17 ފެބުރުއަރީ 2018 - 07:38

ލޭގެ ޖެނެޓިކް ބައްޔެއް ކަމަށްވާ ތެލެސީމިއާގެ ބްރޭންޑް އެމްބެސެޑަރަކަށް ޖެކީ ޝްރޮފް ހަމަޖައްސައިފި އެވެ. އުމުރުން 61 އަހަރުގެ ޖެކީ ބުނި ގޮތުގައި ބްރޭންޑް އެމްބެސެޑަރަށް ވުމުން މި ބައްޔާ މެދު މީހުން ހޭލުންތެރިކުރުވުމަށް އޭނާ ގިނަ މަސައްކަތްތަކެއް ކުރާނެ އެވެ.
އެގޮތުން ބަސް، ރެކްޝާ އަދި ޓެކްސީގައި ވެސް ބައްޔަށް ހޭލުންތެރި ކުރުވުމުގެ ހަރަކާތްތަކެއް ހިންގަން އޭނާ ވަނީ ގަސްތުކޮށްފަ އެވެ.
ޖެކީގެ މަސައްކަތް އެންމެ ބޮޑަށް އަމާޒުކުރާނީ ފުރާވަރުގެ ޒުވާން ކުދިންނަށެވެ. ސަބަބަކީ މި އުމުރަކީ އަލަތު ކައިވެންޏަކާ ދޭތެރޭގައި ކުދިން ކޮންމެވެސް ވަރަކަށް ވިސްނަން ފަށާ އުމުރަށް ވާތީ އެވެ.
ތެލެސީމިއާ ހުރިތޯ ސްކްރީން ކުރަން ޒުވާން ކުދިންނަށް އޭނާ ވަރަށް ބާރުއަޅާނެ އެވެ. އަދި ދުއްވާ ވެހިކަލްތަކާއި ތަންތަނުގައި ތެލެސީމިއާ އަށް ހޭލުންތެރި ކުރުމަށް އެކި ކަހަލަ މެސެޖުތައް ލިޔެފައިވާ ޕޯސްޓަރުތައް ތަތްކުރަން ވެސް ޖެކީ ގަސްދުކުރެ އެވެ.
ޒުވާން ކުދިންނަށް އަމާޒުކޮށް ލަވައެއް ވެސް ޖެކީ މިހާރު އަންނަނީ ތައްޔާރު ކުރަމުންނެވެ.
"އަހަރެން އެބަ ތައްޔާރުކުރަން ލަވައެއް ދެ ޖިންސުގެ ޒުވާނުންނަށް އަމާޒުކޮށް. އަހަރެން ގަބޫލުކުރާ ގޮތުގައި ތެލެސީމިއާ ބަލި މަދުކުރުމަށް އެންމެ ބޮޑަށް ފޯކަސް ކުރަން ޖެހެނީ އަލަތު ކައިވެންޏަކަށް ތައްޔާރުވާ ކުދިންނަށް،" ޖެކީ ބުންޏެވެ.