބާރާތެއްގައި ބައިވެރިވި އެވެ.

އެމީހާ ބުނި ގޮތުގައި ފެންގަނޑަށް ފައިބައި ފަތާލުމުން ތަދެއް އިހްސާސެއް ނުވި އެވެ. އަދި ފެންގަނޑު އެރިއިރު ތަދުތައް ކެނޑިފައި ހުރި ކަމަށް އެމީހާއާ ހަވާލާދީ ރިޕޯޓުގައި ބުނެފައިވެ އެވެ.

މި މީހާގެ ތަދު ފިނި ފެންގަނޑަކަށް އެރި ފަތާލުމުން ފިލައިގެން ދިޔަ ނަމަވެސް މިއީ އެންމެ މީހަކަށް ދިމާވި ކަންތައްތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ރިޕޯޓަކަށް ވާތީ މިކަން މިހެން ދިމާވާ ސަބަބު އަދި އޮޅުމެއް ނުފިލަ އެވެ. އެކަމަކު މި މީހާގެ ކޭސް އަށް ބަލާފައި ފިނި ފެނުގައި ފެތުމަކީ ތަދު ކެނޑެން މެދުވެރިވާ ކަމެއް ކަމަށް ބެލުމުގެ ފުރުސަތު އެބައޮތް ކަމަށް ރިޕޯޓު ލިބުނު ތަޖުރިބާކާރުން ބުނެފައިވެ އެވެ.

މިހެން ދިމާވާ ސަބަބު ނޭނގުނަސް މީގައި ކޮންމެވެސް ކަހަލަ ބައޮލޮޖިކަލް ކަންތައްތަކެއް ހިމެނޭ ކަމަށް ތަޖުރިބާކާރުން ގަބޫލުކުރެ އެވެ.