16 ފެބުރުއަރީ 2018 - 07:56

އަމީތާބު ބައްޗަންގެ ސިއްހަތު ގޯސްވެ މީގެ ދުވަސްކޮޅެއް ކުރިން މުމްބައިގެ ލީލާވަތީ ހޮސްޕިޓަލަށް ވެސް ގެންދިޔަ އެވެ. ނަމަވެސް އޭނާ މިހާރު ކުޅެމުން އަންނަ "ތަގްސް އޮފް ހިންދުސްތާން"ގެ މަސައްކަތް ހުއްޓޭކަށް އޭނާ ބޭނުމެއް ނޫނެވެ. އެހެންވެ ބަލިވެ އުޅެމުން ވެސް އަމީތާބު އަންނަނީ ޝޫޓިންގައި ބައިވެރި ވަމުންނެވެ.
މިހާރު ޝޫޓްކުރަމުންދަނީ ފިލްމުގެ ވަރަށް މުހިއްމު ޝެޑިއުލް އަކަށް ވާތީ އަމީތާބާ ނުލައި އެބައި ފުރިހަމައެއް ނުކުރެވޭނެ އެވެ.
އަމީތާބުގެ އަރިކަށީގެ ކަށިގަނޑެއް ވެސް ވަރަށް ފަހުން ވަނީ ބިންދައިގެން ގޮސްފަ އެވެ. ނަމަވެސް ހިތްވަރުކޮށްފައި އޭނާ ފިލްމު ސެޓަށް ހާޒިރުވެ އެވެ. "ތަގްސް އޮފް ހިންދުސްތާން" އަކީ 130 ކްރޯޑު (13 ބިލިއަން ރުޕީސް)ގެ ބަޖެޓަކުން އުފައްދާ ފިލްމަކަށް ވާތީ، އޭނާގެ ސަބަބުން ފިލްމަށް މައްސަލައެއް ދިމާވާކަށް އޭނާ ބޭނުމެއް ނޫނެވެ.
ފިލްމުގެ ޝޫޓިންގައި މަސައްކަތްކުރާ މީހަކު އިންޑިއާގެ ނޫހަކަށް ބުނި ގޮތުގައި ފިލްމުގައި މިހާރު އޮތީ 10 ދުވަހުގެ ޝެޑިއުލް އެކެވެ. އަދި މިއީ މިވަގުތު ފުރިހަމަކުރުން ވަރަށް މުހިއްމު ބައެކެވެ. އެހެންވެ ހުރިހާ އެކްޓަރުން ވެސް އެމީހަކަށް ވީ އެންމެ ރަނގަޅަކަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.
ހޮލީވުޑް ފިލްމު "އެސަސިންސް ކްރީޑް" ފަދަ ފިލްމުތަކުގައި މަސައްކަތް ކޮށްފައިވާ ޕެޓްރިކް ފާނިސް އަންނަނީ ހެލްތު އެންޑް ސޭފްޓީ ކޮންސަލްޓަންޓެއްގެ ގޮތުގައި މި ފިލްމާ ގުޅިގެން މަސައްކަތް ކުރަމުންނެވެ. އެހެންކަމުން ފިލްމު ސެޓުގައި އަމީތާބަށް މައްސަލައެއް ދިމާވެއްޖެ ނަމަ އޭނާ އެހީތެރިވާނެ އެވެ.