ނަސީބު އެހީވި، އަދިވެސް ސަލާމަތެއް ނެތް: ބެންގަލޫރު
ނަސީބު އެހީވި، އަދިވެސް ސަލާމަތެއް ނެތް: ބެންގަލޫރު

އޭއެފްސީ ކަޕުގެ ޕްލޭއޮފުގައި ރޭ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބް އަތުން 3-2 އިން މޮޅުވުމުގައި ނަސީބު އެހީވި ކަމަށް އިންޑިއާގެ ބެންގަލޫރު އެފްސީގެ ކޯޗު އަލްބާޓް ރޮކާ ބުނެފި އެވެ.

ރޭގެ މެޗުގައި ބެންގަލޫރުން ދެ ލަނޑު ޖަހާފައި އޮއްވާ ޓީސީން ފަހަތުން އަރައި އެއްވަރުކުރި ނަމަވެސް ބެންގަލޫރުން ވަނީ އަލުން ކުރި ހޯދައިފަ އެވެ. މުޅި މެޗުގައި ވެސް ޓީސީން ވަނީ ބެންގަލޫރަށް ނުރައްކާކޮށްފަ އެވެ.

"އަހަރެން ދެކޭ ގޮތުގައި އަހަރެމެންގެ ނަސީބު ވެސް ކުޑަކޮށް ގަދައީ. ސަބަބަކީ މެޗުގެ ފަހު 20 މިނެޓުގައި އަހަރެމެންނަށް ފިޒިކަލީ ކުރިމަތިވީ މުސީބާތެއް. އަނެއްކާ މޫސުމާއި ދަނޑުގެ ހާލަތު ވެސް ހުރީ އަހަރެމެން ބޭނުންވި ވަރެއްގައެއް ނޫން. އެހެންވެ ފަހު 20 މިނެޓުގައި އެ އުނދަގޫ ތަހައްމަލުކުރަން ޖެހުނު،" ބާސެލޯނާގެ އެސިސްޓަންޓް ކޯޗަކަށް ކުރިން މަސައްކަތްކުރި ރޮކާ ބުންޏެވެ.

އޭނާ ބުނީ ޓީސީން އެއްވަރުކޮށްފައި އަދި ފަހުން އަނެއްކާ ވެސް އެއްވަރުކުރަން ފުރުސަތުތަކެއް ލިބުނު ކަމަށާއި ޓީސީގެ ފަރާތުން އުނދަގުލާ ކުރިމަތިވި ކަމަށެވެ.

"ޓީސީ ކުޅުނީ ވަރަށް ބޮޑަށް ކުރިއަށް ޖެހި ވަރަށް އެގްރެސިވްކޮށް،" ރޮކާ ބުންޏެވެ.

ރޮކާ ބުނީ ރަށުން ބޭރުގައި މޮޅުވެ ތިން ލަނޑު ޖެހުމަކީ އެޑްވާންޓޭޖަކަށް ވާނެ ކަމަށް އުއްމީދުކުރާ ކަމަށާއި އެކަމަކު ބެންގަލޫރު އޮންނަން ޖެހޭނީ އަނެއް މެޗާ ކުރިމަތިލާއިރު ސަމާލުވެގެން ކަމަށެވެ.

"އަހަރެން ދެކޭ ގޮތުގައި އިދިކޮޅު ޓީމުން ދައްކުވައިދީފި އެ ޓީމުގައި ގޮތެއް އެބަހުރިކަން. އަހަރެމެން 2-0 ގައި އޮއްވާ އެ ޓީމުން ލަނޑު ޖެހި. އަހަރެމެން އެގްރެސިވްކޮށް ނުކުޅެންޏާ، އަހަރެމެން ރަނގަޅަށް ނުކުޅެންޏާ އަނެއްކާ ވެސް އެ ޓީމުން އަހަރެމެންނަށް އުނދަގޫތަކެއް ޖައްސާނެ،" ފްރޭންކް ރައިކާޑުގެ އެސިސްޓަންޓް ކޯޗުގެ ގޮތުގައި ބާސެލޯނާގައި 2003 އިން 2008 އަށް މަސައްކަތްކުރި ރޮކާ ބުންޏެވެ.

ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ އޭނާގެ ޓީމުން ވަރަށް ރަނގަޅަށް ކުޅުނު ކަމަށާއި މައްސަލައަކަށްވީ ހެދުނު ދެ ގޯހެއްގެ ފައިދާ ނަގައި ބެންގަލޫރުން ދެ ގޯލް ޖެހުން ކަމަށެވެ.

"ފުރަތަމަ ދެ ގޯލް ވަނީ ވެސް ގޯސްތަކެއް ހެދިގެން. އެއީ އެންމެ ބޮޑަށް މެޗުގައި ވިސްނަން ބުނި ކަންތައް. އަނެއްކާ ފުރަތަމަ ގޯލް ވަންއިރު، ދަނޑުތެރެއިން ވެސް މައްސަލައެއް ދިމާވި. އެއީ (ބެންގަލޫރު ކުޅުންތެރިޔާ) ފުރަތަމަ ބޮލުން ޖެހުމުން ވިސްލްކުރި އަޑު އިވުމުން ކުޅުންތެރިންގެ ސަމާލުކަން ދިޔަ. އެކަމަކު އެޔެއް ނޫން ހަގީގަތުގައި، ހަމަ ކޯނަރުން އެ އައި ބޯޅަތަކަށް ސަމާލުނުވެވިގެން ގޯލް ވަނީ،" ނިޒާމްބެ ބުންޏެވެ.

ނިޒާމްބެ ބުނީ ލިބުނު ފުރުސަތުތަކުގެ 50 އިންސައްތަ ގޯލަށް ވައްދާލެވުނު ނަމަވެސް ރަނގަޅު ސްކޯލައިނެއް އަންނާނެ ކަމަށާއި އެކަމަކު ދެން މި ވަގުތު އެންމެ މުހިއްމީ އަވޭ ލެގަށް ވިސްނުން ކަމަށެވެ.

"އާއްމުކޮށް ދެން އެ ވަރަށް ފުރުސަތު ލިބިފައި މޮޅުނުވީމާ ފުޓްބޯޅައިގައި ބުނާނެ ނަސީބު އެހީނުވީޔޭ. އެކަމަކު އަޅުގަނޑުމެން މިހާރު މި ވިސްނަނީ ރަނގަޅުކުރަން ހުރި ކަންކަން ރަނގަޅުކޮށް ދެ ވަނަ ލެގަށް ނުކުންނަން،" އަންނަ އަންގާރަ ދުވަހު ބެންގަލޫރުގައި ކުޅޭ މެޗާ ބެހޭގޮތުން ނިޒާމްބެ ބުންޏެވެ.

ރޭގެ ނަތީޖާއާ އެކު ޓީސީ އަށް ގްރޫޕް ސްޓޭޖަށް ދެން ދެވެން އޮތީ ބެންގަލޫރުގައި ކުޅޭ ދެ ވަނަ ލެގުން ދެ ލަނޑުގެ ތަފާތަކުން މޮޅުވެގެންނެވެ. އެއްވަރުވިޔަސް ނުވަތަ އެއް ލަނޑުގެ ތަފާތަކުން ޓީސީ މޮޅުވިޔަސް ކުރި ލިބޭނީ ބެންގަލޫރަށެވެ.

ގްރޫޕް ސްޓޭޖަށް ހޮވޭ ޓީމެއް ވާދަކުރަން ޖެހޭނީ ރާއްޖޭގެ ނިއު ރޭޑިއަންޓާއި އިންޑިއާގެ އައިޒޯލް އެފްސީ އަދި ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ އެވެ.