19 ފެބުރުއަރީ 2018 - 06:38

ކަލާޒް ޓީވީން ދައްކަމުން އަންނަ މަޝްހޫރު ސިލްސިލާ "ސަސުރާލް ސިމަރް ކާ" ނިންމާލަން އުޅޭކަމުގެ ޚަބަރުތައް ފެތުރެން ފަށައިފި އެވެ. އިންޑިއާގެ ނޫހަކުން ބުނި ގޮތުގައި ހަތް އަހަރު ދުވަހު މެދުނުކެނޑި ދައްކާފައިވާ މި ޝޯ ނިންމާލަން ޗެނަލުން ވަނީ ނިންމައިފަ އެވެ.
މި ޝޯ ފެށިއިރު އުޅުނު ގިނަ އެކްޓަރުން މިހާރު ވަނީ ބަދަލުވެފަ އެވެ. އަދި ކުރިން ލިބުނު ވަރުގެ ތަރުހީބެއް ޝޯއަށް ނުލިބި ޓެލެވިޒަން ރޭޓިން ޕޮއިންޓްސް (ޓީއާރުޕީ) ދަށްވަމުންދާތީ އެ ޝޯ އެތައް އަހަރެއް ކުރިޔަށް ޖައްސާލައި އާ އެކްޓަރުން ވެސް ވަނީ ހިމަނައިފަ އެވެ. ނަމަވެސް އެތައް އަހަރެއްގެ ލީޕް ނެގި ނަމަވެސް ހީކުރި ކަހަލަ ތަރުހީބެއް ސިލްސިލާއަށް ލިބޭ ގޮތެއް ނުވި އެވެ.
މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އަންނަ މަހުގެ 2 ވަނަ ދުވަހު މި ޝޯގެ އެންމެ ފަހު އެޕިސޯޑް ދައްކާނެ އެވެ.
ނަމަވެސް ޝޯގައި ސިމަރްގެ ދަނބިދަރިފުޅު ސަމީރް ދަންރާޖް ކަޕޫރުގެ ރޯލު އަދާކުރާ ރޯހަން މެހެރާ ބުނީ ޝޯ ހުއްޓާލާކަން އޭނާއަށް އެނގިފައި ނުވާ ކަމަށެވެ. އަދި ޝޯގެ ޕްރޮޑިއުސަރު ވެސް މި ޚަބަރަކީ ތެދެއްކަމެއް ޔަގީންކޮށެއް ނުދެ އެވެ.
"ސަސުރާލް ސިމަރް ކާ" އަކީ ރަޝްމީ ޝަރުމާ ޓެލެފިލްމްސް ލިމިޓެޑް އިން އުފައްދާ ޝޯ އެކެވެ.