ވަޒީފާގެ ބިރެއް ނެތް، ބޭނުމީ ޕީއެސްޖީ ބަލިކުރަން: ޒިދާން
ވަޒީފާގެ ބިރެއް ނެތް، ބޭނުމީ ޕީއެސްޖީ ބަލިކުރަން: ޒިދާން

މެޑްރިޑް (ފެބްރުއަރީ 14) - ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި މިރޭގެ މެޗަށް ނުކުންނައިރު ވަޒީފާ ގެއްލިދާނެ ކަމުގެ ބިރެއް ނެތް ކަމަށާއި ބޭނުންވަނީ ޕީއެސްޖީ ބަލިކުރަން ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ޒިނެދިން ޒިދާން ބުނެފި އެވެ.

ފަހަކަށް އައިސް ރެއާލުން ނެރެފައިވާ ނަތީޖާތަށް ދަށް ވުމުގެ ސަބަބުން އެ ޓީމުގައި އޭނާގެ މުސްތަގުބަލާ ގުޅޭގޮތުން ވަނީ ސުވާލު އުފެދިފަ އެވެ. އަދި އޭރު ޒިދާން ވަނީ ޗެމްޕިއަންސް ލީގުގައި ނަތީޖާ ނުކުންނަ ގޮތަކުން އޭނާ އަށް ރެއާލުގެ ކޯޗުކަން ގެއްލިދާނެ ކަމަށް ބުނެފަ އެވެ.

"އަހަރެންގެ މުސްތަގުބަލާ މެދު ނުވިސްނަން. އަހަރެންގެ ވިސްނުން ހުރީ ހަމައެކަނި މެޗަށް. މެޗުން މޮޅުވާން. އަހަރެން ހަމައެކަނި ވިސްނާނީ އަހަރެންގެ ކޮންޓްރޯލް ދަށުގައި ހުރި ކަންތައްތަކަށް. އެއީ ޓީމު ތައްޔާރުކޮށް މޮޅުވެވޭނެ ގޮތްތައް ހޯދުން،" މިރޭގެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޒިދާން ބުންޏެވެ.

މިރޭގެ މެޗުގައި އެންމެ ގިނަ ބަޔެއްގެ ލޯ އަމާޒުވާނެ ދެ ކުޅުންތެރިޔަކީ ރެއާލުގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޕީއެސްޖީގެ ނޭމާ އަށެވެ. ޒިދާން ބުނީ މި ދެ ކުޅުންތެރިން އަޅާކިޔުން ރަނގަޅެއް ނޫން ކަމަށެވެ.

"އެއީ ވަރަށް މޮޅު ދެ ކުޅުންތެރިން (ނޭމާ އާއި ރޮނާލްޑޯ). އަހަރެމެން މި ދައްކަނީ ވަރަށް އާދަޔާހިލާފު ކަންތައްތަކެއް ހާސިލް ކޮށްފައިވާ އެއް ކުޅުންތެރިޔެއް (ރޮނާލްޑޯ) ގެ ވާހަކަ. ފަސް ފަހަރު ބެލޮންޑިއޯ ހޯދައި 500 ގޯލު ޖަހާފައި ހުރި ކުޅުންތެރިޔެއް. އަހަރެން އެހެން ކުޅުންތެރިންނާ އަޅައެއް ނުކިޔާނަން. އަހަރެން ގޮތް ކިޔާނީ އަހަރެމެންގެ ކުޅުންތެރިންނަށް،" ޒިދާން ބުންޏެވެ.

ރޮނާލްޑޯ ވަނީ ޗެމްޕިއަންސް ލީގުގައި ރެއާލަށް 99 ލަނޑު ޖަހައިފަ އެވެ. ރެއާލް އެންމެ ފަހުން ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ކެޓީ ފްރާންސްގެ ޓީމެއް އަތުންނެވެ. އެއީ 2010 ވަނަ އަހަރު ލިޔޯނާ ވާދަކޮށެވެ.

ޕީއެސްޖީ އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި ކުޅުނު މެޗަކީ މިދިޔަ އަހަރު މުބާރާތުގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގުގައި ބާސެލޯނާ އަތުން 6-1 އިން ބަލިވި މެޗެވެ. ޕީއެސްޖީގެ ކޯޗު އުނާއި އެމެރީ ބުނީ އެ މެޗުގެ ހަނދާންތައް ހުރި ނަމަވެސް އެ ޓީމުން އެ ވާހަކައެއް ނުދައްކާ ކަމަށެވެ.

"ފަހަރެއްގައި އަހަރެމެންގެ ތައްޔާރީތައް ފެށުނީ އެ މެޗާ ހަމައިން ކަމަށް ވެސް ވެދާނެ. އަހަރެމެން ފިލާވަޅު ހޯދައިފިން. ޓީމު އިތުރަށް ވަރުގަދަވެއްޖެ. މިހާރު މިއޮތީ ވާދަކުރަން ތައްޔާރަށް،" އެމެރީ ބުންޏެވެ.

ޕީއެސްޖީ މިހާރު އޮތީ ކުރިއަށް ވުރެން ވަރުގަދަކޮށް ކަމަށާއި ނޭމާ އާއި ކިލިއަން އެމްބާޕޭއާ އެކު އެ ޓީމު ފުރިހަމަވެފައިވާ ކަމަށް އެމެރީ ވަނީ ބުނެފަ އެވެ.

ޕީއެސްޖީ އާއި ރެއާލް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:45 ގަ އެވެ.