ޕްރިޔަންކާ ބޮލީވުޑް ފިލްމެއް ދެން ކުޅޭނީ އަންނަ އަހަރު
ޕްރިޔަންކާ ބޮލީވުޑް ފިލްމެއް ދެން ކުޅޭނީ އަންނަ އަހަރު

ހޮލީވުޑް ފިލްމު "ބޭވޮޗް"ގައި ޕްރިޔަންކާ ޗޯޕްރާ ކުޅޭ ނުބައިބައި ރޯލުން މުޅި ދުނިޔޭގެ ސަމާލުކަން ހޯދަން އޭނާ ދަނީ މަސައްކަތް ކުރަމުންނެވެ. އޭނާ ކުޅެމުންދާ ހޮލީވުޑް ސިލްސިލާ "ކުއަންޓިކޯ"ގެ ދެ ވަނަ ސީޒަންގެ މަސައްކަތް ވެސް މިހާރު ވަނީ ފަށާފަ އެވެ.

ސުވާލަކީ ދެން އޭނާގެ ބޮލީވުޑް ކެރިއަރަށް ވާނީ ކިހިނެއް ހެއްޔެވެ؟ ޕްރިޔަންކާ މިހާރު އިއުލާންކޮށްފައިވާ ގޮތުގައި އަންނަ އަހަރުގެ މެދަކާ ހިސާބުގައި ނޫނީ އޭނާ އެއްވެސް ހިންދީ ފިލްމެއް ކުޅެން ސޮއެއް ނުކުރާނެ އެވެ.

މިހާރު ޕްރިޔަންކާ ކުޅެން ސޮއިކޮށްފައިވާ އެއްވެސް ފިލްމެއް ވެސް ނެތެވެ. އަދި އޭނާ "ކުއަންޓިކޯ" ކުޅެން ދިޔައިރު ކުޅެ ނިމި ރިލީޒްކުރަން ތައްޔާރުވެފައި އޮތް "ބާޖީރާއޯ މަސްތާނީ" އާއި "ޖެއި ގަންގާޖަލް"ގެ ގިނަ ޕްރޮމޯޝަން އިވެންޓުތަކުގައި ވެސް އޭނާއަކަށް ބައިވެރިއެއް ނުވެވުނެވެ.

ދީޕިކާ ޕަދުކޯން ހޮލީވުޑަށް ދިޔަ ނަމަވެސް އޭނާ ކުރަން ޖެހޭ މަސައްކަތް ނިންމުމަށް ފަހު މިހާރު ވަނީ އެނބުރި އިންޑިއާ އަށް ގޮސްފަ އެވެ. ނަމަވެސް ބެލެވޭ ގޮތުން ޕްރިޔަންކާ އެމެރިކާގައި ދިރިއުޅުމެއް ފަށަން ގަސްދުކުރަނީ އެވެ.

ބައެއް މީހުން މިހާރު ބުނަނީ ޕްރިޔަންކާ އަށް ހޮލީވުޑާއި ބޮލީވުޑްގައި އެއްވަރަކަށް މަސައްކަތްކުރަން ދަތިވާނެ ކަމަށާއި އެހެންވެ ކޮންމެވެސް އެއްކޮޅެއްގައި ހަރުލާންޖެހޭ ކަމަށެވެ.

މީގެ އަހަރު ތަކެއް ކުރިން މިއުޒިކް ޑައިރެކްޓަރު އޭ.އާރް. ރަހްމާން ވެސް ލޮސް އެންޖަލިސް އަށް ފިލްމުތަކަށް މިއުޒިކް ތައްޔާރުކޮށްދޭން ދިޔަ އެވެ. އޭރު ބޮލީވުޑް ފިލްމުތައް އުފައްދާ މީހުންނަށް ޖެހެނީ ރަހްމާންގެ ފަހަތުން އެއް ބައްރުން އަނެއް ބައްރަށް ދާށެވެ.

ފަހުން ރަހްމާން ވެސް އެއްބަސްވެފައިވާ ގޮތުގައި އޭނާ އެގޮތަށް އެކި ހިސާބުގައި މަސައްކަތްކުރަން އުޅުމުގެ ސަބަބުން ބޮލީވުޑް ޕްރޮޑިއުސަރުންގެ ގިނަ ބަޔަކު މިހާރު އޭނާ ލައްވާ މިއުޒިކް ތައްޔާރުކުރާކަށް ބޭނުމެއް ނުވެ އެވެ. ނުވަތަ ގިނަބަޔަކު މިހާރު ވަނީ އޭނާއަށް ގެއްލިފަ އެވެ.

ޕްރިޔަންކާއާ އެކު މީގެ ކުރިން މަސައްކަތް ކޮށްފައިވާ ޑައިރެކްޓަރަކު ބުނި ގޮތުގައި ޕްރިޔަންކާ މާ ގިނައިން ލޮސް އެންޖަލިސް އަށް ދަތުރުކުރުމުގެ ސަބަބުން، އޭނާ އޭރު ކުޅުނު ފިލްމުތަކަށާއި އެ ފިލްމުތަކުގެ ޕްރޮމޯޝަން މަސައްކަތްތަކަށް ވެސް ގެއްލުންވި އެވެ.

އިރްފާން ޚާނާއި އަނިލް ކަޕޫރު ފަދަ ހޮލީވުޑް ފިލްމުތަކުގައި ބައިވެރިވާ ބޮލީވުޑް އެކްޓަރުން ވެސް އެމީހުން އެކުޅޭ ފިލްމެއް ނިންމާލުމަށް ފަހު އެނބުރި އައިސް ބޮލީވުޑް ފިލްމުތަކުގެ މަސައްކަތް ފަށާ ކަމަށާއި ނަމަވެސް ޕްރިޔަންކާ އަށް އެގޮތަށް އައިސް މަސައްކަތެއް ފެށޭ ވަރަށް ވުރެ ލޮސް އެންޖަލިސްގައި އޭނާ ކުރަން ޖެހޭ މަސައްކަތް މާ ގިނަ ކަމަށް ޑައިރެކްޓަރު ބުނެފައިވެ އެވެ.